ދިވެހި ސިނަމާ

"އަހަރުގެ ބޮޑު ފިލްމު" ނޯޓީ 40 ރިލީޒް ކޮށްފި

އަހަރުގެ ބޮޑު ފިލްމުގެ ގޮތުގައި ފިލްމު ނޯޓީ 40 ޕްރޮމޯޓު ކުރަން ފެށި ހިސާބުން ފިލްމުގެ އިންތިޒާރުގައި ތިބި މީހުންގެ އިންތިޒާރުގެ ނިމުން ގެނެސް އެ ފިލްމު މިވަނީ ރޭ ރިލީޒްކޮށްފަ އެވެ. ފިލްމު ރިލީޒްކޮށްފައިވަނީ ރޭ އެކަމަށް އޮލިމްޕަހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވީމީޑިއާގެ ސީއީއޯ އަހުމަދު އާސިފް އެވެ.

ފިލްމުން ފެނިގެން ދިޔަ ތަރިިންގެ ތެރޭގައި އަހްމަދު ސައީދު، މުހައްމަދު މަނިކު، އަލީ ސީޒަން، ޔޫސުފް ޝަފީއު، ފާތިމަތު އާޒިފާ (އަޒޫ)، ނިއުމާ މުހައްމަދު، އަލީ އާޒިމް (ދޮން އައްޔަ)، އިބްރާހިމް ޖިހާދު (ޖިމީ) ހިމެނެ އެވެ. އަދި މަރިޔަމް އައްޒަ، މުހައްމަދު ރިފްޝާން (ރިއްޕެ) އަދި އުމަރު އަޝްފާގް، އަރްޝަމް، އަލީ ޝާހިދު (ސްޓެޕް އައްޔަ)، އަހްމަދު ޝަރީފް، ގުލިސްތާނުގެ ހުނަރުވެސް ވަނީ ދައްކާލާފަ އެވެ.

ނޯޓީ 40 އަކީ މިހާތަނަށް އެ ފިލްމެއްގައި އެންމެ ގިނަ ރަހަތައް އެކުލަވައިގެން ގެނެސްދިން އެއް ފިލްމެވެ. އެ ފިލްމުން އެކްޝަން، ލޯބި، ރޮމޭންސް، މިއުޒިކަލް، ސްޕައި، ކޮމެޑީ، ޑްރާމާ، ޖަޒުބާތު، އެކުވެރިކަން މިހެން ގޮސް ހުރިހާ ރަހައެއް ފެނިގެން ދިޔަ އެވެ.

ނޯޓީ 40 އަކީ އުމުރުން 40 އަހަރުން މަތީގެ ބަޔަކަށް ދިމާވާ ކަންތައްތަކެވެ. އެމީހުންގެ ޒުވާން އުމުރުގައި ހިނގާފައިވާ ބައެއް ހާދިސާތައްވެސް ފެނިގެންދާނެ އެެވެ. އެ ފިލްމުގެ ބޮޑު ބައި ނަގާފައިވަނީ ށ. މިލަންދޫގަ އެވެ. މާލޭގައިވެސް މަދު މަންޒަރުތަކެއްވަނީ ނަގާފަ އެވެ.

ރެއިން ފެށިގެން މި މަހުގެ 17 އަށް އޮލިމްޕަހުގައި ނޯޓީ 40 ގެ 15 ޝޯ ދައްކާނެ އެވެ. ނޯޓީ 40 އަކީ އެންވިޝަން އަދި ޔޫއްޕެ ޕްރޮޑަކްޝަނުން ގުޅިގެން އުފައްދާފައިވާ ފިލްމެކެވެ.