ކުޅިވަރު

މިލަންދޫ އަތުން ގްރީން ސަލާމަތްވީ ހަމަ ކިރިޔާ

އުރީދޫ ދިވެހި ޕްރިމިއާ ލީގްގައި، ށ. މިލަންދޫ އަތުން އެއްވަރުވާން، ދަނިކޮށް، މެޗުގެ ފަހު ވަގުތުގައި ސޮބެލް އިލިއާ ކާމިޔާބު ކުރި ލަނޑުން، 2-1 ގެ ނަތީޖާ އަކުން މޮޅުވެ، ގްރީން ސްޓްރީޓް، ހަނިގޮތަކަށް ސަލާމަތް ވެއްޖެ އެވެ.

މެޗު ފެށިގެން، ފަސް ވަނަ މިނެޓްގައި، ގްރީންގެ އަހްމަދު ރަޝީދު (އަންމަޑޭ) ވަނީ ގްރީން އަށް ލީޑް ނަގައި ދީފަ އެވެ. މެޗުގެ ވަރަށް ކުރީ ކޮޅު ލަނޑު ޖެހުމުން، ތަޖުރިބާ ކާރު، ގިނަ ކުޅުންތެރިންނާއެކު، ޕްރިމިއާ ލީގަށް ނިކުތް ގްރީން އިން އިތުރު ގިނަ ލަނޑު ތަކެއް ޖަހާނެ ކަމަށް ބެލެވުނެވެ.

އެ ޓީމުން ވަނީ ފުރަތަމަ ހާފުގައި ވެސް، ގިނަ ފުރުސަތު ތަކެއް ލިބިފަ އެވެ. ހާއްސަކޮށް، އަންމަޑޭ އަށް ވަނީ، ގިނަ ފުރުސަތު ތަކެއް ތަނަވަސް ވެފަ އެވެ. މެޗުގެ 10 ވަނަ މިނެޓްގައި، ގްރީންގެ ކްޕްޓަން، ފަރުހާދު އިސްމާއީލް (ފަރޭ) ވަނީ މިލަންދޫގެ ޕެނަލްޓީ އޭރިއާ ބޭރުން، އޭރިއާ ތެރެއަށް، ރީތި ހުރަހެއް ނަގައިދީފަ އެވެ. އެ ބޯޅައިގައި ބޮލުން ޖަހަން އަންމަޑޭ ފުންމައިގެން އެރި ނަމަވެސް، އޭނާގެ ބޮލުގައި، އެ ބޯޅަ ލައްވައެއް ނުލިއެވެ. އޭގެ ފަހުން 18 ވަނަ މިނެޓްގައި، ގްރީންގެ މޫސާ ހަސަން ވަނީ، މިލަންދޫގެ ޕެނަލްޓީ އޭރިއާ ތެރެއަށް ތިރިތިރިން ބޯޅައެއް ހުރަސް ކޮށްދީފަ އެވެ. ނަމަވެސް، އެ ބޯޅައަށް އަންމަޑޭ އެރި ނަމަވެސް، މިލަންދޫގެ ޑިފެންޑަރު، ވަނީ އެ ބޯޅަ އަންމަޑޭ އަށް ލިބުމުގެ ކުރިން ސާފު ކޮށްލާފަ އެވެ.

މެޗުގެ 25 ވަނަ މިނެޓްގައި ފެނިގެން ދިޔައީ، އަންމަޑޭ އާއި ޔޫކްރޭންގެ އެޓޭކިން މިޑްފީލްޑާ އިލިއާ ދެ ކުޅުންތެރިންގެ ކޮމްބިނޭޝަން އެވެ. ޕެނަލްޓީ އޭރިއާ ބޭރުން އަންމަޑޭ އަށް ލިބުނު ބޯޅަ މަޑުމަޑުން އޭނާ ޖައްސާލީ، އިލިއާ އަށެވެ. އިލިއާ ބޯޅަ ހިފައިގެން ކުރިއަށް ޖެހިލައި، މިލަންދޫގެ ޑިފެންޑަރެއް ކައިރިން ނައްޓާލުމަށް ފަހު، އޭނާ ބޯޅަ ދިނީ ހުހައް އޮތް އަންމަޑޭ އަށެވެ. ނަމަވެސް އެ ބޯޅަ ހުއްޓުވީ، އަންމަޑޭ އޮފްސައިޑްގައި ހުރުމުންނެވެ.

މެޗުގެ 26 ވަނަ މިނެޓްގައި ފެނިގެން ދިޔައީ، ތަފާތު މަންޒަރެކެވެ. މިލަންދޫގެ ޕެނަލްޓީ އޭރިއާ ބޭރުން، އެ ޓީމުގެ ކީޕަރު މުހަމަދު އިމްރާން (ކުޑަ އިންމަ) ފޮނުވާލި ބޯޅަ ލިބުނީ، ގްރީންގެ ޕެނަލްޓީ އޭރިއާ ބޭރަށް ނިކުމެ ހުރި، އެ ޓީމުގެ ކީޕަރު ޖޫން ކޮޗީ އަށެވެ. ބޯޅައާ އެއްވަރަށް ޕެނަލްޓީ އޭރިއާ ތެރެއަށް އައިސް، އޭނާ ބޯޅަ ހިފި ވަގުތު، މިލަންދޫގެ ހުސައިން ވިޝާލް ވަނީ ކޯޗީގެ އަތުގައި ޖެހިގަނެ، ކޮޗީގެ އަތުން ބޯޅަ ވައްޓާލާފަ އެވެ. އަދި އެ ބޯޅަ ހިފައިގެން، ގޯލް އޭރިއާ ހަމަޔަށް ގޮސް، ގޯލް ތެރެއަށް ބޯޅަ ފޮނުވާވެސް ލިއެވެ. ކޮޗީގެ އަތުން ބޯޅަ، ވައްޓާލުމުން، ކޮޗީ އާއި ގްރީންގެ ބެންޗުން ވަނީ، އެޕީލްވެސް ކޮށްފަ އެވެ. ނަމަވެސް، ވިޝާލު ފައުލު ކުރި ކަަމަށް، ރެފްރީ، ޒައީމް އަލީ، ކަށި ގަނޑު ފުމުނީވެސް، ވިޝާލް ގޯލް ތެރެއަށް ބޯޅަ ފޮނުވާވެސްލި ފަހުންނެވެ.

ފުރަތަމަ ހާފުގެ، ފަހު 15 މިނެޓްގައި، ގްރީން އިން ވަނީ ލަނޑު ޖަހާނު ތިން ފުރުސަތެއް ތަނަވަސް ކޮށްފަ އެވެ. އޭގެ ތެރެއިން ދެ ފުރުސަތު ލިބުނީ އިލިއާ އަށެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި، ތިން މިނެޓްގެ ތެރެއިން، ފުރަތަމަ މިނެޓްގައި، އިލިއާ ވަނީ ޕެނަލްޓީ އޭރިއާ ބޭރުން މިލަންދޫގެ ގޯލާ އަމާޒުކޮށް، ބާރު ހަމަލާއެއް ފޮނުވާލާފަ އެވެ. މިލަންދޫގެ ކީޕަރު ކުޑަ އިންމަ އަތުގައި ޖެހިފައި، އެ ބޯޅަ ހުރަސް ދަނޑީގައި ޖެހިފައި ދިޔައީ ކޯނަރަކަށް ބޭރަށެވެ.

ފުރަތަމަ ހާފު ނިމެން އުޅެނިކޮށް، ގްރީންގެ ޕެނަލްޓީ އޭރިއާ ތެރެއިން، މިލަންދޫގެ އިބްރާހިމް ޝިޔާމު ވަނީ، ގްރީންއާ އަލަށް ގުޅުނު، ގައުމީ ޓީމުގެ ޑިފެންޑަރު، ޝާފިއު އަހްމަދު ކައިރިން ނައްޓާލުމަށްފަހު، ޑީއޭރިއާ ތެރޭގައި ހުރި، އާދަމް އިމްރާން އަށް ބޯޅަ އެއް ތަނަވަސް ކޮށްދީފަ އެވެ. ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ދިޔައީ، ހުރަސް ދަނޑި މަތިން ބޭރަށެވެ.

ދެ ވަނަ ހާފުގައި، ގްރީންގެ ބައެއް ކުޅުންތެރިންގެ ފަރާތުން، ފެނުނީ ވަރުބަލި ކަމެވެ. ހާއްސަ ކޮށް، ޓްރާންސްފާ ޕީރިއަޑްގައި އެ ޓީމާ ގުޅުނު ނިއުގެ ކުރީގެ މިޑްފީލްޑަރު ވިލިއަމް މާކޯ އާއި ގައުމީ ޓީމުގެ ކުރީގެ މިޑްފީލްޑާ މުހުތާރު ނަސީރު (ޓޫކިލޯ) ގެ ފަރާތުން ވެސް އެންމެ އެދެވޭ ކުޅުމެއް ނުފެނުނެވެ.

ގްރީންގެ ކޯޗް ސޮބާހް މުހައްމަދު (ސޮބާ) ބުނީ، އެ ކުޅުންތެރިންނަށް ޓީމާއެކު، ގިނަ ވަގުތު ޕްރެކްޓިސް ތަކެއް ކުރަން ޖެހޭ ކަމަށާއި، ޓީމާ އަލަށް ގުޅުނު ކުޅުންތެރިން ކަމަށް ވުމުން، މުޅި ޓީމާއެކު، އެ ކުޅުންތެރިންނަށް ފަރިތަ ކުރެވުނީ ކުޑަ ދުވަސް ކޮޅެއްގައި ކަމަށެވެ. ސޮބާ ބުނީ، ވިލިއަމް ރާއްޖެ އައީ ވެސް، މީގެ ދެ ދުވަސް ކުރިން ކަމަށެވެ.

މެޗުގެ 51 ވަނަ މިނެޓްގައި ޓޫކިލޯ، ވަނީ މިލަންދޫގެ ޕެނަލްޓީ އޭރިއާ ތެރެއަށް ރީތި ހުރަހެއް ތަނަވަސް ކޮށްފަ އެވެ. އެ ބޯޅަ ޖަހަން ގްރީންގެ ކުޅުންތެރިން އަރާ ތިބި ނަމަވެސް، ކީޕަރު ކުޑަ އިންމަ ވަނީ، ކުރިއަށް ނިކުމެ، އެ ބޯޅަ ސޭވް ކޮށްފަ އެވެ. އޭގެ 10 މިނެޓް ފަހުން، ސޮބެލް އިލިއާ، ވަނީ މިލަންދޫގެ ޕެނަލްޓީ އޭރިއާ ތެރޭގައި ހުރި އަންމަޑޭ، އަށް ރީތި ބޯޅަ އެއް ތިރިތިރިން ދީފަ އެވެ. ނަމަވެސް އަންމަޑޭ އަށް އެ ބޯޅަ ގޯލަށް ފޮނުވާ ލެވޭ ގޮތެއް ނުވި އެވެ. އޭނާގެ ފައިގައި ލައްވައި ނުލައި އެ ބޯޅަ ގޮސް ލިބުނީ މިިލަންދޫގެ ޑިފެންޑަރަކަށެވެ.

މެޗުގެ 63 ވަނަ މިނެޓްގައި، މިލަންދޫއިން ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ގްރީންގެ ފަހަތުން، އެޓީމު ޝައްފާޒު ޕެނަލްޓީ އޭރިއާ ތެރޭގައި ހުރި ކީޕަރު ކޯޗީ އަށް ބެކް ޕާސް ދިނުމުން، އެ ބޯޅަ ކޮންޓްރޯލް ކޮށް، ކޯޗީ ފޮނުވާލި ބޯޅަ ލިބުނީ، މިލަންދޫގެ ކެޕްޓަން އިސްމާއީލް ފަތުހީ އަށެވެ. އޭނާ ވަނީ އެ ބޯޅަ ކޮންޓްރޯލް ކޮށް، ހުހަށް އޮތް ގްރީންގެ ގޯލް ތެރެއަށް ބޯޅަ އޮއްސާލާފަ އެވެ. އެވަގުތު، ކޮޗީ ކުރިއަށް ނިކުމެ ހުރުމުން، އޭނާ އަށް ގޯލައާ ހަމަޔަށް ދެވުނު އިރު، އެ ބޯޅަ އޮތީ، ގޯލް ތެރޭގަ އެވެ.

މެޗު އެއްވަރު ވުމުން ގްރީންގެ ކުޅުންތެރިންގެ ހަރަކާތް އަވަސްވެގެން ދިޔަ އެވެ. މެޗު އެއްވަރުވެދާނެ ކަމުގެ މާޔޫސް ކަމުގައި، ތިއްބައި ގްރީން މޮޅު ކޮށްދިނީ، އިލިއާ އާއި އަންމަޑޭގެ ކޮމްބިނޭޝަންގެ ތެރެއިންނެވެ. މެޗުގެ 89 ވަނަ މިނެޓްގައި، ޕެނަލްޓީ އޭރިއާ ބޭރުން އަންމަޑޭ، ގްރީންގެ ގޯލައާ އަމާޒު ކޮށް ފޮނުވާލި ބޯޅަ، ލިބުނީ، މިލަންދޫގެ ގޯލް ލައިން މަތީގައި ހުރި، އިލިއާ އަށެވެ. އެ ބޯޅަ ގޯލަށް ވަނީ އިލިއާންގެ ފައިން މަޑުމަޑުން ގޯލް ތެރެއަށް ބޯޅަ ކޮށްޕާލުމުންނެވެ.

ސޮބާ ބުނީ، މެޗު ގްރީން އަށް އުނދަގޫވީ، އެ ޓީމަށް، ލިބުނު، ފުރުސަތުތައް ބޭނުން ނުކުރެވިގެން ކަމަށެވެ. އުނދަގޫކޮށް ދިޔަ ނަމަވެސް، ފަހު ވަގުތު ތިން ޕޮއިންޓް ލިބުމުން ހިތް ހަމަޖެހޭ ކަމަށް އޭނާ ބުންޏެވެ.

"ބަލިވުމަށް ވުރެ، އަދި އެއްވަރު ވުމަށް ވުރެ، ހިތްހަމަޖެހޭ ކޮންމެ ގޮތަކުންވެސް ތިން ޕޮއިންޓް ލިބުމުން، މިލަންދޫ ޓީމުން އެއްވަރު ކުރި ނަމަވެސް، އަޅުގަނޑަށް ޔަގީންކަން އޮތް ކޮންމެވެސް ހިސާބެއްގައި ގޯލެއް ފެނިގެންދާނެ ކަން." ސޮބާ ބުންޏެވެ.

ދެހާސް ތިން ވަނަ އަހަރު، ދެކުނު ކޮރެއާއާ އެއްވަރު ކުރި ދިވެހި ޓީމުގެ، ޑިފެންސްގައި ސޮބާ އާއެކު، ކުޅުނު، މިލަންދޫ ޓީމުގެ ކޯޗް މުހައްމަދު ނާސިރު ބުނީ، މާލޭ ލީގް ދެ ވަނަ ހޯދި، ޓީމު އަތުން 2-1 ބަލިވުން އެއީ، މިލަންދޫ ކަހަލަ، ތަޖުރިބާ މަދު ޒުވާން ޓީމަަކަށް މޮޅެއް ލިބުން ފަދަ ކަމެއް ކަމަށެވެ.

ލީގްގައި، މިރޭ ބައްދަލު ކުރާނީ، އއ. މާޅޮސް އާއި ގދ. ތިނަދޫ ޓީމެވެ.