ބޮލީވުޑް

އަކްޝޭގެ "ޕެޑްމަން" އަންނަ އެޕްރީލްގައި ސްކްރީނަށް

Aug 5, 2017

އިންޑިއާގައި އެންމެ ފުރަތަމަ އަގު ހެޔޮކޮށް ސެނިޓަރީ ނެޕްކިންސް އުފައްދައި ވިއްކަން ފެށި މީހާގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމު "ޕެޑްމޭން" ގައި އޭނާގެ ރޯލުން ފެނިގެންދާނީ ސުޕަސްޓާ އަކްޝޭ ކުމާރެވެ.

އަކްޝޭގެ އަންހެނުން ޓްވިންކަލް ކަންނާގެ އަމިއްލަ ޕްރޮޑަކްޝަން ކުންފުނި، މިސިޒް ފަނީ ބޯންސް މޫވީސްއިން އުފައްދާފައިވާ މި ފިލްމު ރިލީޒްކުރާ ދުވަސް މިވަނީ ހާމަކޮށްފަ އެވެ.

އާރް ބަލްކީ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ފުރަތަމަ ޕޯސްޓަރަކާ އެކު ކުރި ޓްވީޓެއްގައި ޓްވިންކަލް ވަނީ ފިލްމު އަންނަ އެޕްރީލް 13 ވަނަ ދުވަހު ރިލީޒްކުރަން ނިންމާފައިވާ ކަމަށް ބުނެފަ އެވެ.

އަކްޝޭ ވައިގެ ތެރެއަށް ދެއަށް ފުޅާކޮށްގެން ބައިސްކަލެއް ދުއްވާފައިވާ ދާ ފޮޓޯގައި އަކްޝޭ ފެނިގެންދަނީ ވަރަށް އާދައިގެ ގޮތަށް ހެދުން އަޅައި ފެންފައިވާނަކަށް އަރައިގެން ހުއްޓަ އެވެ.

މިހާރު މުއްސަނދި ވިޔަފާރިވެރިޔާ އަރުނަޗަލަމް މުރުގަނަންތަމްގެ ރޯލުން އަކްޝޭ ފެނިގެންދާ މި ފިލްމުގައި އޭނާގެ އަންހެނުންގެ ރޯލުން ފެނިގެންދާނީ ރާދިކާ އަޕްޓޭ އެވެ. މި ފިލްމުގައި މުހިންމު ރޯލަކުން ބަތަލާ ސޯނަމް ކަޕޫރު ވެސް ފެނިގެންދާނެ އެވެ.

މި ފިލްމުގައި މެގަސްޓާ އަމީތާބް ބައްޗަން މެހެމާނެއްގެ ރޯލުން ފެނިގެންދާނެ އެވެ.

އަރުނަޗަލަމް ކިޔާ އިންޑިއާގައި އެންމެ ފުރަތަމަ އަގު ހެޔޮކޮށް ސެނިޓަރީ ނެޕްކިންސް އުފައްދައި ވިއްކަން ފެށި މީހާގެ ހަޔާތުގެ މައްޗަށް އުފައްދާ މި ފިލްމުގައި އޭނާ އިންޑިއާގެ ރަށްފުށު ސަރަހައްދުގައި ދިރިއުޅޭ އަންހެނުންނަށް މައްސަރު ދުވަސްވަރު ޕެޑް ބޭނުންކުރުމުގެ މުހިންމު ކަމާއި ސާފުތާހިރުވުމާ ބެހޭގޮތުން ހޭލުންތެރިކުރުވި ގޮތް ވެސް ފެނިގެންދާނެ އެވެ.

އަކްޝޭގެ ފިލްމަކަށް ދެން އެންމެ އަވަހަށް ރިލީޒްވާނީ އަންނަ ހުކުރު ދުވަހު ރިލީޒްކުރާ "ޓޮއިލެޓް" އެވެ.