ކުޅިވަރު

ލީގް ހުޅުވީ ޑެސައިލީ، މޮޅުވިޔަސް މާޒިޔާ ތަފާތެއް ނޫން

Aug 5, 2017
2

ފްރާންސްގެ ވޯލްޑްކަޕް ތަރި މާސެލް ޑެސައިލީއާއެކު، މިއަހަރުގެ އުރީދޫ ދިވެހި ޕްރިމިއާ ލީގް، ހުޅުވި މެޗުގައި، ދ. ކުޑަހުވަދޫ އަތުން، 4-0 މޮޅުވިޔަސް، ބަދަލު ތަކާއެކު ނިކުތް މާޒިޔާއަށް މާބޮޑު ތަފާތެއް ނުދެއްކުނެވެ.

މެޗު ފަށައިގެން، 40 ވަނަ ސިކުންތުގައި، މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ވަނީ، ކުޑަހުވަދޫގެ ގޯލް ހުޅުވާފަ އެވެ. ކުޑަހުވަދޫގެ ޕެނަލްޓީ އޭރިއާ ތެރޭގައި، ހުރެފައި، އިސްމާއީލް އީސާ ދިން، ބޯޅަ އަކުން، އަސަދުﷲ ވަނީ ފަސޭހަ ކަމާއެކު މާޒިޔާއަށް ލީޑް ނަގައިދީފަ އެވެ.

އަސަދުﷲ ޖެހި ގޯލަކީ، އުރީދޫ ދިވެހި ޕްރިމިއާ ލީގް ހަޔާތުގައި ޖެހި، ދެ ވަނަ އަށް އެންމެ އަވަސް ގޯލެވެ. އެންމެ އަވަސް ގޯލް ޖަހާފައި ވަނީ، މިދިޔަ އަހަރުގެ ލީގްގައި، ޔުނައިޓަޑް ވިކްޓަރީއާ ދެކޮޅަށް، ކުލަބު ވެލެންސިއާ ކުޅުނު މެޗުގައި، ވެލެންސިއާގެ އަހްމަދު ރިލްވާން އެވެ. އޭނާ ލަނޑު ޖެހީ، މެޗު ފެށައިގެން 20 ވަނަ ސިކުންތުގަ އެވެ.

އަސަދުﷲ ގެ ލަނޑާއެކު، މާޒިޔާއިން، ގިނަ ގޯލްތަކެއް ޖަހާނެ ކަމަށް ބެލެވުނު ނަމަވެސް، އެ ޓީމުން ތިބީ، މެދު ތެރޭގައި ޕާސް ޖަހާލަ ޖަހާލަ އެވެ. ހަތަރު ވަރަކަށް ހަމަލާ އުފެއްދި ނަމަވެސް، އެދެވޭ ގޮތުގައި އެއްވެސް ބޯޅަ އެއް ފޮނުވާލެވިފަ އެއް ނުވެ އެވެ. އޭގެތެރެއިން ދެ ފުރުސަތެއް، ލިބުނީ، މާލޭ ލީގްގައި، ވިކްޓަރީއަށް ކުޅުމަށްފަހު، ޖުލައި ޓްރާންސްފާ ޕީރިއަޑްގައި، މާޒިޔާއަށް ބަދަލުވި، ކޮރޭޝިއާގެ ސްޓައިކަރު އަންދުރޭ ކެރިޗް އަށެވެ. ފުރަތަމަ ހާފަުގައި، އޭނާ ފޮނުވާލި ދެ ބޯޅަ ވެސް ދިޔައީ ގޯލްގެ އަރިމަތިން ބޭރަށެވެ.

މާޒިޔާގެ، ކުޅުންތެރިންނަށް، ފުރަތަމަ ހާފުގައި، ކުޑަހުވަދޫ އާމެދު ފަސޭހަކޮށް ވިސްނުނީތޯ ސުވާލު ކުރުމުން، މާޒިޔާގެ ކޯޗް މަރުޔަން ސެކްލޮސްކީ ބުނީ، ވިކްޓަރީ ހޭދަ ކުރުމަށްފަހު، މާޒިޔާއަށް އައި ކުޅުންތެރިން އައީ، ތިން މަހު ޕްރެކްޓިސް ނުކޮށްތިބެ ކަމަށާއި، އެކުޅުންތެރިންނަށް އިތުރު ވަގުތު ބޭނުންވާ ކަމަށެވެ. ނަމަވެސް ކީޕަރު މަހުމޫދު އަލް ޔޫސުފް ފިޔަވައި ފުރަތަމަ ހާފުގައި، މާޒިޔާގެ ފުރަތަމަ އެގާރައިގައި ހިމަނާ ފައި ވަނީ، ވިކްޓަރީ އަށް ކުޅުނު ދެ ކުޅުންތެރިން ނެވެ. އެއީ އިސްމާއީލް އީސާ އާއި ކެރިޗް އެވެ.

ރަށުގައި ތިބެ، މެޗު ކުޅެން، މާލެ އައި، ކުޑަހުވަދޫ ޓީމުން، ވަނީ ފުރަތަމަ ހާފަގެ ފަހު 10 މިނެޓްތެރޭ، މާޒިޔާގެ ފަހަތަށް ޕްރެޝާ ކޮށްފަ އެވެ. ނަމަވެސް، އެ ޓީމަށް، ފުރަތަމަ ހާފުގައި، ލިބުނީ ފަހި އެންމެ ފުރުސަތެކެވެ. ޕެނަލްޓީ އޭރިއާ ރޮނގުމަތިން ލިބުނު އެބޯޅަ، ފޮނުވާލެވޭ ގޮތެއް ނުވި އެވެ.

ދެ ވަނަ ހާފަުގައި، މާޒިޔާއިން ކުޅުން ވަރަށް ބޮޑަށް ރަނގަޅު ކުރި އެވެ. ދެ ވަނަ ހާފު ފެށިގެން ހަތަރު ވަނަ މިނެޓްގައި، މާޒިޔާގެ ކެރިޗަށް ވަނީ ލަނޑު ޖަހާނެ ރަނުގެ ފުރުސަތެއް ލިބިގެން ގޮސްފަ އެވެ. އީސަ ޕެނަލްޓީ އޭރިއާ ތެރޭގައި ހުރެފައި ދިން ބޯޅަ، ޖަހަން ކެރިޗް މަސައްކަތް ކުރި ނަމަވެސް، އެ ބޯޅަ އޭނާ ގެ ފަޔަށް ރަނގަޅަށް އަރާ ގޮތެއް ނުވި އެވެ. ބޯޅަ ދިޔައީ އޭނާގެ ފައިގައި ޖެހިފައި ގޯލް ދަނޑި ކައިރިން ބޭރަށެވެ.

މެޗުގެ 56 ވަނަ މިނެޓްގައި އަސަދުﷲ، ދިން ފުރުސަތަކުން، ކެރިޗް ވަނީ މާޒިޔާގެ ދެ ވަނަ ގޯލް ޖަހާފަ އެވެ. މެޗުގެ 60 ވަނަ މިނެޓްގައި، މާޒިޔާގެ ޕެނަލްޓީ އޭރިއާ ތެރެއިން ކުޑަހުވަދޫގެ އާދަމް ޝަހީމް އަށް ލިބުނު ބޯޅަ، އޭނާ ފޮނުވާލުމުން، ލިބުނީ މާޒިޔާގެ ކީޕަރު މަހްމޫދަށެވެ.

މެޗުގެ 70 ވަނަ މިނެޓްގައިވެސް ކެރިޗް ލަނޑު ޖެހީ، އަސަދުﷲ ދިން ބޯޅަ އަކުން ނެވެ. ކުޑަހުވަދޫ ކޮޅަށް ހަތަރު ލަނޑު ވަން ނަމަވެސް، އެޓީމުގެ ކީޕަރު އަބްދުﷲ ޔަޒީދު ވަނީ، ދެ ވަނަ ހާފަުގައި މޮޅެތި ސޭވް ތަކެއް ކޮށްފަ އެވެ.

މެޗުގެ 73 ވަނަ މިނެޓްގައި މާޒިޔާއިން ޖެހި ހަތަރު ވަނަ ލަނޑަކީ ކުޑަހުވަދޫގެ ކެޕްޓަން އިބްރާހިމް ރަޝާދު އަތުން ބައި ކޮޅަށް ވަން ލަނޑެކެވެ. މާޒިޔާގެ ޔަޝްފާދު ހަބީބު (މުލަކޭ) އަށް ލިބުނު ބޯޅަ، ކުޑަހުވަދޫގެ ގޯލަށް ފޮނުވާލުމުން، އެ ބޯޅަ، ރަޝާދު ފައިގައި ޖެހިފައި މިސްރާބު ބަދަލުވެ ވަނީ ގޯލްގެ ތެރެއަށެވެ.