ދިވެހި ސިނަމާ

ހައްދުގެ "ބީހިލާށޭ" ލަވައިގެ ވީޑިއޯ ނެރެފި

ޑައިރެކްޓަރު އަބްދުލް ފައްތާހުގެ "ހައްދު"ގެ ޓްރެއިލާއެއް ދޫކޮށްލުން ވީ ފިލްމަކަށް ކުރަމުން ދިޔަ އިންތިޒާރު އިތުރުކޮށް ކެތްތެރިކަން އިމްތިހާނުކޮށްލުން ކަހަލަ ކަމަކަށެވެ. ފިލްމުގެ ޓްރެއިލާ އަދި ފުރަތަމަ ފެނިލުން ދޫކޮށްލުމާއެކު ފިލްމުގެ ލަވަތަކުގެ ތަންތަންކޮޅު އަޑުއިވުން ވެގެން ދިޔައީ އެ ލަވަތައް ބަލައިލާ އަޑު އަހާލަން އިތުރަށް ބޭނުންވި ކަމަކަށެވެ. ފިލްމު ރިލީޒް ކުރުމުގެ ކުރިން ލަވަތައް ދޫކޮށްލުމަކީ ގިނަ ބަޔަކަށް އުފާވެރި ހަބަރަކަށް ވާނެ އެވެ.

އެ މީހުންނަށް މިއީ އުފާވެރިކަމުގެ ހައްދެއް ނެތް އުފާވެރި ހަބަރަކަށް ވާނެ އެވެ. ވީޑިއޯ އެއް ލަވަޔާއެކު އިތުރު ފަސް ލަވައެއްގެ އޯޑިއޯ މިވަނީ ދޫކޮށްލާފަ އެވެ. އޯޑިއޯ ލަވަތައް ސައުންޑްކްލައުޑު އިން އަޑު އަހާލެވޭނެ އެވެ. ވީޑިއޯ ލަވައިގެ ގޮތުގައި ދޫކޮށްލި "ބީހިލާށޭ" ޔޫޓިއުބުން ބަލައިލެވޭނެ އެވެ.

"ބީހިލާށޭ" އަދި އިތުރު ލަވަތައް ދޫކޮށްލާފައިވަނީ ރޭ ސޯލްޓްކެފޭގައި ބޭއްވި ރަސްމިއްޔާތެއްގައި ދިރާގުގެ މެނޭޖާ ޕްރޮޑަކްޓް އެންޑް ރިނޮވޭޝަން މުހައްމަދު ފާހިރު އެވެ.

މުހައްމަދު އަބްދުލް ގަނީ (ތޭރަވާ) އަދި މަރިޔަމް އަޝްފާގެ ހިތްގައިމު އަޑުން ކިޔާފައިވާ އެ ލަވައިގެ ވީޑިއޯގައި ފެނިގެން ދަނީ ހައްދުގެ ލީޑު ދެ ތަރިން ކަމަށްވާ އަހްމަދު ޝިބާން އަދި އައިމިނަތު ރިޝްފާ އެވެ. ރާއްޖޭގެ ގުުދުރަތީ ހިތްގައިމު ކަންވެސް ފެނިގެންދާ އެ ލަވައިގެ ވީޑިއޯއިން ތޭރަވާ އަދި އަޝްފާވެސް ފެނިގެންދެ އެވެ. ފިލްމުގައި އެ ލަވަ އަކީ ޝިބާން އަދި ރިޝްފާގެ ކައިވެންޏަށްފަހު އަންނަ ހިތްގައިމު ލަވައެއް ކަމަށް ބެލެވެ އެވެ.

ފިލްމުގެ ލަވަތަކާއި ބެހޭގޮތުން ފިލްމުގެ ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު އަބްދުލް ފައްތާހު ބުނީ ފިލްމުގައި ހިމެނޭ ހުރިހާ ލަވަތަކަކީވެސް އަމިއްލަ ރަގުގެ ލަވަ ކަމަށެވެ. އަދި އެ ލަވަތަކަކީ ފިލްމު ތެރެއަށް ލަވައެެއް ލުމުގެ ބޭނުމުގައި ލާފައިވާ ލަވަތަކެއް ނޫން ކަމަށެވެ. ލަވަތަކުގެ ލިރިކްސް ތައްޔާރުކުރި ތޭރަވާ ބުނީ އެލަވަތަކަކީ ފިލްމުގެ ސްކްރިޕްޓްގެ އެއްބައި ކަމަށެވެ. ހައްދުގެ ކޮންމެ ލަވައެއްވެސް ތައްޔާރުކޮށްފައިވަނީ ވަކި މިއުޒީޝަނެކެވެ.

ހައްދުގައި ލޯބީގެ ހޫނުން މީހާ ފިއްސާލާ ކަހަލަ މަންޒަރުތަކެއް ފެނިގެންދާނެ އެވެ. ރޮމޭންޓިކް މަންޒަރުތަކެއްވެސް ފެނިގެންދާނެ އެވެ. "ގިރިޓީ ލޯބިން" އެ ލަވަޔަށް ނުޒުހަތު ޝުއައިބް (ނުޒޫ)ގެ ނެށުމުގެ ހުނަރު ދައްކާލާނެ އެވެ.

ހައްދުގައި ޝިބާން އަދި ރިޝްފާ އާއެކު ލީޑު ރޯލުން މަރިޔަމް އައްޒަވެސް ފެނިގެންދާނެ އެވެ. ސައުންޑް ކްލައުޑުން މިހާރު ލިބެން ހުރި ލަވަތަކަކީ "ގިރިޓީ ލޯބިން"، "ތައުބާ"، "ދުއާ"، "އުދުހިލަމާ"، "ނޭދެމެ އަލިވިލޭކަށް" އަދި "ބީހިލާށޭ" އެވެ. އަވަހަށް ލަވަތައް ޕްލޭލިސްޓަށް އިތުރު ކޮށްލާށެވެ.

ހައްދުގެ ޕްރިމިއާ ޑޭޓު ކަމަށްވާ އަންނަ މަހު ހަޔަކަށް ހުރިހާ ކަމެއް ހުސްކޮށްގެން ތިބި މީހުން އަވަހަށް ޓިކެޓް ގަންނަން ތައްޔާރުވާށެވެ. މާދަމާއިން ފެށިގެން އޮލިމްޕަހުން ޓިކެޓް ވިއްކަން ފަށާނެ އެވެ. ޓިކެޓެއްގެ އަގަކީ 100 ރުފިޔާ އެވެ.

މާލޭގެ ހައްދު ޕްރިމިއާ ކުރުމަށްފަހު އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ ރޭ އައްޑޫގައި ކުލަގަަދަކޮސް ފިލްމު ޕްރިމިއާ ކުރާނެ އެވެ. އަދި 14 ވަނަ ދުވަހުގެ ރޭ ހދ. ކުުޅުދުއްފުށީގައިވެސް ފިލްމު ކުލަގަދަކޮށް ޕްރިމިއާ ކުރާނެ އެވެ. އެ ހުރިހާ ޕްރިމިއާތަކެއްގައިވެސް ފިލްމުގެ ތަރިންނާއި ޓީމް ބައިވެރިވާނެ އެވެ.