ކުޅިވަރު

ޑެސައިލީއާއެކު ފޮޓޯ ނެގުމުގެ ފުރުސަތު އެފްއޭއެމްއިން ހުޅުވާލައިފި

މިރޭ ފަށާ އުރީދޫ ދިވެހި ލީގު ހުޅުވައިދޭ މެޗުގެ ހާއްސަ މެހެމާން، ފުރާންސްގެ ކުރީގެ ތަރި އަދި ކެޕްޓަން މާސެލް ޑެސައިލީ އާއެކު ޕޮޓޯ ނެގުމުގެ ފުރުސަތު އެފްއޭއެމްއިން ހުޅުވާލައިފި އެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ ޖަވާޒް ވިދާޅުވީ މި ފުރުސަތު ލިބިގެން ދާނީ ގުރު ގައި ބައިވެރިވާ ފަރާތް ތަކުގެ ތެރެއިން 10 ނަސީބުވެރިޔަކަށް ކަމަށާއި ގުރުގައި ބައިވެރި ވުމަށް މިރޭ މެޗުގެ ޓިކެޓެއް ގަންނަނ ޖެހޭނެ ކަމަށެވެ. މިރޭ ކުޑަހުވަދޫ އާއި މާޒިޔާ ބައްދަލި ކުރާ މެޗުގެ ޓިކެޓް އުޅެނީ ސިޑިބަރިން ފަސް ރުފިޔާ އަދި ގޮންޑިބަރިން 10 ރުފިޔާއަށެވެ.

އުމުރުން 48 އަހަރުގެ ޑެސައިލީ އޭނާގެ ކެރިއަރު ފެށީ 1986 ވަނަ އަހަރު ފަރަންސޭސި ކްލަބް ނޭންޓްސް އިންނެވެ. އެއަށް ފަހު އޭނާ ވަނީ މާސޭ އާއެކު ޔޫރަޕުގެ އެންމެ ޝަރަފްވެރި ފުޓުބޯޅަ މުބާރާތް ކަމުގައިވާ ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައެވެ. މާސެލް ވަނީ އިޓަލީގެ ވަރުގަދަ ބާރެއް ކަމަށް ވާ އޭސި މިލާނާއި އިންގިރޭސި ކްލަބް ޗެލްސީއަށް ކުޅެފަ އެވެ. މިލާނާއެކު ވެސް މާސެލް ވަނީ ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފަ އެވެ. ފަރަންސޭސި ގައުމީ ޓީމަށް 116 މެޗު ކުޅެ ދީފައިވާ މާސެލް ވަނީ 1998 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2000 ވަނަ އަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރަތް ވެސް ކާމިޔާބު ކޮށްފަ އެވެ.

ދިވެހި ލީގު ހުޅުވައިދޭ މެޗުގައި ބައްދަލު ކުރާނީ މާޒިޔާ އާއި ކުޑަހުވަދޫ އެވެ. މެޗު ފެށޭނީ މިރޭ 9:00 ގަ އެވެ.