ކުޅިވަރު

މާޅޮސް އަތުން ތިނަދޫއަށް ހަނި މޮޅެއް

އއ. މާޅޮސް އަތުން 1-0 އިން މޮޅުވެ ގދ. ތިނަދޫއިން އިން ދިވެހި ލީގުގެ ފެށުން ރަނގަޅުކޮށްފި އެވެ.

މެޗު ކޮންޓްރޯލް ކޮށްގެން ގިނައިރު ކުޅެފައި ވަނީ ތިނަދޫއިންނެވެ. ފުރަތަމަ ހާފުގައި ވެސް ތިނަދޫއަށް ވަނީ ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. ތިނަދޫގެ ގިނަ ހަމަލާތަކެއް މާޅޮހުގެ ކީޕަރު ދިފާއު ކުރިއެވެ. ފުރަތަމަ ހާފުގައި މާޅޮސް ޓީމަށްވެސް ރަންގަޅު ފުރުސަތުތަކެއް ލިބުނެވެ. އެގޮތުން މާޅޮސް ޓީމުގެ ވިސާމްއަށް ލިބުނު ފުރުސަތު ފާހަގަ ކުރެވެއެވެ. އޭނާ ބޮލުން ފޮނުވާލި ބޯޅަ ތިނަދޫގެ ކީޕަރުވަނީ ހުޝިޔާރު ކަމާއެކު ދިފާއުކޮށްފަ އެވެ.

ދެވަނަ ހާފުގައި ދެފަހަރެއްގެ މަތިން ތިނަދޫއިން ގޯލުގެ ތެރެއަށް ބޯޅަފޮނުވާލި ނަމަވެސް ލައިނސްމެން ވަނީ އޮފްސައިޑު ދައްކާފައެވެ. ނަމަވެސް ތިނަދޫއިން ވަނީ ހުއްޓުމެއްނެތި އެޓޭކްކޮއް އެންމެފަހުން ގޯލް ޖަހާފައެވެ. މި ގޯލް މެޗުގެ 72 ވަނަ މިނިޓުގައި ކާމިޔާބުކޮއްދިނީ ތިނަދޫގެ ބިދޭސީ ކުޅުންތެރިޔާ އަވީލާ އެވެ.

މެޗު ނިމެނިކޮށް ނަތީޖާ ހަމަހަމަކުރަން މާޅޮސ މުނޯޒަށް ރަނުގެ ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ހުރަސް ދަނޑިއަށެވެ.

ތިނަދޫގެ ކޯޗު ހުއާން މެނުއަލް ބުނީ މޮޅާ މެދު ހިތްހަމަޖެހޭ ކަމަށާއި އެކަމަކު ރަނގަޅުކުރަން ޖެހޭ ކަންކަން އެބަހުރި ކަމަށެވެ.

މާޅޮހުގެ ކޯޗު އަލީ ނިޝްތާރު ބުނީ ޓީމުގެ ތައްޔާރީތަކާއި އަދި އިދިކޮޅު ޓީމާއި ބަލާއިރު އޭނާގެ ޓީމުން ދެއްކި ކުޅުމާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.