ބޮލީވުޑް

"ތަގްސް އޮފް ހިންދުސްތާން" ގެ ބައެއް އެކްޝަން މަންޒަރުތައް އަލުން ނަގަނީ

Aug 7, 2017
1

މެގަސްޓާ އަމީތާބް ބައްޗަން އާއި ސުޕަސްޓާ އާމިރް ޚާން އެކުގައި ކުޅެމުން އަންނަ ފުރަތަމަ ފިލްމު، "ތަގްސް އޮފް ހިންދުސްތާން" އަކީ އިންޑިއާގެ އެންމެ ބޮޑު ފިލްމު އުފައްދާ ކުންފުނި ޔާޝް ރާޖް ފިލްމްސްއިން އުފައްދާ އެންމެ ބޮޑު ފިލްމެވެ.

ބޮޑު ބަޖެޓަކުން އުފައްދާ މި ފިލްމަކީ ކަނޑުފޭރޭ ބައެއްގެ ވާހަކަތައް ފެނިގެންދާނެ ފިލްމެކެވެ. "ދޫމް 3" ގެ ޑައިރެކްޓަރު ވިޖޭ ކްރިޝްނަ އަޗާރިޔާ ލިޔެ، ޑައިރެކްޓްކުރާ ފިލްމުގެ އެންމެ މުހިންމު އެކްޝަން މަންޒަރުތައް މޯލްޓާގައި ނަގައި ފިލްމުގެ ކްރޫ ވަނީ އެނބުރި އިންޑިއާ އަށް އައިސްފަ އެވެ.

ގާތްގަނޑަކަށް އެއް މަސް ދުވަހުން ނަގައި ނިންމާލެވުނު އެކްޝަން މަންޒަރުތައް ނަގާފައިވާ ހޮލީވުޑްގެ އެކްޝަން ޑައިރެކްޓަރުންގެ އިރުޝާދުގެ ދަށުން، މޯލްޓާގައި އެކަމަށް ހާއްސަކޮށްގެން ބަނދެފައިވާ ބިޔަ ދެ ނަވެއްގަ އެވެ.

ފިލްމުގެ ގިނަ މަންޒަރުތަކެއް ނަގައި ނިންމާފައިވާއިރު، މޯލްޓާގައި ނެގި ގިނަ އެކްޝަން މަންޒަރުތަކަކާ މެދު ފިލްމުގެ ޕްރޮޑިއުސަރު އަދިތްޔަ ޗޯޕްޅާ ހިތްހަމައެއް ނުޖެހެ އެވެ. އެގޮތުން އަދިތްޔަ ވަނީ އަލުން އެ މަންޒަރުތައް ޔާޝް ރާޖްގެ މުމްބައި ސްޓޫޑިއޯގައި ނަގަން ނިންމާފަ އެވެ.

"ތަގްސް އޮފް ހިންދުސްތާން" ގެ އާ ސެޓެއް ޔާޝް ރާޖް ސްޓޫޑިއޯގައި ހަދައި އެ މަންޒަރުތައް އަލުން ނަގަން ނިންމާފައިވަނީ މޯލްޓާގައި ނަގަން ޖެހޭ މަންޒަރުތައް ނެގުމަށްފަހު ފިލްމުގެ ޓީމު އެނބުރި އިންޑިއާ އަށް އައިސްފައިވާތީ އެވެ. ބޮޑު ބަޖެޓަކުން އުފައްދާ މި ފިލްމުގެ ގިނަ މަންޒަރުތަކެއް އަލުން ނަގަން ޖެހުމަކީ ފިލްމުގެ ބަޖެޓު އިތުރަށް ބޮޑުވެގެން ދާނެ ކަމެވެ.

މި އަހަރުގެ ކުރީކޮޅު ނިކުތް "ބަހޫބަލީ 2" އަށް ލިބުނު ބޮޑު ކާމީޔާބީ އަށް ފަހު އަދިތްޔަ ބޭނުންވަނީ މި ފިލްމަކީ އެ ފިލްމަށް ވުރެން ހުރިހާ ގޮތަކުން ވެސް ފުރިހަމަ ފިލްމަކަށް ހަދާށެވެ. އެހެންކަމުން އެކްޝަން މަންޒަރުތަކުގައި ހުރި އޭނާ ހިތްހަމަނުޖެހޭ ހުރިހާ މަންޒަރެއް ކިތަންމެ ބޮޑު އަގެއްދީގެން ވެސް އަލުން ޝޫޓްކުރަން އޭނާ ހުރީ ތައްޔާރަށެވެ.

ކެޓްރީނާ ކައިފް އާއި "ޑަންގާލް" ގެ ބަތަލާ ފާތިމާ ސަނާ ޝައިހް ލީޑްރޯލުން ފެނިގެންދާ މި ފިލްމަކީ އަންނަ އަހަރުގައި ނިކުންނަ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ އެއް ފިލްމެވެ. އަންނަ އަހަރުގެ ނޮވެމްބަރު ހަތް ވަނަ ދުވަހު ރިލީޒްކުރާ މި ފިލްމުގައި ނަގަން ޖެހޭ އެއްވެސް މަންޒަރެއް އަދި ކެޓްރީނާ ޝޫޓްކޮށްފައެއްނުވެ އެވެ.

ޔާޝް ރާޖްސް އިން އުފައްދާ ފިލްމެއްގެ އިތުރުން މި ފިލްމު ހާއްސަ ވާ އެންމެ ބޮޑު އެއް ސަބަބަކީ އަމީތާބާއި އާމިރް އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމަށް ވުމާއި، މިހާތަނަށް އުފައްދާފައި ނުވާ ކަހަލަ ވާހަކައެއްގެ މައްޗަށް އުފައްދާ ހިންދީ ފިލްމަކަށް ވުމެވެ.

ކަނޑުފޭރޭ މީހުންގެ ރޯލުން އާމިރާއި އަމީތާބް ފެނިގެންދާއިރު، އާމިރް މި ފިލްމުގައި ފެނިގެންދަނީ ވަރަށް ތަފާތު ސިފައެއްގަ އެވެ.