ބޮލީވުޑް

ލޯބިވެރިން ކަމަށްވާ ޓައިގާ އާއި ދިޝާ "ބާޣީ 2" ގެ ޝޫޓިން ފަށައިފި

Aug 8, 2017

މިދިޔަ އަހަރު ނިކުތް ފިލްމު "ބާޣީ" އަށް ލިބުނު ބޮޑު ކާމިޔާބާ އެކު އެ ފިލްމުގެ ޕްރޮޑިއުސަރު ސާޖިދް ނަޑިއަޑްވާލާ ވަނީ މި ސިލްސިލާގެ ދެވަނަ ފިލްމެއް ވެސް އުފައްދަން ނިންމާފަ އެވެ.

ތަޅާފޮޅާ މަންޒަރުތައް ގިނަ އަދަދަކަށް ހިމެނޭ "ބާޣީ 2" ގެ ޝޫޓިން އިއްޔެ ވަނީ ޓައިގާގެ ހަގީގީ ލޯބިވެރިޔާ ބަތަލާ ދިޝާ ޕަޓާނީ އާއެކު ފަށާފަ އެވެ.

ފިލްމުގެ ޝޫޓިން ފެށުމުގެ ކުރިން ފިލްމުގެ ޓީމާއެކު ސެޓުގައި ޓައިގާ އާއި ދިޝާ ނަގާފައިވާ ފޮޓޯއެއް ވަނީ އާންމުކޮށްފަ އެވެ. ފިލްމުގެ ޝޫޓިން ފެށުމުގެ ގޮތުން އިއްޔެ ވަނީ އިއްޔެ ކޭކު ފެޅުމުގެ ރަސްމިއްޔާތެއް ވެސް ބާއްވާފަ އެވެ.

މި ސިލްސިލާގެ ފުރަތަމަ ފިލްމު ޑައިރެކްޓްކޮށްފައިވަނީ ސަބީރް ޚާން ނަމަވެސް ދެވަނަ ފިލްމު ޑައިރެކްޓްކުރަނީ ކޮރިއޮގްރާފާ އަދި ޑައިރެކްޓަރު އަހްމަދު ޚާން އެވެ.

ދިޝާ އާއެކު މި ފިލްމު ކުޅެން ނިންމުމަށްފަހު ޓައިގާ ވަނީ ދިޝާ އަކީ އޭނާގެ ގާތް އެކުވެރިޔަކަށް ވުމުން އެކުގައި ފިިލްމު ކުޅެން ވަރަށް ފަސޭހަ ވާނެ ކަމަށް ބުނެފަ އެވެ.

ދިޝާ ބޮލީވުޑަށް ނިކުމެފައިވަނީ މިދިޔަ އަހަރު ނިކުތް "އެމް އެސް ދޯނީ: ދި އަންޓޯލްޑް ސްޓޯރީ" އިންނެވެ. އެ ފިލްމަކީ ލީޑްގައި ދެ ބަތަލާއިން ފެނިގެން ގޮސްފައިވާ ފިލްމަކަށް ވާއިރު، "ބާޣީ 2" އަކީ ދިޝާ ހަމަ އެކަނި ލީޑް ބަތަލާގެ ގޮތުގައި ފެނިގެންދާނެ ފުރަތަަމަ ފިލްމެވެ.

އަންނަ އަހަރުގެ އެޕްރީލް މަހުގައި ރިލީޒްކުރާ ގޮތަށް ހަމަޖެހިފައިވާ މި ފިލްމުގައި މުހިންމު ރޯލަކުން ޕްރަތީކް ބައްބަރް ވެސް ފެނިގެންދާނެ އެވެ.

ޓައިގާ އާއި ދިޝާ އެންމެ ފުރަތަމަ އެކުގައި ފެނިގެން ގޮސްފައިވަނީ މިދިޔަ އަހަރު ނިކުތް މިއުޒިކް ވީޑިއޯ ބޭފިކްރާ އިންނެވެ. އެ ލަވައިގެ ފަހުން މި ދެތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ ވާހަކަތައް އަންނަނީ ދެކެވެމުންނެވެ. މިދެތަރިންނަކީ އެކުގައި ވަރަށް ގިނައިން ބޭރު ތެރެއިން ފެންނަ ވެސް ދެތަރިންނެވެ.