ރާއްޖެ ކުޅިވަރު

ލަލީގާއިން ނޭމާގެ ޓްރާންސްފާ ހުއްޓުވައިފި

ބާސެލޯނާ ދޫކޮށް ޕީއެސްޖީއަށް 222 މިލިއަން ޔޫރޯގެ އަގަކަށް ބަދަލުވާން އުޅޭ ބްރެޒިލްގެ ތަރި ނޭމާގެ ޓްރާންސްފާ، ސްޕެއިންގެ ލީގް ލަލީގާގެ އޮފިޝަލުން ބަލައި ނުގެންފި އެވެ.

ލަލީގާގެ އޮފިޝަލުން މީޑިއާތަކަށް ބުނި ގޮތުގައި ނޭމާގެ ޓްރާންސްފާ ގަބޫލު ނުކުރީ، ޕީއެސްޖީ އިން ޔޫރަޕްގެ ފުޓުބޯޅަ އިދާރާ، ޔުއެފްއާގެ ފައިނެންޝްއަލް ފެއާ ޕްލޭ ގަވާއިދާ ހިލާފު ވެފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެވެ. ފައިނެންޝިއަލް ފެއާ ޕްލޭ ގަވާއިދަކީ 2011-2012 ވަނަ އަހަރުގެ ސިޒަނުން ފެށިގެން ކުރިޔަށް ގެންދާ ގަވާއިދެކެވެ. މިގަވާއިދު ބުނާ ގޮތުން ޔޫރަޕުގެ ޓީމަކަށް ޓްރާންސްފާގައި ހަރަދު ކުރެވޭނީ އެޓީމަކަށް އަހަރަކު ލިބޭ އާމްދަނީ އަށްވުރެ އިތުރަށް 30 މިލިއަން ޔޫރޯ އެވެ.

ތެލުގެ މުއްސަންދިކަން ލިބިފައިވާ ގަތަރުން ހިންގާ ޕީއެސްޖީ ވެފައި ވަނީ ފަހަކަށް އައިސް ޓްރާންސްފާ ބާޒާރުގައި ބޮޑެތި ހޭދަ ތަކެއް ކުރަމުން އަންނަ ޓީމަކަށެވެ. އެހެން ނަމަވެސް ޕީއެސްޖީއިން ބުނެފައި ވަނީ މި މައްސަލައިގެ ސަބަބުން ނޭމާ އެ ޓީމަށް ގެނައުމުގެ މަސައްކަތް މަޑު ނުޖެހޭނެ ކަމަށެވެ. އަދި އެކަން ހައްލުކުރަން ލޯޔަރުން މަސައްކަތް ފަށާފައިވާ ކަމަށް ވެސް ޕީއެސްޖީއިން ބުންޏެވެ.

ސްޕެއިންގެ ފުޓްބޯޅަ ލީގް ލަލީގާގެ ގަވާއިދު އޮންނަ ގޮތުން، ކުޅުންތެރިއަކު ޓީމް ބަދަލު ކުރާނަމަ، އެ ކުޅުންތެރިޔަކު ޖެހޭނީ ޓްރާސްފާއަށް ދައްކަން ޖެހޭ ފައިސާ ލަލީގާއަށް ދައްކާށެވެ. އަދި ޓްރާންސްފާ ނިމުމުން އެ ފައިސާ ކުޅުންތެރިޔާގެ ކުރީގެ ޓީމަށް ދައްކާނީ ލަލީގާއިން އެވެ. ބީބީސީ ސްޕޯޓްސްއަށް ލަލީގާގެ އޮފިޝަލުން ވިދާޅުވެފައި ވަނީ، ޓްރާސްފާގެ ފައިސާ ދެއްކުމަށް ނޭމާގެ ލޯޔަރުން ލަލީގާއަށް އައި ކަމަށާއި ނަމަވެސް ލީގުން އެ ފައިސާ ބަލައިގެންފައި ނުވާ ކަމަށެވެ.

ބާސެލޯނާއިން ވެސް ވަނީ ޕީއެސްޖީގެ މި މައްސަލަ ޔުއެފްއާއަށް ރަސްމީކޮށް ހުށައަޅާނެ ކަމަށް ބުނެފަ އެވެ. ނޭމާ ޕީއެސްޖީއަށް ދާކަން އިއްޔެ ކަށަވަރުވުމާ އެކު، އެކަން ވެފައި ވަނީ ފުޓްބޯޅައިގެ އެންމެ ނުފޫޒު ގަދަ ކްލަބް ބާސާގެ ސަޕޯޓަރުން ސިއްސުވާލި ކަމަކަށެވެ.