މިއަންނަ މަހު ރާއްޖޭގައި އޮންނަ ސާފް ޗެމްޕިއަންޝިޕްގެ ޓައިޓަލް ސްޕޮންސަރުކަން އުރީދޫ މޯލްޑިވްސް އިން ހޯދައިފި އެވެ.
މިއީ ރާއްޖެއަށް ނިސްބަތްވާ ކުންފުންޏަކުން ސާފް ޗެމްޕިއަންޝިޕްގެ ޓައިޓަލް ސްޕޮންސާކަން ނެގި ފުރަތަމަ ފަހަރެވެ. އުރީދޫ މޯލްޑިވްސް އަކީ ގަތަރުގެ މަލްޓި ނޭޝަނަލް މުއާސަލާތީ ކުންފުނި އުރީދޫން ރާއްޖޭގައި ހިންގާ ރާއްޖެއަށް ނިސްބަތްވާ ކުންފުންޏެކެވެ. އުރީދޫއިން ޓައިޓަލް ސްޕޮންސާކަން ނެގުމާއެކު މިފަހަރުގެ މުބާރާތް ކުރިއަށް ދާނީ "އުރީދޫ ސާފް ޗެމްޕިއަންޝިޕް" ގެ ނަމުގަ އެވެ. އެއީ މުބާރާތުގެ ނަމަށް ޓައިޓަލް ސްޕޮންސާ ލުމަށް ހަމަޖެހިފައި ވާތީ އެވެ.
މީގެ ކުރިން ޓައިޓަލް ސްޕޮންސާގެ ނަން ލައިގެން ސާފް ޗެމްޕިއަންޝިޕް ކުރިއަށް ގެންގޮސްފައި ވަނީ ތިން ފަހަރަކު އެވެ. އެއީ 1999 ވަނަ އަހަރު އިންޑިއާގެ ގޯއާގައި މުބާރާތް ބޭއްވި އިރު އެފަހަރުގެ ޓައިޓަލް ސްޕޮންސާ ކޮކާ ކޯލާގެ ނަން ބޭނުންކޮށް "ސާފް ކޮކާ ކޯލާ ޗެމްޕިއަންޝިޕް" ގެ ނަމުގަ އެވެ. އަދި 2015 ވަނަ އަހަރު އިންޑިއާގެ ޓްރިވެންޑްރަމުގައި މުބާރާތް ބޭއްވި އިރާއި 2018 ވަނަ އަހަރު ބަންގްލަދޭޝްގެ ޑާކާގައި މުބާރާތް ބޭއްވިއިރު މުބާރާތަށް ނަން ދީފައި ވަނީ "ސާފް ސުޒުކީ ކަޕު" ގެ ނަމުންނެވެ.
ސާފް ޗެމްޕިއަންޝިޕްގެ ނަމުގައި އެންމެ ފުރަތަމަ މި މުބާރާތް ބާއްވާފައި ވަނީ 1997 ވަނަ އަހަރު އެވެ. އޭގެ ފަހުން ސާފް ޗެމްޕިއަންޝިޕްގެ 12 މުބާރާތެއް ކުލެވުނު އިރު، މިފަހަރު ރާއްޖޭގައި އޮންނާނީ މި މުބާރާތުގެ 13 ވަނަ އެޑިޝަނެވެ.
ރާއްޖެ އިން 2008 އަދި 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕްގެ ތަށި ނެގިއިރު، މި މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބު ކޮށްފައި ވަނީ އަވަށްޓެރި އިންޑިއާ އިންނެވެ. އިންޑިއާއިން ހަތް ފަހަރު މި މުބާރާތް ކާމިޔާބު ކުރި އެވެ. އަދި ބަންގްލަދޭޝް، އަފްޣާނިސްތާންގެ އިތުރުން ސްރީ ލަންކާ، މީގެ ތެރެއިން ކޮންމެ ގައުމެއް ވެސް ވަނީ މި މުބާރާތް އެއް ފަހަރު ކާމިޔާބު ކޮށްފަ އެވެ.
މިއީ ރާއްޖޭން ހޯސްޓްކުރާ ބައިނަލްއަގްވާމީ ހަތަރު ވަނަ މުބާރާތަށެވެ. މީގެ ކުރިން 2008 ވަނަ އަހަރު ރާއްޖެއިން ސާފް ޗެމްޕިއަންޝިޕު ބޭއްވީ ލަންކާ އާއި ގުޅިގެންނެވެ. ރާއްޖެއިން ވަނީ އެފަހަރުގެ މުބާރާތް ކާމިޔާބު ކޮށްފަ އެވެ. އޭގެ އިތުރުން 2000 ވަނަ އަހަރުގެ ގޯލްޑަން ޖުބިލީ މުބާރާތާއި 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕް ރާއްޖެއިން ވަނީ ހޯސްޓު ކޮށްފަ އެވެ.