މަޝްހޫރު ކޮރިއޮގްރާފާ އަދި ޑައިރެކްޓަރު ރެމޯ ޑިސޫޒާ ޑާންސްގެ މައްޗަށް ދެން އުފައްދާ ފިލްމެއްގެ ލީޑްރޯލުން ފެނިގެންދާނީ ސުޕަސްޓާ ސަލްމާން ޚާން އެވެ.
ސަލްމާނާ އެކު ބަތަލާގެ ރޯލުން ޖެކުއަލީން ފާނެންޑޭޒް ފެނިގެންދާ ގޮތަށް ހަމަޖެހިފައި އޮތް މި ފިލްމު، "ޑާންސިން ޑޭޑް" ސަލްމާން ދޫކޮށްލާފައިވާ ކަމުގެ ވާހަކަތަކެއް އަންނަނީ ދެކެވެމުންނެވެ.
ސަލްމާންގެ ބައްޕައެއްގެ ރޯލު ކުޅެން ޖެހޭ މި ފިލްމު ކުޅެން އެއްބަސްވުމަށް ފަހު ދޫކޮށްލާފައިވަނީ ބައްޕައެއްގެ ރޯލު ކުޅެން އޭނާ ބޭނުންނުވެގެންނެވެ.
މި ފިލްމުގެ ފަރާތުން ވާހަކަދެއްކި މީހަކު ބުނެފައިވަނީ ސަލްމާން ވަނީ ބައްޕައެއްގެ ރޯލު ކުޅެން ބޭނުންނުވާތީ ފިލްމު ދޫކޮށްލާކަން ރެމޯ އަށް އަންގާފަ އެވެ.
"ޑާންސިން ޑޭޑް" ގައި ސަލްމާން ފެނިގެންދާ ގޮތަށް ހަމަޖެހިފައި އޮތީ އޭނާގެ ފުރާވަރުގެ ދަރިފުޅު އުފާކޮށްދޭން ޑާންސްކުރަން ދަސްކުރާ މެދު އުމުރުގެ ބައްޕައެއްގެ ރޯލެވެ.
މި ފިލްމުގައި ސަލްމާން ކުޅެން ޖެހޭ ރޯލަކީ އޭނާގެ އަސްލު އުމުރާ ދާދި އެއް އުމުރެއްގެ ރޯލެއް ނަމަވެސް އެ ރޯލަކީ ބައްޕައެއްގެ ރޯލަކަށް ވުމުން ވަނީ ދޫކޮށްލާފަ އެވެ. އެގޮތުން އަލުން ރެމޯ މި ފިލްމަށް ލީޑް އެކްޓަރަކު ހޯދުމުގެ މަސައްކަަތް ފަށާފައިވާ ކަމަށްވެ އެވެ.
ބޮލީވުޑްގެ އެންމެ މަޝްހޫރު ސުޕަސްޓާރުންގެ ތެރެއިން ބައްޕައިންގެ ރޯލު ކުޅެން ދެކޮޅު ހަދަނީ ސަލްމާން އެކަންޏެއް ނޫނެވެ. އުމުރުން ދޮށީ ދަރިންގެ ބައްޕަގެ ރޯލު ކުޅެން ޝާހްރުކް ޚާނާއި އަކްޝޭ ކުމާރު ފަދަ ތަރިން ވެސް ދެކޮޅު ހަދަ އެވެ.
ބައެއް ފަރާތްތަކުން މި ފިލްމު ސަލްމާން ދޫކޮށްލީ ބައްޕައެއްގެ ރޯލު ކުޅެން ޖެހޭތީ ނޫންކަމަށް އަންނަނީ ބުނަމުންނެވެ . އެ ފަރާތްތަކުން ވަނީ މި ފިލްމުގައި ކުޅެން ޖެހޭ ރޯލުގެ ގޮތުން ވަރަށް ގިނަ ޑާންސްތަކެއް ކުރަން ޖެހޭތީ ސަލްމާން ވަނީ އެއީ އޭނާގެ އުމުރާ ނުބައްދަލު ކަމެއް ކަމަށް ބުނެފަ އެވެ.
އެގޮތުން ސަލްމާން ވަނީ ރެމޯ ކުރެން އެ ރޯލު ޒުވާން އެކްޓަރު ވަރުން ދަވަން އަށް ހުށަހެޅުމަށް އެދިފަ އެވެ. ވަރުން ވަނީ 2015 ވަނަ އަހަރު ނިކުތް ރެމޯގެ ޑާންސް ފިލްމު 'އޭބީސީޑީ 2" ލީޑްރޯލުން ފެނިގެން ގޮސްފަ އެވެ.