ފިނިޕޭޖް

ސުޝާންތްގެ "ރޯ" އަށް ޕްރޮޑިއުސަރަކު ނުލިބިފައި

Aug 6, 2017

ޒުވާން އެކްޓަރު ސުޝާންތް ސިންގް ރާޖްޕުތްގެ އެންމެ ފަހުން ރިލީޒްވި ފިލްމު "ރާބްތާ" ބޮކްސް އޮފީހުގައި ފްލޮޕްވި ނަމަވެސް ކުރިއަށް އޭނާ އަށް ބޮޑެތި ފިލްމުތަކަކުން ވަނީ ފުރުސަތު ލިބިފަ އެވެ.

އެ ފިލްމުތަކުގެ ތެރޭގައި ސާރާ އަލީ ޚާން ބޮލީވުޑަށް ނިކުންނަ "ކެދާރްނަތް" އާއި އޭނާ އެސްޓްރޮނޯޓެއްގެ ރޯލުން ފެނިގެންދާ "ޗަންދާ މަމާ ދޫރް ކޭ" އާއި "ޑްރައިވް" އަދި "ރޯ" ހިމެނެ އެވެ.

ސުޝާންތް މިހާރު ތައްޔާރުވަމުން އަންނަ ފިލްމު "ޗަންދާ މަމާ ދޫރް ކޭ" އަށް ފަހު ދެން އެންމެ އަވަހަށް އޭނާ ޝޫޓިން ފަށާ ގޮތަށް ހަމަޖެހިފައި އޮތް ފިލްމަކީ "ރޯ" އެވެ. ނަމަވެސް މި ފިލްމަށް އަދިވެސް ޕްރޮޑިއުސަރަކު ނުލިބި، ފިލްމުގެ މަސައްކަތް ހުއްޓިފައިވާ ކަމުގެ އަޑުތަކެއް ވަނީ އަރާފަ އެވެ.

"ރޯ" ގައި މަސައްކަތް ކުރަމުން އައި ފަރާތަކުން ނޫސްތަކަށް ބުނެފައިވާ ގޮތުގައި އެ ފިލްމު އިއުލާންކޮށްފައި އޮންނަތާ ވަރަށް ގިނަ ދުވަސް ވަނީ ވެފަ އެވެ. ނަމަވެސް ފިލްމުގެ ބަޖެޓް ބޮޑުކަމުން އެއްވެސް ޕްރޮޑިއުސަރަކު މި ފިލްމު އުފައްދަން ބޭނުމެއްނުވެ އެވެ.

އިންޑިއާގެ އިންޓެލިގެންސް، ރިސާޗް އެންޑް އެނަލިސިސް ވިންގް (ރޯ) ގެ އެޖެންޓެއްގެ ގޮތުގައި ސުޝާންތް ފެނިގެންދާ މި ފިލްމުގެ މަސައްކަތް ހުއްޓާލާފައިވާތީ އޭނާ ވަނީ އެހެން ފިލްމުތަކަށް ވަގުތު ދޭން ނިންމާފަ އެވެ. އެގޮތުން "ރޯ" އާ ނުލާވެސް ސުޝާންތް އަތުގައު ކުލެން ސޮއިކޮށްފައިވާ ތިން ފިލްމެއް އެބަ އޮތެވެ.

"ރޯމިއޯ އަކްބަރް ވޯލްޓާ، "ރޯ" ނަމަކަށް ކިޔާ މި ފިލްމަކީ 1971 ވަނަ އަހަރުގައި ހިނަގި ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. ފިލްމުގެ މަންޒަރުތައް ކުރިން ނެގުމަށް ހަމަޖައްސާފައި އޮތީ ޖަމްއު ކަޝްމީރުގަ އެވެ.

ސުޝާންތް މިހާރު އަންނަނީ އަންނަ މަހުގެ ޝޫޓިން ފަށާ "ޗަންދާ މަމާ ދޫރް ކޭ" އަށް ނާސާގައި ތަމްރީނުތަކެއް ފުރިހަމަ ކުރަމުންނެވެ.