ކުޅިވަރު

ދަގަނޑޭ އެނބުރި އައިސް، ނިއު މޮޅުކޮށްދީފި

އެއްވަނަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ)، ނިއުރޭޑިއަންޓާ އެކު އެނބުރި އައިސް ޓީސީ އަތުން 3-1 މޮޅުވެ، އުރީދޫ ދިވެހި ޕްރިމިއާ ލީގްގައި، ނިއުގެ ފެށުން ރަނގަޅު ކޮށްފި އެވެ.

މެޗު 1-1 އެއް ވަރުވެފައި އޮތްވައި، ނިއު މޮޅު ކޮށްދިނީ، އަޝްފާގް ކާމިޔާބު ކުރި ހިތްގައިމު ހިލޭ ޖެހުމަކުންނެވެ. މިރޭގެ މެޗުގައި، ފުރަތަމަ ލީޑް ނެގީވެސް، ނިއު އިންނެވެ. މެޗުގެ 48 ވަނަ މިނެޓްގައި، އެ ޓީމަށް ލީޑް ނަގައިދިނީ، ސްޕެއިންގެ ފޯވަޑް އެޑްރިއަން ގަލާޑޯ އެވެ.

ލީޑްގައި، ނިއު އަށް އޮވެވުނީ ކުޑަ ވަގުތު ކޮޅެއްގައެވެ. ޖެހިގެން އައި މިނެޓްގައި ޓީސީގެ ސްޓެވާޓް ކޯނެލިއަސް (ކޯނޭ) ބޮލުން ކާމިޔާބު ކުރި، ލަނޑާއެކު، ޓީސީ އިން ނަތީޖާ އެއްވަރު ކުރި އެވެ.

މެޗުގެ 74 ވަނަ މިނެޓްގައި، ޓީސީގެ ޑީއޭރިއާ ތެރެއިން، އެ ޓީމުގެ ބިދޭސީ ޑިފެންޑަރު އީސަ، ދަގަނޑޭ އަށް ކުރި ފައުލުގައި ދިން ހިލޭ ޖެހުން، ދަގަނޑޭ ފޮނުވާލީ، ގޯލްގެ އިރުމަތީ ފަރާތުން، ގޯލް ދަނޑިއާ، ޖެހޭ ހިސާބުން ގޯލް ތެރެއަށެވެ. އެބޯޅަ ސަލާމަތް ކުރަން ޓީސީގެ ނޭޕާލްގެ ކީޕަރު ލިމްބޫ ކިރަން ކުމާރު އަށް ކުރެވޭނެ މާބޮޑު ކަމެއްވެސް ނެތެވެ.

ޓީސީގެ ކޯޗް މުހައްމަދު ނިޒާމު ބުނީ، ނިއު ކޮޅަށް، ޓީސީން ލަނޑު ޖެހުމުން، ނިއުގެ ކުޅުންތެރިން ތިބީ، މޯރަލީ ދަށް ވެފައި ކަމަށާއި، މޯރަލް ޑައުން ވެފައި ތިބުމުން ހިލޭ ޖެހުމުން ގޯލް ޖެހުމުން، ނިއުގެ ކުޅުންތެރިންނަށް ހިތްވަރެއް ލިބިގެން ދިޔަ ކަމަށެވެ. އަދި އޭގެ ފަހުން، ޓީސީގެ ކުޅުންތެރިން، މޯރަލީ ދަށް ވެގެން ދިޔަ ކަމަށެވެ.

"ނިއު ރޭޑިއަންޓް ވަރަށް ބޮޑަށް ވެއްޓިފައިއިން ގަޑިއެއްގައި ސްޓްޕީސް އަކުން ގޯލް ވަނީ، ދެން އެހިސާބުން ޓީސީގެ ކުޅުންތެރިން އެނެއްކާވެސް މޯރަލީ ވެއްޓިގެން ދިޔަތަން ފެނުނީ،" ނިޒާމް ބުންޏެވެ. "މިވަރުގެ މެޗެއްގައި ފަހަތުން އަރާ އެއްވަރު ކޮށްފައި އިންދާ ނަތީޖާ އެނބުރިފައި އިންދާ ކޮންމެ ބަޔަކަށް ވެސް އުނދަގޫ ވާނެ އަނެއްކޮޅަށް އަނެއްކާ ނަތީޖާ އަނބުރާލަން."

އޭނާ ބުނީ، މެޗުން ބަލިވި ނަމަވެސް، ކުޅުންތެރިންގެ ފަރާތުން ފެނުނު ކަންކަމަށް ބަލާއިރު، ފެށުން ގޯސް ނޫން ކަމަށެވެ.

އަޝްފާގްގެ ލަނޑަށް ފަހު، ނިއު އިން ވަނީ، ކުޅުން ރަނގަޅުކޮށް، ޓީސީގެ ގޯލަށް ނުރައްކާ ކުރަން މަސައްކަތް ކޮށްފަ އެވެ. އެގޮތުން އަޝްފާގް ނެގި ކޯނަރަކުން، ގަލާޑޯ ފުންމައިގެން އަރައިން ބޮލުން ބޯޅައިގައި ޖަހަން މަސައްކަތް ކުރި ނަމަވެސް، އޭނާގެ ބޮލުގައި، ބޯޅަ ލައްވާ ނުލުމުން، އެ ބޯޅަ، ނިއު އަށް ބޭނުން ކުރެވޭ ގޮތެއް ނުވި އެވެ.

މެޗުގެ 81 ވަނަ މިނެޓްގައި ފެނިގެން ދިޔައީ، އަލީ ފާސިރު (ސެންޓޭ) ގެ މޮޅު ގޯލެކެވެ. ޓީސީގެ ޕެނަލްޓީ އޭރިއާ ތެރެއިން، އެ ޓީމުގެ ދެ ޑިފެންޑަރުން ކައިރިން ނައްޓާ ލުމަށްފަހު، ގޯލްގެ ހުޅަނގު ފަރާތުން، އަރިމަތީގައި ހުރެފައި ސެންޓޭ ބޯޅަ ފޮނުވާލީ ސީދާ ގޯލްގެ ތެރެއަށެވެ.

ފަހުން ޓީސީން އުފެއްދި ފުރުސަތެއްގައި، ހާފުގެ މެދެއްހާ ހިސާބުގައި ހުރެފައި ކޯނޭ ފޮނުވާލި ބޯޅަ، ނުރައްކާ ކޮށް ދިޔަ ނަމަވެސް، އެ ބޯޅަ ދިޔައީ ގޯލްގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.

އޭގެ ފަހުން، އަޝްފާގް ވަނީ، ގަލާޑޯއަށް، ރަނުގެ ފުރުސަތެއް ތަނަވަސް ކޮށްދީފަ އެވެ. ޕެނަލްޓީ އޭރިއާ ތެރެއިން، އަޝްފާގް، ގަލާޑޯ އަށް ދިން ބޯޅަ، ގޯލާ، އަމާޒުކޮށް ފޮނުވާލުމުން، އެބޯޅަ ދިޔައީ، ގޯލް ހުރަސްކޮށް، އިރުމަތި ފަރާތު ގޯލް ދަނޑީގެ ތިރީގައި ކޭތިލާފައި ބޭރަށެވެ. އޭގެ ފަހުން ވެސް ޓީސީގެ ޑިފެންޑަރެއް ކައިރިން، ނައްޓާލާފައި، ގަލާޑޯ ލިބުނު ބޯޅަ އޭނާ އަށް ނަގައިދެވުނީ ޓީސީގެ ގޯލް ކުރިމައްޗަށް ވާގޮތަށް ހުރަހެކެވެ.

މާދަމާ ހަވީރު ކުޅޭ މެޗުގައި، ބައްދަލު ކުރާނީ، ށ. މިލަންދޫ އާއި ގްރީން ސްޓްރީޓް ކުޅޭ މެޗެވެ. ރޭގަނޑު އޮންނާނީ، އއ. މާޅޮސް އާއި ގދ. ތިނަދޫ ބައްދަލު ކުރާ މެޗެވެ.