ކުޅިވަރު

އެތުލެޓިކްސްގެ އައިއޭއޭއެފްގެ ހިދުމަތުގެ އެވޯޑް މައިޒާން އަލިބެ އަށް

Aug 2, 2017

އެތުލެޓިކްސް ކުރި އެރުވުމުގެ ގޮތުން، ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކޮށްދީފައި ވާތީ، ބައިނަލްއަގްވަމީ އެތުލެޓިކްސް އެސޯސިއޭޝަންތަކުގެ ޖަމްއިއްޔާ (އައިއޭއޭއެފް) ދޭ އަގުވަޒަން ކުރުމުގެ އެވޯޑް، އެތުލެޓިކްސް އެސޯސިއޭޝަންގެ ކުރީގެ ރައީސް އަލީ މަނިކު (މައިޒާން އަލިބެ) އަށް އަރުވައިފި އެވެ.

ލަންޑަން މިހާރު ފަށާފައިވާ އައިއޭއޭއެފް ޗެމްޕިއަންޝިޕްގެ ކުރިން، ބޭއްވި އެ ޖަމްއިއްޔާގެ ކޮންގްރެސްގައި، އަލިބެ އަށް ވަނީ، އައިއޭއޭއެފް ވެޓަރަން ޕިން އެވޯޑް ހަވާލު ކޮށްދެވާފަ އެވެ.

މައިޒާން އަލިބެ އަށް އެވޯޑް ލިބުމުން، އެތުލެޓިކްސް އެސޯސިއޭޝަނުން ބުނީ، އަލިބެ އަށް ބައިނަލްއަގްވަމީ އެތުޮލެޓިކްސް އެވޯޑެއް ލިބުމަކީ، ރާއްޖޭގެ އެތުލެޓިކްސް އާއިލާ އާއި މުޅި ކުޅިވަރު އާއިލާއަށް ލިބުނު ބޮޑު ފަހްރެއް ކަމަށެވެ. އަދި ދުނިޔޭގެ އެތުލެޓިކްސް ފެޑްރޭޝަނުން ދިވެއްސަކަށް އެވޯޑެއް ދިނުމަކީ ބައިނަލްއަގްވަމީ ފެންވަރެއްގައި ރާއްޖޭގެ އެތުލެޓިކްސް ބަލައިގަންނަކަން ހަމަކޮށްދޭ ކަމެއް ކަމަށްވެސް، އެ އެސޯސިއޭޝަނުން ބުނެފައި ވެއެވެ.

ރާއްޖެއަށް، އެތުލެޓިކްސްގައި ލިބުނު އެންމެ ފުރަތަމަ މެޑަލް ލިބުނީ އަލިބެގެ ޗެއާމަންޝިޕް ކަމުގެ ދަށުން ނެވެ. އެގޮތުން 2010 ވަނަ އަހަރު، ސައުތު އޭޝިއަން ގޭމްސްގައި ސްޕްރިންޓިންގް ޓީމުން ހޯދި، މެޑަލް އަކީ އަލިބެ ގެ ދައުރުގައި ހޯދި ކާމިޔާބެކެވެ.