ރާއްޖޭގައި ގޭންގް މާރަމާރީތައް "ހައްދުން މައްޗަށް" ގޮސްފައިވާ ކަމަށާއި ދައުލަތަށްވުރެ ވެސް ގޭންގުތައް މާ ބާރުގަދަ ކަމަށް އިދިކޮޅު އެމްޑީޕީގެ ޔޫތު ވިންގް އިން ބުނެފި އެވެ.
އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ޕާޓީގެ ޔޫތު ވިންގެ ރައީސް މީކާއިލް ނަސީމް ވިދާޅުވީ ރާއްޖޭގެ ހާލަތު މިހާރު ބަދަލުވެފައި ވަނީ ދިރިއުޅެން ދަތިވެ މަގު މައްޗައް ނިކުމެލަން ނުކުރޭ ދަރަޖައަކަށް ކަމަށެވެ. އެގޮތުން މި އަހަރު މިހާތަނަށް އައި އިރު 370 އަށް ވުރެ ގިނަ މާރަމާރީތައް ހިނގާފައިވާ ކަމަށާއި ނަމަވެސް އެކަންކަމަށް ވުރެ ބޮޑަށް ސިޔާސީ ކަންކަމަށް ދައުލަތުން އިސްކަމެއް ދޭތީ ކަންބޮޑުވާ ކަމަށެވެ. އަދި ސަރުކާރުގެ އަމަލުތައް ހުންނަ ގޮތުން ދައުލަތަށް ވުރެ ގޭންގުތައް ބާރުގަދަ ކަމަށް ބެލެވޭ ކަމަށް ވެސް މީކާއިލް ވިދާޅުވި އެވެ.
"ގޭންގުތަކުގެ ނުފޫޒު ދިވެހި ދައުލަތަށް ވަރަށް ބޮޑަށް އޮވޭ، ދައުލަތަށް ވުރެ މިހާރު ގޭންގުތައް މާ ބާރުގަދަ ހެން ވެސް ހީވޭ، މި ހުރިހާ ކަމެއް ހިނގަމުންދާ އިރު ވެސް ދައުލަތުގެ އިސްވެރިންނެއް އެކަންކަމަށް ކަންބޮޑެއް ނުވޭ،" މީކާއިލް ވިދާޅުވި އެވެ. "މިކަންކަން ރަނގަޅު ނުކުރެވޭނަމަ އަޅުގަނޑު ގޮވާލަން ހޯމް މިނިސްޓަރާއި ކޮމިޝަނާ އޮފް ޕޮލިސް އިސްތިއުފާ ދިނުމަށް،"
ފުލުހުންނަށް ފާޑު ވިދާޅުވަމުން މީކާއިލް ވިދާޅުވީ އެ މުއައްސަސާއަށް ކޮންމެ އަހަރަކު 1.3 ބިލިއަން ރުފިޔާ ހަރަދު ކުރާ އިރު ފުލުހުން ވަނީ ދިވެހިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ބޮޑުތަނުން ފެއިލްވެފައި ކަމަށެވެ. އަދި ސިޔާސީ ހައްޔުކޮށްގެން އުޅޭތީ މުޒާހަރާ ކުރަން ސުޕްރީމް ކޯޓާ ކައިރިވަން ފުލުހުން ޖާގަ ނުދޭ އިރު އެ ކޯޓުގެ ކުރިމަތީގައި ޒުވާނުން ގަޔަށް ވަޅި ހަރަމުންދާ މަންޒަރު ފުލުހުންނަށް ނުފެންނަ ކަމަށެވެ. އެހެންކަމުން އެކަމާ ވަރަށް ކަންބޮޑުވާ ކަމަށް މީކާއިލް ވިދާޅުވި އެވެ.
ފަހަކަށް އައިސް މާލޭގައި ހިނގަމުން އަންނަ މާރަމާރީތަކާ ގުޅިގެން ފުލުހުން މިހާތަނަށް ވަނީ ގްރޫޕްތަކަށް ނިސްބަތްވާ 23 މީހުން ހައްޔަރުކޮށްފަ އެވެ. އަދި އިތުރު 34 މީހުން ހައްޔަރު ކުރުމަށް ފުލުހުން އަންނަނީ މަސައްކަތް ކުރަމުންނެވެ.