ކުޅިވަރު

މާޒިޔާ - ކުޑަހުވަދޫ މެޗް ޕްރީވިއު

އުރީދޫ ދިވެހި ލީގު މާދަމާ ރޭ ހުޅުވައިދޭ މެޗް ވެގެން ދާނި ވަރަށްވެސް ފޯރި ގަދަ މެޗަކަށެވެ. ސަބަބުތަށް ބައިވަރެވެ. ރެކޯޑް ބަޖެޓެއްގައި މިފަހަރު ބާއްވާ މުބާރާތް ވެގެން ދާނީ އަތޮޅު ތަކުގެ ޓީމު ތަކަށް ފުރުސަތު ދީގެން ބާއްވާ މިފަދަ ފުރަތަމަ މުބާރާތަށެވެ.

މިނިވަން ޗެމްޕިއަންޝިޕުގެ ޗެމްޕިއަން ކުޑަހުވަދޫ ދިވެހި ލީގަށް ނިކުންނަ އިރު ޓީމަށް މާބޮޑެތި ބަދަލު ތަކެއް ނާދެއެވެ. ދިވެހި ލީގުގައި ވާދަ ކުރާ ޓީމުތަކުގެ ތެރެއިން ކުޑަހުވަދޫ ނޫން ހުރިހާ ޓީމަކުންވެސް ވަނީ ގިނަ އަދަދެއްގެ ކުޅުންތެރިން ގެނެސްފައެވެ. ނަމަވެސް ކުޑަހުވަދޫ އަކީ އާދައިގެ ޓީމެއްގެ ގޮތުގައި ދެކިގެން ނުވާނެ އެވެ. ތަޖުރިބާ ކާރު ކޯޗު މޯހަންގެ އިރުޝާދުގެ ދަށުން ނިކުންނަ ކުޑަހުވަދޫ އަކީ ކައުންޓާ އެޓޭކަށް ލޯބި ކުރާ ޓީމެކެވެ. މެދު ތެރެ ވަރުގަދަ ކުޑަހުވަދޫ އަކީ އިދިކޮޅު ޓީމަށް ބޯޅަ ދީގެން ކުޅޭ ޓީމެކެވެ. ކުޑަހުވަދޫގެ ދެ އަރިމަތި ވެސް ވަރަށް ވަރުގަދައެވެ. މިކަން މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލް ގައި ވަރަށް ރަނގަޅަށް އެންގިގެން ދިޔައެވެ. ގަދަ ހަތަރަކަށް ޓާގެޓް ކޮށްގެން ނިކުންނަ ކުޑަހުވަދޫއަށް މާދަމާ ވެގެން ދާނީ ބޮޑު ދުވަހަކަށެވެ.

ސީޒަން ވަރުގަދަ ކޮށް ފެށި މާޒިޔާއިން ވަނީ އޭއެފްސީ ކަޕާއި މާލޭ ލީގު ފުރަތަމަ ބުރުގައި މޮޅު ކުޅުމެއް ދައްކާފައެވެ. އޭއެފްސީ ގްރޫޕްގެ ދެވަނައިގައި ނިންމާލި މާޒިޔާ މާލެ ލީގު ދެވަނަ ބުރު ގައި ފެނުނީ ވަރަށް ދަށް ކޮށެވެ. އީގަލްސް އަތުން 0-4 ބަލިވިއިރު ވާދަވެރި ނުއު އަތުން އެއްވަރުވެ މާޒިޔާއަށް ލީގު ލިބުނީ ލަންޑުގެ ތަފާތުން އެވެ. ޓީމުގެ ކުޅުން ދަށް ވުމާ ގުޅިގެން މާޒިޔާއިން ވަނީ ޓްރާންސްފާގައި ޓީމު ވަރަށް ވަރުގަދަ ކޮށްފައެވެ. މުހަންމަދު އާރިފް (ބަކާ)، އަސްމާއިލް އީސާ (މެސީ) ގެ އިތުރުން އަންދްރެ ކެރިޗް އާއި ސީރިޔާގެ ގޯލް ކީޕަރު
މާހްމޫދް އަލް ޔޫސުފް ވަނީ މާޒިޔާއަށް ގެނެސްފައެވެ. މާދަމާގެ މެޗަށް ނިކުންނަ އިރު މާޒިޔާ އަކީ ލީގު ކާމިޔާބު ކުރާނެ ކަމަށް ގިނަ ބަޔަކު ގަބޫލު ޓީމް އެވެ.

ދެ ޗެމްޕިއަނުންގެ ވަރުގަދަ ކުރިމަތިލުމަށް ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ވަންނާނެ ކަމަށް ބެލެވޭއިރު މި މެޗުގެ ހާއްސަ މެހެމާނަކާށް
ފްރާންސް ކުރީގެ ތަރި މާސެލް ޑެސައިލީ ގެއްނާނެ ކަން އެފްއޭމްގެ ރައީސް ބާއްސާމް އާދިލް ޖަލީލް ވަނީ ބުނެފަ އެވެ.

މާޒިޔާ އަދި ކުޑަހުވަދޫ ކުޅޭ މެޗު ފަށާނީ މާދަމާ ރޭ 9:00 ގަ އެވެ.