މެންޗެސްޓާ ޔުނައިޓަޑަށް އެންމެ ފަހުން، ސޮއި ކުރި، ނެމެންޔާ މަޓިޗް ކުޅުމާ މެދު، ޔުނައިޓަޑްގެ ކޯޗް ހޯސޭ މޮރީނިއޯ، ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަން ފާޅު ކޮށްފި އެވެ.
މޮރީނިއޯގެ ކުރީގެ ކުލަބު ޗެލްސީން 40 މިލިއަން ޕައުންޑަށް ޔުނައިޓަޑަށް ބަދަލުވި، މަޓިޗަށް، މޮރީނިއޯ ވަނީ، ރޭ، ސަމްޕްޑޯރިއާ އާ ދެކޮޅަށް ކުޅުނު މެޗުން ފުރުސަތު ދީފަ އެވެ. ރޭގެ މެޗު، ޔުނައިޓަޑް ކާމިޔާބު ކުރީ 2-1 ން ނެވެ.
ރޭ ގެ މެޗުގައި، މަޓީޗް ކުޅުނީ މެޗުގެ ފުރަތަމަ ހާފު އެކަންޏެވެ. މޮރީނިއޯ ބުނީ މަޓިޗްގެ އަސްލު ފޯމަށް އެޅޭން އޭނާ އަށް ވަގުތު ބޭނުންވާ ކަމަށެވެ.
"އޭނާ އަށް ވަގުތު ބޭނުންވޭ، އެކަމަކު އޭނާގެ ތަޖުރިބާ އާއި ތޫނުފިލިކަން އަދި ފުޓްބޯޅައާ މެދު އޭނާ ދެކޭ ގޮތް އެއީ ވަރަށް ބޮޑު ކަމެއް،" ޗެލްސީގައި ވެސް އޭނާ ކޯޗް ކޮށްދިން މަޓިޗް އާ ބެހޭގޮތުން މޮރީނިއޯ ބުންޏެވެ. "އޭނާގެ އަސްލު ފޯމަށް އެނބުރި އަންނަން އަހަރެމެން އޭނާ އަށް އެހީ ތެރި ވެދޭނަން."
މަޓިޗްގެ އިތުރުން، އަލަށް ގުޅުނު އަނެއް ދެ ކުޅުންތެރިން ކަމަށްވާ ވިކްޓާ ލިންޑެލޮފް އާއި ރޮމެލޫ ލުކާކޫ ވެސް ވަނީ، ރޭ ގެ މެޗުގައި ކުޅެފަ އެވެ. މޮރީނިއޯ ބުނީ އޭނާ ގެންނަން ބޭނުންވާ ހަތަރު ކުޅުންތެރިންގެ ތެރެއިން ތިން ކުޅުންތެރިން ގެނައުމަކީ، ކުލަބުގެ މެނޭޖްމެންޓުން ކޮށް ދިން ވަރަށް ބޮޑު ކަމެއް ކަމަށެވެ.
"އަހަރެން ބޭނުންވި ހަތަރު ކުޅުންތެރިންގެ ތެރެއިން ތިން ކުޅުންތެރިން ކުލަބުން ގެނެސްދީފި އެކަމަށްޓަކައި ކުލަބު މެނޭޖްމެންޓަށް ޝުކުރު އަދާ ކުރަން، އަހަރެން ބޭނުންވާ ހަތަރު ކުޅުންތެރިންވެސް ލިބޭނަމަ އެއީ އަހަންނަށް ލިބޭނެ ވަރަށް ބޮޑު އުފަލެއް، އެހެން ނަމަވެސް މިހާހިސާބަށް ވެސް މެނޭޖްމެންޓުން ކުރީ ވަރަށް ބޮޑު ކަމެއް."
މޮރީނިއޯ ބޭނުންވާ، ހަތަރު ވަނަ ކުޅުންތެރިޔަކީ، އިންޓަ މިލާންގެ އީވަން ޕެރަސިޗް އެވެ. އެންތޮނީ މަޝިއަލް އިންޓަ އަށް ދޫކުރަން އެއްބަސްވާ މަތިން، އިންޓައިން ޕެރަސިޗް، ޔުނައިޓަޑަށް ދޫކޮށްލާނެ ކަމަށް ބެލެވެ އެވެ.