ދިވެހި ސިނަމާ

"ހައްދު"ގެ ފުރަތަމަ ފެނިލުންވެސް ވަރަށް ސަޅި

"ގިރިޓީ ލޯބިން ދައްކާ ދަޅައިން، ބަލި ބަލި ހިތްތައް ބުރުއްސައިފިޔޭ،" ރާއްޖޭގައި އުފެދުނު އެންމެ ކުޅަދާނަ އެއް ލަވަކިޔުންތެރިޔާ ދޮހޮއްކޮބޭގެ އެ ލަވަ ނޭނގޭ ދިވެއްސަކީ ދިވެއްސެއް ހެއްޔޭ ވެސް އަހާނެ އެވެ. އެ ލަވައިގެ ރާގުގައި އެހުންނަ އަސަރަކުން ލިކަން ރަނގަޅަށް ލޯބީގައި އޮޔާ ބެހިލާފާނެ އެވެ.

ފަހުގެ ފިލްމެއްގައި އެ ލަވަ ނުވަތަ އެ ރާގުގަނޑު ގެނެސްދީފިއްޔާ ފިލްމަށް ޝައުގުވެރިކަން ދަމައިގަންނަ މިންވަރު އިތުުރުވެދާނެ ހެއްޔެވެ؟ ނުވަތަ އެ ރާގުން އިންސްޕަޔާ ވެގެން އުފައްދާ ރާގެއް ހިމެނުމުން ކިހިނެއް ހެއްޔެވެ؟ ނޫނެކޭ ބުނަން ދައްޗެވެ. ހަމަ ގައިމުވެސް ލޯބީގެ ފިލްމެއްގައި އެ ރާގުއެކަނި ގެނަސްދިނަސް ފުދޭ ނޫން ހެއްޔެވެ؟ ދައްކަން މިއުޅެނީ އެއްގޮތަކަށްވެސް އެ ލަވައިގެ ވާހަކައެއް ނޫނެވެ. ސެޕްޓެމްބަރު މަހު ހަވަނަ ދުވަހު ރިލީޒްކުރާ "ހައްދު" ފިލްމުގެ ވާހަކަ އެވެ.

ފިލްމުގެ ފުރަތަމަ ފެނިލުން ސޯޝަލް މީޑީއާގައި މިހާރު ވައިގައި ހިފައިގެން އުޅޭއިރު އެ ފެނިލުމުން ފެނިގެންދާ ލަވައެއްގެ ތަންކޮޅެއްގައި "ގިރިޓީ ލޯބިން" އެ ލަވައިގެ ރާގުކޮޅުވެސް އިވެ އެވެ.

އޭގެ އިތުރުން ފުރަތަމަ ފެނިލުމުގައި ފެނިގެންދާ މަންޒަރުތަކަށްފަހު ފިލްމަށް ދެވިފައި އޮތް ޝައުގުވެރިކަން އިތުރުވެއްޖެ އެވެ. ލޯބީގެ ހޫނުން މީހާ ފިއްސާލާ ކަހަލަ މަންޒަރުތަކެއް ފެނިގެންދެ އެވެ. ޕްރޮޑިއުސަރު / ޑައިރެކްޓަރު އަބްދުލް ފައްތާހުގެ ފިލްމުތަކުން ފެނިގެންދާ "ރޮމޭންޓިކް" މަންޒަރުތައް ޔަގީނުންވެސް ފެނިގެންދާނެ އެވެ. ފުރަތަމަ ފެނިލުމުންވެސް ކުދިކުދި މަންޒަރުކޮޅު ފެނިއްޖެ އެވެ. ލަވަތައްވެސް ނިކަން ރީތިވާނެ ހެން ހީވެ އެވެ.

ފިލްމު "މަލިކާ" އިން ފިލްމު އިންޑަސްޓްރީއަށް ތައާރަފްވި ނުޒުހަތު ޝުއައިބް (ނުޒޫ)ގެ ނެށުމުގެ ހުނަރުވެސް ފެނިގެންދާނެ ކަމަށް ބެލެވެ އެވެ.

މިހާތަނަށް "ހައްދުގެ" މަންޒަރުތައް ފެންނަ ގިނަ ފޮޓޯތަކެއް ވަނީ ޕްރޮޑަކްޝަން ޓީމުން ދޫކޮށްލާފަ އެވެ. ފިލްމާ ދޭތެރޭ އުފެދިފައިވާ ޝައުގުވެރިކަން އިތުރުވާ ކަހަލަ ރީތި ފޮޓޯތަކެކެވެ.

ހައްދުގެ ލީޑް ރޯލުން އިން ފެނިގެންދާނީ މަރިޔަމް އައްޒަ އަދި އަހްމަދު ޝިބާން އަދި އައިމިނަތު ރިޝްފާ އެވެ. ސަޕޯޓިން ތަރިންގެ ގޮތުގައި އަލީ އާޒިމް (ދޮން އައްޔަ)، މުހައްމަދު ރަޝީދު (ދަރާ)، މަރިޔަމް ޝަކީލާ، ފައުޒިއްޔާ ހަސަން މުޅިން އާ ތަރިއެއް ވެސް ފެނިގެންދާނެ އެވެ.

މި ފިލްމުގައި ހިމެނޭ ލަވަތަކުގެ ލިރިކްސް ހަދާފައިވަނީ މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ) އެވެ. އަމިއްލަ ރާގުގެ ރީތި ލަވަތަކެއް އިވިގެން ދާނެ އެވެ. ޕްރޮމޯޝަނަލް ލަވަ ފިޔަވައި ހުރިހާ ލަވައެއް ވެސް ކިޔާފައިވަނީ ތޭރަވާ އަދި އަންހެނުން މަރިޔަމް އަޝްފާ އެވެ. ޕްރޮމޯޝަނަލް ލަވަ ކިޔާފައިވަނީ އަހްމަދު ޔާފިއު އެވެ. ފިލްމަށް ފަސް ލައްކައެއްހާ ރުފިޔާ ހަރަދުވާނެ ކަމަށް ފައްތާހު ލަފާކުރެ އެވެ.

ފައްތާހުގެ ފިލްމެއް އެންމެ ފަހުން ބެލުންތެރިންނާ ހަމައަށް އައިސްފައިވަނީ 2014 ވަނަ އަހަރު އެވެ.