ކުޅިވަރު

ދިވެހި ޕްރިމިޔާ ލީގަށް ހާއްސަ ކޮށްގެން ފެންޓަސީ ލީގެއް

މިއަދު ފަށާ އުރީދޫ ދިވެހި ޕްރިމިޔާ ލީގަށް ހާއްސަ ކޮށްގެން ފެންޓަސީ ލީގެއް ތައާރަފު ކޮށްފި އެވެ. "ފެންޓަސީ ފުޓުބޯޅަ" މި ނަމުގައި ތައާރަފް ކޮށްފައިވާ މުބާރާތަކީ "ބްލޫ ފްރޮގް" އަދި އެފްއޭއެމް ގުޅިގެން ހިންގާ މުބާރާތެކެވެ.

ވެބް ބޭސްޑް މި މުބާރާތަކީީ ބައިވެރިންނަށް އަމިއްލަ ޓީމެއް ހިންގޭ މުބާރާތެކެވެ. މި ހިޔާލީ ޓީމުގައި ހިމެނޭނީ ދިވެހި ލީގުގައި ވާދަކުރާ ޓީމުތަކުގެ ކުޅުންތެރިންނެވެ. ޕޮއިންޓު އުސޫލުން ކުރިޔަށް ގެންދާ މި މުބާރާތުގައި ޕޮއިންޓު ލިބިގެންދާނީ ކުޅުންތެރިން ދަނޑުމަތީގައި ދައްކާ ކުޅުމުންނެވެ. ގޯލް، އެސިސްޓް އަދި ކްލީން ޝީޓް ފަދަ ކަންކަމަށް ޕޮއިންޓު ދެވޭނެ އެވެ.

މުބާރާތުގެ ފޯރިގަދަކޮށް ވާދަދެރިކަން އުފެއްދުމުގެ ގޮތުން ބޮޑެތި އިނާމު ތަކެއް ވަނީ ހުށައަޅާފަ އެވެ. އެއްވަނަ ހޯދާ ފަރާތަކަށް ޗެމްޕިއަންސް ލީގު މެޗެއެއް ބާލާލަން ދިއުމުގެ އިތުރަށް 20،000ރ. ގެ ފައިސާގެ އިނާމެއް ލިބެ އެވެ. ދެވަނަ އިނާމެއްގެ ގޮތުގައި ހުށައަޅާފައި ވަނީ ސާފް ޗެމްޕިއަންޝިޕަށް ހަތަރު ޓިކެޓާއެކު 10،000 ރ. އެވެ. ތިންވަނަ އިނާމަކަށް މާފުށި ކްރިސްޓަލް ސޭންޑްގައި ދެރޭގެ ހުރުމާއި އެކު 5،000ރ. އެވެ.

މިއަހަރުގެ ލީގު ފޯރިގަދަ ކުރުމުގެ ގޮތުން އެފްއޭއެމް އިން އަންނަނީ ބޮޑެތި ހަރަކާތް ތަކެއް ހިންގަމުންނެވެ. މިއީ މިކަމުގެ ދަށުން ކުރެވޭ ވަރަށް މުހިންމު މަސަތްކަތެކެވެ.