ކުޅިވަރު

ނިއު، ޓީސީ ހެންވޭރުގެ ބޮޑު ކުރިމަތިލުމަކަށް

އުރީދޫ ދިވެހި ލީގުގައި ނިއު ރޭޑިއަންޓް އަދި ޓީސީ މިރޭ ބައްދަލު ކުރާ މެޗު ވެގެން ދާނީ ވަރަށް ވެސް ވާދަވެރި މެޗަކަށެވެ. ހެންވޭރައް ނިސްބަތްވާ ދެ ޓީމު މިރޭ ކުރިމަތި ލާއިރު ޝެއިހް ކަމާލް ކަޕްގެ ޗެމްޕިއަން ޓީސީއަށް މިސީޒަނުގައި އަދި ނިއު ބަލި ނުކުރެވެ އެވެ.

ދިވެހި ލީގަށް ބޮޑެތި ހޭދަތަކެއް ކޮފައިވާ ނިއު އިން ވަނީ އަލީ އަޝްފާގް (ދަގަނޑޭ)، އިބްރާހިމް ފަޒީލް (އޮއްޕޮ)، ރިލްވާން ވަހީދު (ރިލޭ)، ހަސަން އަދުހަމް (ސަޑޭ) ގެ އިތުރުން ލުބްނާންގެ ޑިފެންޑަރު ހުސެއިން އެލް ޑޯރް އަދި ސްޕޭންގެ މިޑްފިލްޑަރެއް ކަމަށް ވާ ކެންޑޭލާވެސް އެޓީމަށް ގެނެސްފައެވެ. ލީގަށް އެންމެ ވަރުގަދަ ސްކޮޑާ އެކު ނިކުންނަ ނިއުއަށް ލީގު ކާމިޔާބު ނުކޮށް ފަރުޖައްސާ ނުލެވޭނެއެވެ. މާލޭ ލީގުގައި ވެސް ބޮޑު ނާކާމިޔާބީ އަކާ ކުރިމަތި ލާންޖެހުނު ނިއު މާލޭ ލީގު ނިންމާލީ ލީގުގެ ތިން ވަނައިގައެވެ. އެހެން ކަމުން ދިވެހި ލީގުގެ ފުރަތަމަ މެޗުން މޮޅެއް ހޯދުން ނިއުއަށް ވަރަށް މުހިންމެވެ. މާލޭ ލީގަށް ފަހު ނިއުގެ ކޯޗު އޮސްކާ ބްރުޒޯން ބުނެފައި ވަނީ ނިއު ދިވެހި ލީގަށް އެންބުރި އައްނާނީ ވަރުގަދަ ކޮށްކަމަށެވެ.

ޓީސީއަކީ މާލޭ ލީގުގައި ނަސީބު އެންމެ ބޮޑަށް އެހީވި ޓީމެވެ. ދިވެހި ލީގުން ޓީސީ ޖާގަ ހޯދީ ހަނި ގޮތަކަށެވެ. ފަހު މެޗު ވިކްޓްރީ އަތުން މޮޅުވެ އީގަލްސް ކަޓުވާލައި ޓީސީއަށް ދިވެހި ލީގަށް ކޮލިފައި ވެވުނީ ގްރީން ސްޓްރީޓްގެ އެހީގައެވެ. ފަހު މެޗުގައި ގްރީން އިން އީގަލްސް ބަލި ކުރުމާއެކު ޓީސީއަށް ދިވެހި ލީގުން ފުރުސަތު ލިބުނީއެވެ. ކަން މިހެން ހިންގާފައި އޮތްނަމަވެސް ޓީސީއަކީ އަންޑައެސްޓިމޭޓް ކޮއްގެން ވާނެ ޓީމެއްނޫނެވެ. ދިވެހި ލީގަށް ޓީސީއިންވެސް ވަނީ އިތުރު ކުޅުންތެރިންތަކެއް ގެނެސް ޓީމު ވަރުގަދަ ކޮފައެވެ. އީގްލްސްގެ ޒާދު އާއި ނިއުގެ ސުހެއިލް (ބަންބުޗް)ގެ އިތުރުން މިސްރުގެ ކުޅުންތެރިޔެއް ވެސް ވަނީ ޓީމަ ގުޅިފައެވެ. އަވަސް ޕާސްތަކެއް ޖަހައިގެން ކުޅޭ ޓީސީ އަކީ ކައުންޓާއެޓޭކް ގައިވެސް ނުރައްކާތެރި ޓީމެކެވެ. ޒުވާން ހުނަރުން ފުރިފައިވާ ޓީސީ އަކީ ގޮތްނޭގޭ ޓީމެކެވެ. މިމެޗާ ކުރިމަތިލާއިރު ނިއުއިން ޓީސީއަށް ސަމާލު ވާންޖެހޭނެއެވެ.

ލީގުގައި ރޭ ކުޅުނު މެޗުން މޮޅުވެ ތާވަލްގެ އެއްވަނަގައި ފައިދާ ހަތަރު ގޯލާއެކު އޮތީ މާޒިޔާއެވެ. ޓީސީ އަދި ނިއުއަށް ވެސް މިރޭގެ މެޗު މޮޅަކާއެކު ފެށުން މުހިންމެވެ. އެހެންކަމުން މިރޭގެ މެޗުވެގެންދާނީ ވަރަށް ވާދަވެރި މެޗަކަށެވެ. ނިއު އާއި ޓީސީ ބައްދަލުކުރާ މެޗް ފަށާނި މިރޭ 9:00 ގައެވެ.