ބޮލީވުޑްގައި ފުރަތަމަ އުފައްދާ ސައިންސް ފިކްޝަން ފިލްމު "ޗަންދާމަމާ ދޫރް ކޭ" ގައި ޒުވާން އެކްޓަރު ސުޝާންތް ސިންގް ރާޖްޕުތް ފެނިގެންދަނީ އެސްޓްރޮނޯޓެއްގެ ރޯލުންނެވެ.
ސުޝާންތް މި ފިލްމަށް ތައްޔާރުވަމުން އަންނަތާ ދުވަސްތަކެއް ވެފައިވާއިރު، ފިލްމުގެ ޝޫޓިން ފެށުމުގެ ކުރިން ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީ އަކީ އެސްޓްރޮނޯޓަކަށް ވާން ނާސާގައި ފުރިހަމަ ކުރަން ޖެހޭ ތަމްރީނުތަކެކެވެ.
ލިޔުންތެރިޔާ އަދި ޑައިރެކްޓަރު ސަންޖޭ ޕުރަން ސިންގް ޗޯހާން އުފައްދާ މިފިލްމުގެ އެންމެ ފަހުގެ ތައްޔާރީތައް ސުޝާންތް ވަމުން އަންނައިރު، އޭނާ ވަނީ ނާސާގައި ހަދަމުން އަންނަ ތަމްރީނުތަކުގެ ތެރެއިން ބައެއް ފޮޓޯތައް އާންމުކޮށްފަ އެވެ.
ހުދުކުލައިގެ ސްޕޭސް ސޫޓެއްގައި ސްޕޭސް ވޯލްކް ޑްރިލްތަކެއް ފުރިހަމަ ކުރަމުން އަންނަ ފޮޓޯއެއް ޓްރޭޑް އެނަލިސްޓް ތަރަން އަދާޝް ވަނީ ޓްވީޓްކޮށްފަ އެވެ. ތަރަން ވަނީ ނާސާގައި ސުޝާންތް ހާއްސަ ތަމްރީނުތަކެއް ފުރިހަމަ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ނާސާ ސްޕޭސް އެންޑް ރޮކެޓް ސެންޓަރުގައި ސުޝާންތް ހަދަމުން އަންނަ ތަމްރީނުތަކުގެ ތެރޭގައި ޖައްވަށް ދާ އެސްޓްރޮނޯޓުން ފުރިހަމަކުރާ ހުރިހާ ތަމްރީނެއް ފުރިހަމަކުރާނެ އެވެ.
ސުޝާންތާ އެކު މި ފިލްމުގައި އެސްޓްރޮނޯޓެއްގެ ރޯލުން މަޝްހޫރު އެކްޓަރު ނަވާޒުއްދީން ސިއްދީގީ ވެސް ފެނިގެންދާނެ އެވެ.
މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އިންޑިއާގެ ޖުމްހޫރީ ދުވަހު އެވެ. ފިލްމަށް ތައްޔާރުވުމުގެ ގޮތުން ތަރިން ހަދަން ޖެހޭ ތަމްރީނުތައް ފުރިހަމަ ނުކުރެވޭތީ ފިލްމުގެ ޝޫޓިން އަދިވެސް ފަށާނެ ދުވަހެއް ހާމައެއްނުކުރެ އެވެ.
ހާއްސަ މިޝަނެއްގައި އިންޑިއާއިން ހަނދަށް ފޮނުވާލާ އެސްޓްރޮނޯޓް ޓީމެއްގެ މައްޗަށް އުފައްދާ މި ފިލްމުގެ ހާއްސަ ރޯލަކުން އާރް މާދަވަން ވެސް ފެނިގެންދާނެ އެވެ.
މި ފިލްމުގައި ސުޝާންތް ބޭނުންކުރާ ސްޕޭސް ސޫޓް ޑިޒައިން ކުރަނީ ހޮލީވުޑް ފިލްމު "ދަ މާޝަން" ގައި އެސްޓްރޮނޯޓް މާކް ވެޓްނީގެ ރޯލު ކުޅެފައިވަނީ މެޓް ޑޭމަންގެ ސޫޓް ޑިޒައިންކުރި ޑިޒައިނަރު ޖޯން ޕޯލްމާ އެވެ.