ކުޅިވަރު

ދިވެހި ޕްރިމިއާ ލީގް ސްޕޮންސަރަކަށް މިފަހަރުވެސް އުރީދު

Aug 2, 2017

ދިވެހި ޕްރިމިއާ ލީގް ސްޕޮންސަރަކަށް މިފަހަރުވެސް، އުރީދޫ މޯލްޑިވްސް ހަމަޖައްސައި، އެއްބަސްވުމުގައި ސޮއި ކޮށްފި އެވެ. ސްޕޮންސާޝިޕް އެއްބަސްވުމާއެކު، މިފަހަރުވެސް ދިވެހި ޕްރިމިއާ ލީގް ޓައިޓަލް އަކަށް ވާނީ، 'އުރީދޫ ދިވެހި ޕްރިމިއާ ލީގް' އެވެ.

ދެހާސް ފަނަރަ ވަނަ އަހަރު، ދިވެހި ލީގްގެ ނަން، ދިވެހި ޕްރިމިއާ ލީގަށް ބަދަލު ކުރި ފަހުން، އެ ލީގްގެ ސްޕޮންސާ ކޮށްފައި ވަނީ އުރީދޫ އިން ނެވެ. ގައުމީ ފުޓްބޯޅަ ދަނޑުގެ ވީއައިޕީ ގައި މިއަދު ބޭއްވި، ރަސްމިއްޔާތު ގައި، އެއްބަސްވުމުގައި އުރީދޫގެ ފަރާތުން ވާހަކަ ދައްކަމުން، އެ ކުންފުނީގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވީ އުރީދޫ އަކީ ދިވެހި ރާއްޖޭގެ އިންސާނީ ވަސީލަތް ކުރިއެރުވުމަށް ބޮޑު އިސްކަމެއް ދޭ ބްރޭންޑެއް ކަމަށެވެ.

"ރާއްޖޭގެ ރައްޔިތުންގެ އިންސާނީ ތަރައްގީ ކުރިއެރުވުމަށް އަޅުގަނޑުމެން ވެފައިވާ ވައުދުގެ މައްޗައް ބިނާކޮށް ދިވެހި މުޖުތަމައު އާއި އެއްގޮތަށް، އަޅުގަނޑުމެންނަކީ ފުޓުބޯޅައަށް ލޯބިކުރާ، ފުޓުބޯޅައިން ވަކިވަކި ފަރުދުން އެއްބައިވަންތަކޮށްދޭ ކަމަށް ގަބޫލުކުރާ ކުންފުންޏެއް،" ނަޖީބު ވިދާޅުވި އެވެ. އެފްއޭއެމް އާއެކު ގާއިމްކުރެވިފައިވާ ޕާޓްނަރޝިޕްގެ ދަށުން، ދިވެހި ފުޓުބޯޅަ މަތީ ހަރުފަތަކަށް ގެންދިޔުމަށް ރާއްޖޭގެ ކުޅުންތެރިންނަށް ރާއްޖެ އާއި ރާއްޖޭން ބޭރުގައި އިތުރަށް ކުރިއެރުން ހޯދުމަށް ފުރުޞަތުތައް ފަހިކޮށްދެވޭނެކަމަށް ޔަގީންކުރަން."

އެފްއޭއެމްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވި، އެ އިދަރާގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ، އުރީދޫއިން ސްޕޮންސާ ކުރާ މިފަހަރުގެ ދިވެހި ޕްރިމިއާ ލީގަކީ، މުޅި ރާއްޖެ ތަމްސީލު ކުރާ މުބާރާތެއް ކަމަށެވެ. މިފަހަރުގެ މުބާރާތުގައި އަތޮޅު ފުޓްބޯޅަ މުބާރާތް: މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރު ޓީމު ވާދަ ކުރަނެ އެވެ. މިއީ އަތޮޅު ތަކުން މިހަ ގިނަ ޓީމުތައް ދިވެހި ލީގްގައި ވާދަ ކުރާ ފުރަތަމަ ފަހަރެވެ.

"ދިވެހި ފުޓުބޯޅައިގެ ކުރިއެރުމަށް އަޅުގަނޑުމެން ކުރާ މަސައްކަތުގައި އުރީދޫ މޯލްޑިވްސް އިން ދެއްވާ ތަރުހީބާއި އެއްބާރުލުމަށް ޝުކުރުއަދާކުރަން. އުރީދޫ ޕްރިމިއަރ ލީގްގެ އާ ސީޒަންގައި، މާލޭގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގެ ހުނަރުވެރި ޓީމުތަށް ފެނިގެންދާނެ. ސަޕޯޓަރުންގެ ތަރުހީބާއި އެކު، ޓީމްތަކުގެ ފަރާތުން ބަލާހިތްވާ ފަދަ ކުޅުމެއް ފެނި، ލީގުގެ ފެންވަރު ރަނގަޅުވެގެންދާނެ މިއީ ރާއްޖޭގެ އެންމެ މަތީ ފަންތީގެ ޓީމުތަކާއި ވާދަކޮށް، ކުޅުންތެރިންގެ ހުނަރު ދައްކާލުމަށް ފޯރުކޮށްދެވޭ ރަނގަޅު ފުރުސަތެއް." ބައްސާމް ވިދަޅުވި އެވެ.

މިފަހަރުގެ އުރީދޫ ދިވެހި ޕްރިމިއާ ލީގް ފޯރިގަދަ ކުރުމުގެ ގޮތުން އެފްއޭއެމުން ވަނީ ގިނަ ހަރަކާތްތަކެއް ހިންގުމަށް ރާވާފަ އެވެ. އެގޮތުން، ލީގް އޯޕަނިން ސެރުމަނީ އަށް، އެފްއޭއެމުން ވަނީ، ފްރާންސްގެ ވޯލްޑްކަޕް ތަރި މާސެލް ޑެސައިލީ އަށް ދައުވަތު ދީފަ އެވެ. އަދި މިއަހަރުގެ ލީގަށް ހާއްސަކޮށް ފެންޓަސީ ލީގެއް އެފްއޭއެމުން ވަނީ ތާރަފު ކޮށްފަ އެވެ.

ލީގް ސްޕޮންސާޝިޕްގައި އުރީދޫ އާއި އެފްއޭއެމްއާ ދެމެދު ސޮއި ކުރި އެއްބަސްވުމުގެ އަގެއް ހާމަ ކޮށްފައެއް ނުވެ އެވެ.