ޑާކްރެއިން އެންޓަޓެއިންމަންޓުން އެންމެ ފަހުން ގެނެސްދިން "މީ ލޯތްބަކީ" އިން ފެނިގެން ދިޔަ ޖުމައްޔިލް ނިމާލް އަދި މަރިޔަމް އައްޒަގެ ޖޯޑަށްވުރެ ބޮޑަށް ގިނަ ބަޔަކަށް ކަމުދިޔައީ ޖުމައްޔިލް އަދި މަރިޔަމް މަޖުދާ (މަޖޫ)ގެ ޖޯޑެވެ. އޮން ސްކްރީންގައި އެ ދެތަރިންގެ ކެމިސްޓްރީ މާބޮޑަށް ދިމާވާ ކަމަށް ގިނަ ބަޔަކު އިއްތިފާގު ވެ އެވެ. ޑާކްރެެއިން އެންޓަޓެއިންމަންޓްގެ "އެންމެފަހު ވިންދާ ޖެހެންދެން" އަދި "ވާށޭ މަށާ އެކީ" ހިޓަކަށްވެ އަރައިގެން ދިޔަ އެއް ސަބަބަކީ އެއީ އެވެ.
އެ ދެ ތަރިން ލީޑު ރޯލުން ފެނިގެންދާ އިތުރު ފިލްމެއް ޑާކްރެއިނުން ވަނީ އިއުލާނުކޮށްފަ އެވެ. "ވަކިން ލޯބިން" ނަމުގައި ހަދާ އެ ފިލްމުގެ ޝޫޓިން މިއަދު ފަށާނެ އެވެ. "ވަކިން ލޯބިން" އަކި ފެމެލީ ޑްރާމާ އެކެވެ. އެ ފިލްމަކީ ޒުވާން ދެމަފިރިއެއްގެ ކައިވެނި ވަރިފަށަށް އެރުމުން ދިމާވާ މައްސަލަތަކެއް ދައްކައިދޭ ފިލްމެކެވެ.
ޑައިރެކްޓަރު އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކުރާ މި ފިލްމުގެ ވާހަކަ ލިޔެފައިވަނީ އައިޝަތު ފުއާދު ތައުފީގެވެ. މީގެކުރިން ޗިއްޕެ ޑައިރެކްޓްކޮށްފައިވާ ގިނަ ފިލްމުތަކަކީ ވެސް ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ފިލްމުތަކެކެވެ.
ޖުމައްޔިލް އަދި މަޖޫ އާ އެކު މި ފިިލްމުން އިބްރާހިމް އަމާން އަދި ނުޒުހަތު ޝުއައިބު (ނުޒޫ) އަދި އޮފީސް ޑްރާމާ މުބާރާތުން ފިލްމީ ދާއިރާއަށް ތައާރަފްވި އައިމިނަތު ޖުލީސާ (ޖުލީ) ވެސް ފެނިގެންދާނެ އެވެ. ކުޑަކުއްޖެއްގެ ރޯލުން ކުރީގެ ފިލްމީތަރި ހަދީޖާ އިބްރާހިމް (ކުޑަ ހައްޖަ)ގެ ދަރިފުޅު ޝުއާ ޝާނީޒް ފެނިގެންދާނެ އެވެ. މިދިޔަ އަހަރު ފިލްމު "މަލިކާ" އިން ފިލްމީ ދާއިރާ އަށް ތައާރަފްވި ނުޒޫ އަންނަނީ ހަލުވި ސްޕީޑެއްގައި ގިނަ ފުރުސަތުތަކެއް ލިބެމުންނެވެ. ނުޒޫ އަކީ ދާއިރާގައި އުންމީދީ ތަރިއަކަށް ވާނެ ކަމަށް ބެލެވެ އެވެ.
މި ފިލްމުގައިވެސް އަމިއްލަ ރާގުގެ ރީތި ލަވަތަކެއް ހިމެނޭނެ އެވެ. އޭގެ ތެރެއިން އެއް ލަވަ މިހާރު ވަނީ އާންމުނަށް ދޫކޮށްލާފަ އެވެ. އެއީ ފަތޯގެ "ބީވީމަ" އެވެ. މި ފިލްމުން މޯލްޑިވިއަން އައިޑޮލް ސީޒަން ދެ އެއްގެ ރަނާރަޕް ހަމޫދު އިބްރާހީމްގެ އަޑުން ލަވައެއް އިވޭނެ އެވެ. އެއީ "ހިތުގެ ނަށާ ރާނީ" އެ ލަވަ އެވެ.
"ވަކިން ލޯބިން" ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މާޗްމަހުގެ ފަހެއްގަ އެވެ. މި އަހަރުގެ ޑިސެމްބަރު މަހު އެ ފިލްމު ރިލީޒްކުރަން ކުރިން ނިންމި ނަމަވެސް ފިލްމު އަޅުވާ ތާރީހު ލަސް ކުރީ އޮލިމްޕަހުން އަދި ޝްވެކް ސިނަމާއިން ޖާގަ ނުލިބުމުންނެވެ.