ބޮލީވުޑް

ފުޓްބޯޅައިގެ މައްޗަށް އުފައްދާ ފިލްމު ރަންބީރު ދޫކޮށްލައިފި

Aug 6, 2017

ދެހާސް ފަނަރަ ވަނަ އަހަރު ނިކުތް އެންމެ ކާމިޔާބު އެއް ފިލްމު "ޕީކޫ" ޑައިރެކްޓްކުރި ޝޫޖިތް ސިރްކާރް، ޒުވާން އެކްޓަރު ރަންބީރު ކަޕޫރާ އެކު ފިލްމެއް އުފައްދަން އިންތިޒާރުގައި ހުންނަތާ ވަރަށް ގިނަ ދުވަސްވެއްޖެ އެވެ.

ރަންބީރު ލީޑްރޯލުގައި ހިމަނައިގެން ފުޓްބޯޅައިގެ މައްޗަށް އުފައްދަން ޝޫޖިތް ތައްޔާރުވަމުން އައި ފިލްމު އޭނާ އަށް ހުށަހަޅާފައި އޮންނަތާ ދުވަސްތަކެއްވެއްޖެ އެވެ.

ނަމަވެސް މިދިޔަ މަހުގައި ނިކުތް ޖައްގާ ޖާސޫސް" ގެ ޕްރޮމޯޝަން މަސައްކަތުގައި ބުރަކޮށް އުޅެން ޖެހުމުން ރަންބީރު އޮތީ އެ ފިލްމާ ގުޅޭގޮތުން ޝޫޖިތްއާ މަޝްވަރާ ނުކުރެވިފަ އެވެ. މިހާރު ރަންބީރު ކުޑަކޮށް ފްރީވުމުން އޭނާ ވަނީ މިދިޔަ އަންގާރް ދުވަހު ޝޫޖިތްގެ އޮފީހުގައި މި ފިލްމާ ގުޅޭގޮތުން އޭނާ އާއެކު މަޝްވަރާ ކޮށްފަ އެވެ.

އެހެންނަމަވެސް އެތަކެއް ދުވަސްތަކެއް ވަންދެން ޝޫޖިތް އިންތިޒާރުގައި ބަހައްޓައި ރަންބީރު ވަނީ އެ ފިލްމަށް ނޫނެކޭ ބުނެފަ އެވެ. ޝޫޖިތްއާ އެކު ކުރިއަށް ދިޔަ ބައްދަލުވުމުގައި ވެސް އޭނާ އާއި ރަންބީރާ ދެމެދު ފިލްމާ ގުޅޭ މާ ގިނަ ވާހަކަތަކެއް ކުރިއަށް ނުދާ ކަމަށް ހަބަރުތައް ބުނެ އެވެ.

އެ ބައްދަލުވުމުގެ ރަންބީރަށް ފިލްމުގެ ސްކްރިޕްޓް ޝޫޖިތް ކިޔައިދިން ނަމަވެސް ފިލްމުގެ ވާހަކައާ މެދު ގަޔާނުވާ ކަމަށް ބުނެ ރަންބީރު ވަނީ ބައްދަލުވުން ކުރުކޮށްފައި އެނބުރި ގޮސްފަ އެވެ.

ރަންބީރާ އެކު ކުރިއަށް ދިޔަ ބައްދަލުވުމާ ގުޅިގެން ޝޫޖިތް ވަނީ އެ ދެމީހުން އެއްވެސް ފިލްމެއްގެ ވާހަކަ ނުދައްކާ ކަމަށާއި އެ ބައްދަލުވުމަކީ ކުރިއަށް އޮތް ފުޓްބޯޅަ މުބާރާތަކާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމެއް ކަމަށް ބުނެފަ އެވެ.

ފުޓްބޯޅައިގެ މައްޗަށް އުފައްދާ ފިލްމުގެ ލީޑްރޯލަށް ރަންބީރު ހަމަޖައްސަން ޝޫޖިތް ވަރަށް މަސައްކަތްކުރި ނަމަވެސް އޭނާ ވަނީ އެ ފިލްމު ނުކުޅޭން ނިންމާފަ އެވެ. އަދި ޝޫޖިތްއާ ބައްދަލުކުރުމަށްފަހު ރަންބީރު އެ އޮފީހުން ނިކުތްއިރު އެ ތަނުގައި ތިބި ނޫސްވެރިންނާ ދެމެދު ކުޑަ ޒުވާބެއް ދިޔަ ކަމަށްވެ އެވެ.

ރަންބީރު މިހާރު ކުޅެމުން އަންނަނީ އެކްޓަރު ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމެވެ. މި ފިލްމުގެ ޝޫޓިން ވަރަށް އަވަހަށް ނިންމާލާނެ ކަމަށްވާއިރު، އޮކްޓޯބަރު މަހުގެ ތެރޭގައި އޭނާ އަޔާން މުކަރްޖީ އުފައްދާ ސުޕަހީރޯ ފިލްމުގެ ޝޫޓިން ފަށާނެ އެވެ.