ވޯލްޑް ކަޕް ކޮލިފައިންގެ ދެވަނަ ބުރުގައި އޭޝިއާގެ ވަރުގަދަ ދެ ގައުމު ޗައިނާ އާއި ގަތަރާ އެއް ގުރޫޕެއްގައި ރާއްޖެ ވާދަކުރާތީ ހިތްހަމަޖެހޭ ކަމަށާއި ރާއްޖެ އަށް ކުރިއެރުން ލިބޭނީ ވަރުގަދަ ޓީމުތަކާ ވާދަކޮށްގެން ކަމަށް ގައުމީ ޓީމުގެ ކޯޗު ވެލީޒާ ޕޮޕޯފް ބުނެފި އެވެ.
ގުރޫޕް ސީގައި ދެން އޮތީ ބޫޓާނާއި ހޮންކޮންގެވެ. މި ގުރޫޕްގައި ހިމެނޭ އޭޝިއާގެ ވަރުގަދަ ޓީމެއް ކަމަށްވާ ޗައިނާ ވަނީ 2002 ވަަނަ އަަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގެ ފުރަތަމަ ބުރުގައި ވެސް ރާއްޖެއާ އެއް ގުރޫޕެއްގައި ވާދަކޮށްފަ އެވެ. ޗައިނާގައި އެ ފަހަރު ކުޅުނު މެޗުގައި ރާއްޖެ އަތުން 10-1 އިން ޗައިނާ މޮޅުވިއިރު، މާލޭގައި ރާއްޖެ އަތުން ޗައިނާ މޮޅުވީ 1-0 އިންނެވެ.
ވޯލްޑް ކަޕް 2022 ވަނަ އަހަރު ބާއްވާ ގައުމު ކަމަށްވާ ގަތަރަކީ މެދުއިރުމަތީގެ ވަރުގަދަ ޓީމެކެވެ.
"އަހަރެން ހިތްހަމަޖެހޭ ގަތަރާއި ޗައިނާ ކަހަލަ ވަރުގަދަ ޓީމުތަކާ ކުޅެންޖެހޭތީ،" މޯލްޑިވް ސޮކާ އަށް ދިން އިންޓަވިއެއްގައި ޕޮޕޯފް ބުންޏެވެ. "އެންމެ ވަރުގަދަ ޓީމުތަކާ ކުޅެގެން ކުރިއެރުން ލިބޭނީ. ގަތަރާއި ޗައިނާ އަކީ ފޭވަރިޓުން. އެކަމަކު މެޗު ފަށާއިރު ކޮންމެ ޓީމެއްގައި ވެސް ތިބޭނީ 11 ކުޅުންތެރިން. އެންމެ ހީނުކުރާ ނަތީޖާ ވެސް ނިކުމެދާނެ."
"ކޮންމެ މެޗަކުން ވެސް މޮޅުވާން އަހަންނަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނަން. އެކަމަކު މި ވަގުތު އަހަރެން ސަމާލުކަން ދޭނީ މާލޭގައި ގަތަރާ ދެކޮޅަށް ކުޅޭ ފުރަތަމަ މެޗަށް." ޕޮޕޯފް ބުންޏެވެ.