ކުޅިވަރު

ދިވެހި ޕްރިމިއާ ލީގަށް ރެކޯޑް ބަޖެޓެއް، 11.2 މިލިއަން ރުފިޔާ

Aug 2, 2017
2
  • ޓީމުތަކުގެ ސަބްސިޓީއަށް 10 މިލިއަން ރުފިޔާ
  • އިނާމު ފައިސާ އެއް މިލިއަން ރުފިޔާ
  • ޗެމްޕިއަން ޓީމަށް 300،000 ރުފިޔާ

މިއަހަރުގެ އުރީދޫ ދިވެހި ޕްރިމިއާ ލީގަށް 11.2 މިލިއަން ރުފިޔާ ބަޖެޓެއް ވަނީ ކަނޑައަލާފަ އެވެ. މިއީ ރާއްޖޭގެ އެންމެ ބޮޑު ލީގަށް މިހާ ބޮޑު އަދަދެއް ކަނޑައެޅި ފުރަތަމަ ފަހަރެވެ.

އެފްއޭއެމްއިން މިއަހަރު ފާސް ކުރި ބަޖެޓާއި، ކުލަބު ތަކަށް ދޭ ސަބްސިޓީ ފައިސާއާ އެކު ޖުމުލަ، 11،296800 (އެގާރަ މިލިއަން ދެ ލައްކަ ނުވަދިހަ ހަ ހާސް އަށް ސަތޭކަ) ރުފިޔާ ވަނީ، ދިވެހި ޕްރިމިއާ ލީގަށް ކަނޑައަޅާފަ އެވެ. މިދިޔަ އަހަރު ދިވެހި ޕްރިމިއާ ލީގަށް ކަނޑައަޅާފައި ވަނީ 8.6 މިލިއަން ރުފިޔާ އެވެ.

ކުލަބު ތަކަށް ސްބްސިޓީގެ ގޮތުގައި 10 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ. އެއީ ދިވެހި ޕްރިމިއާ ލީގްގައި ވާދަ ކުރާ، ފުރަތަމަ ޑިވިޝަންގެ ގަދަ ހަތަރު ޓީމުގެ ތެރެއިން ކޮންމެ ޓީމަކަށް، އެއް މިލިއަން ރުފިޔާ އާއި އަތޮޅު މިނިވަން ޗެމްޕިއަންޝިޕް ގަދަ ހަތަރު ޓީމުގެ ތެރެއިން ކޮންމެ ޓީމަކަށް ދޭ 1.5 މިލިއަން ރުފިޔާ އެވެ.

އެއަށްފަހު އެންމެ ބޮޑު އަދަދެއް ކަނޑައަޅާފައި ވަނީ އިނާމު ފައިސާ އަށެވެ. އިނާމު ފައިސާ އަށް ކަނޑައަލާފައި ވަނީ އެއް މިލިއަން ރުފިޔާ އެވެ. އިނާމު ފައިސާގެ ތެރެއިން ޗެމްޕިއަންކަން ހޯދާ ޓީމަށް 300،000 ރުފިޔާ ލިބިގެން ދާނެ އެވެ. އަދި ބާކީ ހަތް ލައްކަ ރުފިޔާ ބެހިގެން ދާނީ ގަދަ ހަ ޓީމުގެ މެދުގަ އެވެ.

މެޗުތަކުގެ ހަރަދުތަކަށް 84،000 ރުފިޔާ ވަނީ ކަނޑައަލާފަ އެވެ. މެޗުގެ ބޯޅަ އަށާއި އެހެން ބައެއް ސަމާނަށް 50،000 ރުފިޔާ ވަނީ ކަނޑައާލަފަ އެވެ. މިފަހަރު ދިވެހި ޕްރިމިއާ ލީގްގައި ސަޕޯޓަރުންނަށް ދަނޑަށް ވަދެވޭނީ ޓިކެޓް ގަނެގެން ނެވެ. ޓީކެޓް ޕްރިންޓް ކުރުމަށާއި ވިއްކުމުގެ ހަރަދުގެ ގޮގައި 114000 ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ.

ދިވެހި ލީގް ހުޅުވުމުގެ ރަސްމިއްޔަތަށް، ހާއްސަ މެހެމާނެއްގެ ގޮތުގައި، އެފްއޭއެމުން ވަނީ ފްރާންސްގެ ވޯލްޑް ކަޕް ތަރި މާސެލް ޑެސައިލީ އަށް ދައުވަތު ދީފަ އެވެ. އެއީ ރައްޖޭގެ ފުޓްބޯޅަ ފޯރިގަދަ ކުރުމަށާއި ޕްރަމޮޓް ކުރުމުގެ ގޮތުންވެސް މެއެވެ. އެހެން ކަމުން ޑެސައިލީ ގެންނަން ހިނގާ ހަރަދު ކުރާނީ، މާކެޓިން އާއި ޕްރަމޮޝަންގެ ދަށުން ކަަމަށް ބެލެވެ އެވެ.