ބޮލީވުޑް

އާމިރް ޚާން އާއި އަންހެނުންނަށް ސްވައިންފްލޫ ޖެހިއްޖެ

Aug 7, 2017

ބޮލީވުޑްގެ ކާމިޔާބު އެކްޓަރު އާމިރް ޚާން އާއި އަންހެނުން ކިރަން ރާއޯ އަށް ސްވައިންފްލޫ ޖެހިއްޖެ އެވެ.

އާމިރް އާއި އަންހެނުންނަށް ސްވައިންފްލޫ ޖެހިފައިވާކަން އޭނާގެ ސްޕޯކްސްޕާސަން ވަނީ ނެރުނު ބަޔާނެއްގައި ޔަގީންކޮށްދީފަ އެވެ.

އިޖްތިމާއި ގިނަ ކަންތައްތަކުގައި އެހީތެރިވަމުން އަންނަ އާމިރު އަށް ސްވައިންފްލޫ ޖެހިފައިވާ ކަމަށް ބުނެފައިވަނީ އޭނާ ހިންގަމުން އަންނަ އެންޖީއޯ، ޕާނީ ފައުންޑޭޝަނުން ޕޫނާއިގައި ބޭއްވި އިވެންޓުގައި ބަލިވެ އުޅޭތީ ބައިވެރިނުވެމުންނެވެ.

ފާއިތުވު ހަފްތާއެއްހާ ދުވަހުން ފެށިގެން އާމިރް ހުން އަންނާތީ އެއްވެސް ވަރަކަށް ގެއިން ބޭރަށް ނުނިކުމެ ގޭގައި އަންނަނީ ފަރުވާ ހޯދަމުންނެވެ.

ޕާނީ ފައުނޑޭޝަންގެ އިވެންޓުގައި ބައިވެރިނުވެމުން، އެ އިވެންޓުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ވާހަކަދައްކަމުން އާމިރް ވަނީީ އޭނާ އާއި އަންހެނުންނަށް ސްވައިންފްލޫ ޖެހިފައިވާކަން ޓެސްޓުތަކުން ޔަގީންވެފައިވާ ކަމަށާއި މީހުންގެ ތެރެއަށް ނިކުތުން މަނާކޮށްފައިވާތީ އެ ހަފްލާގައި އޭނާ އަށް ބައިވެރިނުވެވުނީ ކަމަށް ބުނެފަ އެވެ.

"ސްވައިންފްލޫ ޖެހިގެން ފަރުވާ ހޯދަމުން މި އަންނަނީ. މިހާރު ގޭގައި އަރާމުކުރަނީ، ބޭރަށް ނިކުތުން އަހަންނާއި ކިރަން އަށް މަނާ،" އާމިރް ބުނެފައިވެ އެވެ.

ޕާނީ ފައުންޑޭޝަން އަކީ އާމިރް އާއި އަންހެނުން ކިރަން ގުޅިގެން އުފައްދާފައިވާ ޖަމްއިއްޔާ އެކެވެ. މިއީ މަހަރާޝްތްރަ ސްޓޭޓުގައި ދިމާވަމުން އަންނަ ހަނަފަސްކަމުގެ ސަބަބުން ދިމާވާ ފެނުގެ ދަތިކަން ހައްލުކުރަން އާންމުން ހޭލުންތެރިކުރާ ޖަމްއިއްޔާ އެެކެވެ.

ޕާނީ ފައުންޑޭޝަނުން، ފެން ރައްކާކުރަން އެންމެ ބޮޑު މަސައްކަތްތަކެއް ކުރި ސްޓޭޓްތަކަށް އިނާމު ދިނުމުގެ ހަފްލާއަށް އާމިރަށް ނުދެވުމުން އޭނާގެ ބަދަލުގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުން ގާތްއެކުވެރިޔާ ޝާހްރުކް ޚާން ވަނީ ބައިވެރިވެފަ އެވެ.