ކުޅިވަރު

ދިވެހި ލީގް ހުޅުވައިދޭން ފްރާންސްގެ ތަރި ޑެސައިލީ ރާއްޖޭގައި

Aug 3, 2017

މާދަމާ ރޭ ފެށުމަށް ހަމަޖެހިފައިވާ، ދިވެހި ޕްރިމިއާ ލީގްގެ ހުޅުވުމުގެ ރަސްމިއްޔާތުގެ، ހާއްސަ މެހެމާނެއްގެ ގޮތުގައި، ފްރާންސްގެ ވޯލްޑް ކަޕް ތަރި، މާސެލް ޑެސައިލީ މާލޭ އަތުވެއްޖެ އެވެ.

އޭނާ މާލެ އައިސް ފައި ވަނީ މިއަދު، އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން، ޑެސައިލީ އަށް މަރުހަބާ ވިދާޅުވީ، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އާއި އެފްއޭއެމްގެ ސީނިއާ އޮފިޝަލުން ނެވެ.

ފްރާންސްގެ ގައުމީ ކެޕްޓަންކަން ވެސް ކުރި، ޑެސައިލީ އަކީ 1998 ގެ ވޯލްޑް ކަޕާއި ޔޫރޯ 2000 ފްރާންސަށް ހޯދައިދިނުމުގައި، ފްރާންސްގެ ޑިފެންސް ލައިންގައި މުހިންމު ދައުރެއް އަދާ ކުރި ކުޅުންތެރިޔެކެވެ. އަދި އޭނާ ވަނީ 2001 ވަނަ އަހަރާއި 2003 ވަނަ އަހަރުގެ ފީފާ ކޮންފެޑްރޭޝަން މުބާރާތް ކާމިޔާބު ކުރި، ފްރާންސްގެ ސްކޮޑްގައިވެސް ހިމެނިފަ އެވެ.

ކުލަބު ލެވަލްގައި ހޯދި ކާމިޔާބު ތަކަށް ބަލައިރު، އޭނާ ވަނީ ފްރާންސްގެ އޮލިމްޕިކް މާސެލޭ އާއި އިޓަލީގެ އޭސީ މިލާންއާ އެކު ޗެމްޕިއަންސް ލީގް ހޯދާފަ އެވެ. މިލާން އާއެކު ދެ ފަހަރެއްގެ މަތިން އިޓާލިއަން ލީގް ހޯދި އެވެ. އަދި ޗެލްސީއާ އެކު އިނގިރޭސި އެފްއޭ ކަޕްގެ ޗެމްޕިއަންކަން ވެސް ހޯދި އެވެ.

ގާނާ އަށް އުފަންވި ނަމަވެސް، އޭނާ ފްރާންސަށް ބަދަލުވީ، އޭނާގެ މަންމަ ފްރާންސް މީހަކާ ކައިވެނި ކުރުމުން ނެވެ. ގާނާގެ ގައުމީ ޓީމަށް ކުޅުމުގެ ދައުވަތު އޭނާ އަށް ލިބުނު ނަމަވެސް ކާމިޔާބު ހޯދަން ބޭނުންވާތީ، އޭނާ އިހްތިޔާރު ކުރީ ފްރާންސްގެ ގައުމީ ޓީމެވެ.

ދެހާސް ހަ ވަނަ އަހަރު ޑެސައިލީ ކުޅުން ހުއްޓާލީ، ގަތަރު ސްޕޯޓްސް ކުލަބަށް ކުޅުމަށް ފަހު އެވެ.