(06 އޯގަސްޓު 2017 އާ ގުޅޭ) -- ބައްޕައެއްގެ ލޯތްބަކީ ކޮބައިކަން އައިރާއަކަށް ނޭނގެއެވެ. އެހެންނަމަވެސް ހައިކަލްގެ ބަސްތަކުން މިއަދު އެ އިހުސާސް އައިރާއަށް ކުރެވިއްޖެއެވެ. މިއަދު އޭނާ ހިތުގައި ޖެހިގެން ރޯހެން ހީވި ނަމަވެސް އޭނާއަށް ލިބުނު އުފާވެރިކަމާއި މިންވަރުކުރެއްވި ނިޢުމަތް ތަޙައްމަލު ކުރާނޭ ގޮތެއް ނޭނގުނީއެވެ.
އައިރާ ވީތަނެއް ނޭނގުމުން ޔާނާއަށް ހީވީ ގޭތެރޭގައި މާ މީހުން ގިނަވީމާ އައިރާ އެނބުރި ކޮޓަރިއަށް ދިޔައީ ކަމަށެވެ. އެހެންވެ އޭނާ އައިސް އައިރާގެ ކޮޓަރީގައި ޓަކި ޖަހާލުމަށްފަހު ދޮރު ހުޅުވާލިއެވެ. އެއްވެސް ދަތިކަމެއްނެތި އަރާމު ނިންޖަކުން ކުޑަ އެނދުގައި އައިޒަން ނިދާފައި އޮތެވެ. ނަމަވެސް އައިރާއެއް ނުފެނުނެވެ. ފާޚާނާއާއަކު ވެސް ނެތެވެ. ސުވާލު އުފެދިފައި ހުރެ އަނެއްކާ ވެސް ޔާނާ އައީ ބޮޑުކޮޓަރި ތެރެއަށެވެ. ވަށައިގެން ހޯދާލުމާއެކު ކާކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. ކާކޮޓަރިއާ އިންވެގެން ހުރި ބަދިގެއަށް ޔަނާ ވަންއިރު ކަނަކަށް ވަދެ ފިލާ ހުރި އައިރާ އޭނާއަށް ފެނުނީ ދެނެވެ. އަވަހަށް އައިސް އައިރާގެ ގާތުގައި ހުއްޓުނެވެ.
"އައިރާ ރޮނީތަ؟ ކީއްވެ މިތާ ތި ހުރީ؟ މީހަކު އެއްޗެއް ބުނީތަ؟" ހާސްވެފައި ހުރެ އައިރާގެ ކޯތާފަތް ދެއަތުން ފުހެމުން ޔާނާ ސުވާލު ކުރާން ފެށިއެވެ. އޭނާއަށް ބަލަން ހުރި އައިރާއަށް އަނެއްކާ ވެސް ރޮވުނީއެވެ. ހަމައެއާއެކު އޭނާ ޔާނާގެ ގައިގާ ބައްދާލިއެވެ.
"އަހަންނަކީ ވަރަށް ބޮޑު ނިކަމެއްޗެއް. އެކަމަކު ޒޭންގެ ޢާއިލާ އަހަރެންގެ ފެންވަރަކަށް ނުބަލާ... އަހަންނަށް ތިޢާއިލާއަށް ކޮށްދެވޭނެކަމެއްނެތް އިރު ވެސް އެންމެން އަހަންނަށް އެހާ ހެޔޮ"
"އައިރާ! އެވަރުކަމަކާ ތިވަރަށް ތި ރޮނީ... ރަނގަޅަށް އުޅޭ މީހުންނަށް ރަނގަޅު ގޮތް ﷲ މިންވަރު ކުރައްވާނީ ވެސް. އަހަރެންގެ މަންމައާއި ބައްޕަގެ ހުރީ އަހަރެން އެކަނި. ކޮއްކޮއަކާއި ބޭބެއެއް ނޫނީ ދައްތައެއްގެ އުފަލެއް ނުލިބޭ. ހަމައެގޮތަށް ޒޭންގެ ޢާއިލާގައި ވެސް އޭނާ ނޫން ކުއްޖެއް ނުހުރޭ. ޒޭންއަށް އަންހެން ކޮއްކޮއަކު ލިބުނު. އެކަމަކު މަންމައާއި އެ ކޮއްކޮ މި ދުނިޔެއާ ވަކިވެގެން ދިޔައީ. އައިރާއާ ބައްދަލުވެ އައިރާގެ އުޅުން ފެނި މިއަދު އަހަންނާއި ޒޭންއަށް ވެސް ކުރެވެނީ އެއް އިހުސާސެއް. ތީ އަހަރުމެންގެ މި ކުޑަކުޑަ ޢާއިލާގެ މެންބަރެއްގެ ގޮތުގައި. ޒޭންއަށް ނުލިބުނު އަންހެންކޮއްކޮ... އަހަންނާއެކު ހުރިހާ ކަމެއްގައި ޚިއްޞާ ވާނޭ އަންހެން ކޮއްކޮ..." ނިކަން ފުޅާ ހިނިތުންވުމަކާއެކު ޔާނާ އަލުން އައިރާގެ ކޯތާފަތް ދެއަތުން ފުހެލަ ދިނެވެ.
"އައިރާ އަބަދު ހިތާމަކުރާތަން އަހަންނަށް ފެންނަނީ... އަހަރެންގެ ކޮއްކޮ ހިތާމަކުރާކަން އެނގޭއިރު އަހަރެން ވެސް ދެރަވޭނެއެއްނު. ހިތަށް އަރާ އަހަންނަށް ކޮށްދެވޭނެކަމެއް ހަމަ ނެތީބާއޭ... އާދެބަލަ އައިރާ... ވާހަކައެއް ކިޔައިދޭނަން" ޔާނާ ކުއްލިއަކަށް ކަމެއް ހަނދާންވެގެން ބުނެލިއެވެ. އަދި އައިރާގެ އަތުގައި ހިފައިގެން ކާކޮޓަރިއަށް ނުކުމެ ކާމޭޒު ދޮށުގައި އިށީނެވެ.
"އަހަރެން މިވާހަކަ ނުބުނާން ހުރީ. އަހަންނަށް ހުވަފެނެއް ފެނުނީ. ވެދާނެ ހިތުގައި އަޅައިގެން އުޅޭކަމެއްވީމާ ހުވަފެނުގައި ވެސް ފެނުނީ ކަމަށް. އަހަރެން މިހާރު އެންމެ ބޭނުންވަނީ އައިރާ އުފަލުގައި އުޅޭނެ ދުވަހެއް ދުށުމަށް. އަހަންނަށް ޔަގީންވާ ކަމަކީ އައިރާއަށް އުފާވެރި ދިރިއުޅުމެއް އަލުން ހޯދައިދެވޭނެ ހުރީ އެންމެ މީހެއްކަން... އެއީ ލޫކަން... އަހަންނަށް ހުވަފެނުން ވެސް ފެނުނީ އައިރާގެ ކައިވެނި ލޫކަންއާ ކުރެވޭތީ... ހޭލެވުނީ ވެސް އުފަލުން ރޮވެނިކޮށް... އައިރާ! މީ ހަމައެކަނި އަހަރެންގެ ހިތުގެ އެދުމެއްނޫން... ޒޭންއާއި ބައްޕަ ވެސް ދުށުމަށް އެދޭ ދުވަހެއް. އައިރާގެ ދިރިއުޅުން އަލުން އާބާދުވެ އުފާވެރި ހަމަޖެހޭ ދިރިއުޅުމެއް އުޅޭތަން ދުށުން. ލޫކަންއަކީ ރަނގަޅު މީހެއްކަން އިތުރަށް އައިރާއަށް ބުނެދޭންޖެހެނޭއެކޭ އަހަރެންގެ ހިތެއް ނުބުނޭ"
"ޢާއިލާގެ މެންބަރަކަށް ހެދުމަށްފަހު އެހާ އަވަހަށް އަހަރެން ދުރުކޮށްލަން ގަސްދުކުރީތަ؟" އިސްޖަހާލައިގެން އިނދެ އައިރާ ބުނެލިއެވެ. އެއާއެކު އައިރާގެ ދެއަތުގައި ޔާނާ ހިފާލިއެވެ.
"ޢާއިލާގެ ގުޅުމަކީ އެހާ ބަލިކަށި ގުޅުމެއްކަމަށް އައިރާ ޤަބޫލުކުރަނީތަ؟ އިރާދަކުރެއްވިއްޔާ ދެން ދުވަހަކު ވެސް އައިރާ އެކަންޏެއްނުވާނެ. ނިކަމެތި މީހެއްކަމުގައި ހީކޮށްގެން ވެސް ނުވާނެ. އަދި އަހަރުމެން މިއުޅެނީ އައިރާގެ ފަރާތުން ކަމެއް ބޭނުންވެގެންނޭ ވެސް ހީ ނުކުރާތި"
މީހުންތައް މަދުވަމުން އައި ވަގުތު ހައިކަލްއަށް ކާކޮޓަރި ކައިރިއަށް އާދެވުނީ ގަސްދުގައެއްނޫނެވެ. ނަމަވެސް އައިރާއާއި ޔާނާ ފެނުމުން އޭނާއަށް ހުއްޓެވުނެވެ. އެ ދެކުދީން ދައްކާ ވާހަކަ އަޑު އިވޭ ހިސާބުގައި ސިއްރުން ހައިކަލް މަޑުކޮށްލިއެވެ. ޔާނާއާއި އައިރާގެ ވާހަކަތައް އިވިފައި ހައިކަލްގެ ތުންފަތައް ހިތްހަމަޖެހުމުގެ ހިނިތުންވުމެއް ވެރިވިއެވެ.
"އިންސާނަކަށް ހެދޭނެ އެންމެ ބޮޑު ގޯސް އަހަންނަށް ހެދުނީ. ހިތްދަތިކަމާއި ވޭނަށްފަހު ވެސް އަހަންނަށް މިންނުގެ ލޯބި ލިބުނު. އޭނާ ވަކިވެގެން އެ ދިޔައީ އަހަރެންދެކެ އިންތިހާއަށް ލޯބިވާ އަނތްބެއްގެ ގޮތުގައި އިނދެ. އަހަރެން ވެސް ހީކުރީން މިންނު ދުވަހަކު ވެސް އަހަރެންދެކެ ލޯތްބެއް ނުވާނެއޭ... އެއީ ކުށްހީއެއް. ލޫކަން އެވަނީ އައިރާއަށް އަލުން ލޯބިވާން ދަސްކޮށްދީފައި. ދިރިހުރުމަށްވުރެ މަރުވުން ރަނގަޅުކަމުގައި ދުށް އެ ހިތް މިއަދު ދިރިހުންނާން މަސައްކަތްކުރޭ. ހަމައެކަނި ދަރިފުޅަށް ޓަކައެއްނޫން. މަރުޙޫމު ފިރިމީހާއަށް ކުރެވޭ އިހާނެތިކަމަކަށްވެދާނޭތީ ލޯބީގެ ވިންދު ޖަހާލާ ކޮންމެ ފަހަރަކު މުޅި ނަފްސަށް ބިރުވެރިކަން އެ ވަންނަނީ... މޮޔަ ކުއްޖާ... ތިވެވެނީ ލޯބިކަން ޔަގީން... އައިރާއަށް ލޫކަންދެކެ ލޯބިވެވިއްޖެ. އަހަންނަށް އެކަން ޔަގީންވޭ" ހިނިއައިސްފައި އައިރާއަށް ބަލަން ހުރި ހައިކަލް އަމިއްލަ ހިތާ ވާހަކަދެއްކިއެވެ.
"އައިރާ! އަހަންނަށް އެނގޭ ލޫކަންއަކީ އޭނާގެ އުމުރު ދުވަހު އައިރާއަށް އިންތިޒާރު ކުރާން ޖެހުނަސް ކުރާނެ ކަހަލަ މީހެއްކަން. އޭނާ އައިރާގެ ދަރިފުޅުދެކެ ވަރަށް ލޯބިވޭ. އައިރާ ކަންބޮޑުވާންވީ ކޮންކަމަކާ؟ ލޫކަން އެއްވެސް ކަމެއް އައިރާއަށް އޮޅުވައެއްނުލާނެ. ދިރިއުޅުމާމެދު މާޔޫސްވެ އެކަނިވެރިކަމުގައި ހަޔާތް ވޭތުކޮށްލާކަށް އަދިނުވޭ. އުފާވެރި ޢާއިލާއެއް ބިނާކުރާން އައިރާ ބޭނުމެއްނޫންތަ؟ ލޫކަންއާއި އައިރާގެ ގާތުގައި ހުރެ އައިޒަން ބޮޑުވާނީ މަންމައާއި ބައްޕަގެ ފުރިހަމަ ލޯބި ލިބިގެން... ފުރިހަމަ ޢާއިލާއެއްގެ ތެރޭގައި... މިހެން ބުންޏަސް އަހަންނަށް އެނގޭ ލޫކަންގެ ދަރިއަކަށް އައިޒަން ދުވަހަކު ވެސް ނުވާނެކަން. އެކަމަކު އައިރާ ވިސްނާލަބަލަ! ބައްޕައެއްގެ މަޤާމު ދެވެނީ ހަމައެކަނި ލޭގެ ގުޅުން އޮވެގެންތަ؟ އަހަންނަށް ޔަގީން އައިޒަންއަށް ލޫކަންއަށްވުރެ ބޮޑަށް ލޯބިވާނެ ބައްޕައެއް ނުލިބޭނެކަން..." އައިރާގެ ދެކޮޅު ހެދުންތަކަށް ޔާނާ ރައްދުދިނެވެ. އިތުރަށް އޭނާއަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް އެތަނަށް ހައިކަލް ވަނެވެ. އެހެންވެ ދައްކަމުންދިޔަ ވާހަކަ މެދު ކަނޑާލިއެވެ. ހައިކަލް ވެސް އެމީހުންގެ ވާހަކަ އަޑު އިވުނު ކަމަކަށް ނުހަދައެވެ.
"މާ މީހުން ގިނަވީ ދޯ... އެކަމަކު މިހާރު އެންމެންތައް ގެއަށް ދާން ފަށައިފި. ބައްޕަގެ ދެތިން ރައްޓެއްސެއް ހަމައެކަނި ތިބީ" އަތުގައި އޮތް ހުސްތަށި ކާމޭޒު މަތީ ބަހައްޓަމުން ހައިކަލް ވާހަކަދެއްކިއެވެ.
"ކޮބާ ޒޭން؟" ޔާނާ އަހާލިއެވެ.
"ލޫކްއާ ދެ މީހުން އެބަތިބި ސޯފާގައި. ހީވަނީ ވަރުބަލިވެފައި ތިބިހެން" ހީނލާފައި ހައިކަލް ބުންޏެވެ.
* * * *
ފުންނޭވާއެއް ލުމާއެކު އެނދުގައި އޮތް ރުބީނާ އަރިއަކަށް ޖެހިލިއެވެ. އޭރު އޭނާގެ ގާތުގައި އޮތް ޤައިސްއަށް ނިދުނާ ކިތަންމެ އިރެކެވެ. ނަމަވެސް ރުބީނާއަށް ނިދޭ ގޮތެއްނުވިއެވެ. އައިރާ ވީތަނަކާ މެދު އޭނާއަށް ވިސްނެނީއެވެ. ލޫކަން ވެސް އައިރާއަށް އެހީވާން އެ ނިންމި ނިމުމަކީ ރުބީނާއަށް ޤަބޫލުކުރެވޭ ނިންމުމެއްނޫނެވެ. ހިދާއާއެކު ރޭވި ރޭވުން ވެސް ދިޔައީ ފަނުފުލުންނެވެ. ލޫކަން ހޯދުމަށް ޓަކައި ހޮސްޕިޓަލަށް ގުޅާ ޑަކްޓަރު ލޫކަންއަށް އެޕޮއިންމެންޓެއް ހައްދާން ރުބީނާ އުޅުމުން އެނގުނީ ލޫކަން ޗުއްޓީގައި ހުރި ކަމެވެ. އެހެންވުމުން އިތުރަށް ލޫކަން ހޯދަން ދާނޭ ތަނެއް ވެސް ނެތުނީއެވެ. ރުބީނާއަށް ވިސްނެމުންދިޔައީ އޭނާގެ ހުރިހާ ރޭވުމެއް ފެނަށްވަމުންދާތީ އެކަމާއެވެ. އެއްވެސް ކޮޅަކުން ކާމިޔާބުވާގޮތެއް ނުވެއެވެ. ލިބެނީ އިތުރު ނުތަނަވަސްކަމެކެވެ.
"އައިރާގެ މަތީން ހަނދާންނައްތާލަންވީތަ؟ އާން! އެއީކަންނޭނގެ މިވަގުތައް ދެން އެންމެ ރަނގަޅުވާނޭ ގޮތަކީ. އައިރާ ފޮރުވައިގެން ލޫކަންއަށް އެހެން އުޅެވޭނީ ކިހާ ދުވަހެއްވާންދެން... އެހާތަނަށް މަޑުކޮށްގެން ހުންނާންވީ. ޤައިސް ވެސް އަހަރެން ދެއްކި ވާހަކަތައް މަތީން އެހާތަނަށް ހަނދާންނެތިދާނެ. ނޫނީ އެބައޮތް ގޮތެއް... އަވަހަށް ޤައިސްއާއެކު ދަރިއެއް ހޯދާންވީ. އޭރުން ލޫކަންއަކަށް ވެސް އަހަރެން ކުރިމަތީ އެގޮތަށް ފުއްޕާފައި އުޅޭކަށް ނުކެރޭނެ. ޤައިސް އަހަންނަށްވުރެ ބޮޑަށް އަހަރުމެން ލިބޭ ދަރިފުޅާ މެދު ވިސްނާނެ. އާން! އާން!... ކުރީން ވެސް ހިދާ އެ ޚިޔާލު ދިން. އައިރާގެ ކަންތަކާ އުޅޭން ހަދައިގެން އެކަމާ ވިސްނާނުލެވުނީ. ޤައިސް ވެސް ދަރިއަކު ހޯދާން ބޭނުންނުވާ ވާހަކައެއް ނުބުނޭ. އަދިވެސް އަހަންނަށް ފުރުޞަތު އެބައޮތް. ލޫކަން ކަމެއް ރޭވުމުގެ ކުރީން އަހަރެންވީ މިގެއަށް ގަދަކޮށްލާން" ނުތަނަވަސްކަން ވެރިވެފައިވާ ރުބީނާގެ މޫނުމަތިން މަކަރުވެރި ހިނިތުންވުމެއް ފާޅުވެގެންދިޔައެވެ.
* * * *
އެނދުގައި އަރިއަކަށް އޮށޯވެލައިގެން ކުޑައެނދާ ދިމާއަށް ބަލަހައްޓައިގެން އޮތް އައިރާގެ ލޮލުގައި ނިދީގެ އެއްވެސް އަސަރެއް ނެތެވެ. އޭރު މެންދަމުން އަލިވެ ދޭއްޖަހައި ހިނގައްޖެއެވެ. ވަގުތު ހިނގަމުންދާކަމުގެ ހިލަމެއް ވެސް އޭނާއަށް އިހުސާސް ނުވާ ކަހަލައެވެ. އެއަށްވުރެ އޭނާގެ ސިކުނޑިއާއި ހިތްވަނީ ވަރުގަދަ ފިކުރަކުން ހިޞާރުވެއެވެ. ޔާނާގެ އަޑުން ގެތެމުންދިޔަ ޖުމްލަތައް ކަންފަތުންލާފައި މުޅި ނަފްސަށް އޭގެ ބާރުފޯރުވަނީއެވެ. ދޭތެރެއަކުން މޭގައި ކަނާއަތް ޖައްސާ އޮބައިލުމާއެކު ފިނިނޭވާއެއް އައިރާ ދޫކޮށްލައެވެ. އެ ހަރަކާތާއެކު އޭނާގެ ދެ ލޯ މެރިގެން ދަނީ ބޭއިޚްތިޔާރުގައެވެ.
ނުނިދި އެނދުގައި އޮންނާން އުނދަގޫވެގެން އައިރާ ތެދުވިއެވެ. މަޑުމަޑުން ކޮޓަރިން ނުކުމެ ގޭގެ ބޮޑުކޮޓަރި ފެންނަގޮތަށް ސިޑިއާ ގުޅުވާލެވިފައިވާ ބެލްކަނީގެ ލަކުޑި ރެއިލިންގައި ދެ އަތުން ހިފަހައްޓާލައިގެން އައިރާ ހުއްޓެވެ. މުޅި ގޭތެރެއަށް ވެރިފައި އޮތީ ފުންހިމޭންކަމެވެ. ފަނޑުއަލިކަމުގެ ތެރެއިން ގޭގެ އެކި ސަރަޙައްދު ދަތިކަމެއްނެތި ފެނެއެވެ.
"އައިރާ!..." ފިރިހެނެއްގެ އަޑު ކައިރިން އިވުމާއެކު އައިރާ ދިޔައީ ސިއްސައިގެންނެވެ. އޭރު އޭނާގެ ގާތަށް ހައިކަލް ހުރެ އާދެއެވެ.
"އައިރާހެން ހީވި ފުރަތަމަ ފެނިފަ ވެސް" ހައިކަލް އައިސް އައިރާގެ ގާތުގައި މަޑުކޮށްލަމުން ހިނިތުންވެލިއެވެ.
"ނުނިދޭވަރުގެ ކަމެއް ދިމާވީތަ؟" އައިރާގެ ބޮލުގައި ފިރުމާލަމުން ހައިކަލް އަހާލިއެވެ. އެއާއެކު އައިރާ އިސްޖަހާލަމުން ދެފަރާތަށް ބޯހޫރާލިއެވެ.
"ބައެއްފަހަރު އަމިއްލަ ހިތަށް ވެސް ބަރޯސާވާންޖެހޭ. އެއީ ގިނަ ފަހަރަށް ސިކުނޑިއަށް ގޮތެއް ނިންމަން ނޭނގިގެން އުޅޭއިރު ހިތާއި ޟަމީރަށް އޮންނާނީ އެ ނިންމުން އެނގި ސާފުވެފައި. މިތާ މަޑުކުރައްޗޭ... އެބަ އަންނަން..." ހައިކަލް މިހެންބުނެ އޭނާގެ ކޮޓަރިއަށް ގޮސް ވަނެވެ. އަދި ގިނައިރެއްނުވެ އޭނާ އެނބުރި އައިސް އައިރާއަށް ދިއްކޮށްލީ ބޯފޮތެކެވެ. ހައިރާންވެފައި އައިރާ ބަލަން ފެށުމުން ހައިކަލް އިޝާރާތްކޮށްލީ އޭގައި ހިފުމަށެވެ. ފެންނަފެނުމަށް ޒަމާންވެ ކަރުދާހުގެ ކުލަ ބަދަލުވެފައި ވެއެވެ. ނަމަވެސް އެހާ ގިނަ ދުވަސްވެފައިވާ ފޮތެއް އައިރާ ހަވާލު ކުރުމުގެ މާނައެއް އޭނާއަކަށް ނުވިސްނުނެވެ. ފޮތުގައި ހިފުމަށްފަހު ހައިކަލްއަށް އައިރާ ބަލާލީ އެ ސުވާލުގެ ޖަވާބު ހޯދުމަށެވެ.
"އަހަންނަށް އެނގޭ މިރޭ އައިރާ ނިދަން މަސައްކަތް ކުރިޔަސް ނުނިދޭނެކަން. ތި ފޮތް މިރޭ އައިރާއަށް ވަރަށް ގިނަ ކަންތައްތައް ބުނެދޭނެކަމުގައި އަހަރެން ޤަބޫލުކުރަނީ. ތީ މީހެއްގެ ދިރިއުޅުން. އޭނާގެ ހަޔާތުގެ ކަޅު އަނދިރި ސަފްޙާތަކާއި އެ އެނދިރި ދިރިއުޅުމަށް އޭނާ ނިމުން ގެނައިގޮތް... އައިރާ! ހަޤީޤީ ލޯތްބަކީ އެހާ ފަސޭހައިން ހިތުން ފިލުވާލެވޭނޭ އެއްޗެއްނޫން. ލޯބިވާކަން ހާމަކުރުމުގައި އިންސާނާ ހައްދުފަހަނައަޅައި ދިއުމުން ވެސް އެ ލޯބި ޤަބޫލުކުރީ ކީއްވެ؟ އެއީ އެ ލޯތްބަކީ ހަޤީޤީ ކުލުންވެރިކަމެއްވީމާ. ދެއްކުންތެރިކަމެއްނުވާ ސާފު ތެދުވެރި އިހުސާސަކަށްވީމާ" ހައިކަލްގެ ހިނިތުންވުމުގައި އެތައްކަމެއް ފޮރުވިފައިވިއެވެ. އައިރާއަށް ބުނާނޭ އެއްޗެއް ނޭނގި ހައިކަލް ދިޔަ ދިމާއަށް ބަލަން ހުރެވުނީއެވެ.
ހައިކަލް ދިން ފޮތް ހިފައިގެން އައިރާ އެނބުރި އައިސް ކޮޓަރިއަށް ވަނެވެ. އަދި އެނދުގައި ހަމަޖެހިލަމުން ބުރަކަށި ފަހަތަށް ބާލީހެއް ލައްވާލިއެވެ. އެއަށްފަހު އުނގުގައި ބާއްވާފައި އޮތް ބަލީސް މަތީގައި ހައިކަލް ދިން ފޮތް ހުޅުވާލިއެވެ. ފުރަތަމަ ސަފްޙާ އިން ވެސް އެއީ މީހެއްގެ ޑައިރީކަން އައިރާއަށް އެނގުނެވެ. ވާހަކަފޮތެއް ކިޔާ އުސޫލުން ކިޔާން ފެށި ނަމަވެސް ސަފްޙާއަކަށް ފަހު ސަފްޙާއެއް ކިޔާ ނިމެމުން ދިޔަ ވަރަކަށް ޑައިރީގެ ތެރެއަށް އައިރާއަށް ވަދެވުނެވެ.
"ސުބްޙާނައްﷲ... މިންނުގެ މުޅި ދިރިއުޅުން..." ނޭވާ ހިފަހައްޓާލައިގެން އިން ފަދަ ގޮތަކަށް އައިރާ ބުނެލެވުނެވެ.
ފަތިސް ނަމާދުގެ ބަންގީގެ އަޑު އިވުމާއެކު ޑައިރީ ކިޔުން މެދުކަނޑާލާފައި އައިރާ ނަމާދަށް އެރިއެވެ. އޭރު އޭނާގެ އަމިއްލަ ފިކުރުތައް މަތީން ކުޑަކޮށް ވެސް ހަނދާނެއްނެތެވެ. ނަމާދުން އަވަދިވުމާއެކު އަނެއްކާ ވެސް އައިރާއަށް ސަމާލުވެވުނީ މިންނުގެ ދިރިއުޅުން ލިޔެފައިވާ ޑައިރީ ކިޔުމަށެވެ.
މުޅި ޑައިރީ ކިޔާ ނިމުންއިރު އައިރާއަށް ރަނގަޅަށް ރޮވިއްޖެއެވެ. މޭގައި އެ ޑައިރީ ޖައްސާ ބާރުކޮށްލެވުނެވެ. ހަމައެއާއެކު ކުރީން ހައިކަލް ދެއްކި ވާހަކަތަކުގެ މުރާދު ނޭނގުނު ނަމަވެސް މިހާރު އެ ބުނި އެއްޗެއް އައިރާއަށް ސާފުވެ އެނގިއްޖެއެވެ.
"އަހަންނަށް... އަހަންނަށް އެފަދަ ލޯތްބެއް ވެވިދާނެތަ؟ އަލުން ދެވަނަ މީހަކަށް ހަޔާތުން ފުރުޞަތު ދެވިދާނެތަ؟ ހައިކަލް ފަދައިން ލޯބިވާން ލޫކަންއަށް އެނގިދާނެތަ؟" ރޮވެމުންދިޔައިރު އައިރާގެ ހިތާ އޭނާ ސުވާލުކުރިއެވެ. ނޭނގި ނަމަވެސް ހައިކަލް ބުނި ފަދައިން އައިރާ ޖަވާބު ހޯދަން މަސައްކަތްކުރީ އޭނާގެ ހިތުންނެވެ. އަމިއްލަ ޟަމީރުގެ އަޑުއަހާން އައިރާގެ ނަފްސު ހުޅުވާލެވިފައި ވާ ކަހަލައެވެ.
ފަތިސް ނަމާދުކޮށްގެން އައިރާ ނުނިކުންނާތީ ޔާނާ އައީ އޭނާގެ ޚަބަރު ބަލާށެވެ. އޭރު ލޫކަންއާއި ޒޭން ވެސް ހައިކަލްއާއެކު ނަމާދަށް ގޮސްފައި އައިސް ބޮޑުކޮޓަރީގައި ކޮފީ ބޯން ތިއްބެވެ. އައިޒަން ހޭލައިގެން ނާދެވިގެން އުޅެނީކަމުގައި ވެސް ޔާނާއަށް ހީވިއެވެ. އޭނާ އައިސް އައިރާގެ ކޮޓަރީގައި ޓަކި ޖަހާލާފައި މަޑުމަޑުން ދޮރު ހުޅުވާލިއެވެ.
"އައިރާ!..." ކޮޓަރިތެރެއަށް ވެރިވެފައިވާ ގިސްލުމުގެ އަޑު އިވިފައި ޔާނާއަށް ކޮޓަރިތެރެއަށް ދެމިގަނެވުނު ގޮތް ވެސް ނޭނގެއެވެ. އަވަހަށް އައިސް އައިރާގެ ގާތުގައި އޭނާ އިށީނެވެ. އެވަގުތު އައިރާ މޭގައި ފޮރުވާލައިގެން އިން ފޮތް ޔާނާގެ ލޮލުގައި އަޅައިގަތެވެ.
"ކާކު އައިރާއަށް ތި ފޮތް ދިނީ" ހައިރާންކަމާއެކު ޔާނާ ސުވާލުކުރިއެވެ.
"ބައްޕަ..." ކަރުނަތައް ހިފެހެއްޓުމުގެ ބާރެއްނުވާ ދެ ލޮލުން ޔާނާއަށް އައިރާ ބަލާލާފައި ކުރެހިފައިވާ އަޑުން ބުނެލިއެވެ. އެހިނދު ޔާނާއަށް އިތުރު ހައިރާންކަމެއް ލިބުނެވެ. ހަމައެއާއެކު އޭނާ ހިނިތުންވެލިއެވެ.
"ތީ ބައްޕަގެ ލޯބި... ތީގައި މިންނު އެބުނާ އަޒާންއަކީ އަހަރެންގެ ބައްޕަ... ތަޤުދީރުގައި އޮތްގޮތް އެނގުނީ މާފަހުން" ހައިކަލްގެ ލޯބިވާ އަނބިމީހާ މިންނު މި ދުނިޔެއާ ވަކިވެގެން ދިޔަ ގޮތާއި އެއަށްފަހު ކަންތައްވީގޮތް އައިރާއަށް ޔާނާ ކިޔައިދިނެވެ. އެއާއެކު ޔާނާގެ ގައިގާ އައިރާ ބައްދާލިއެވެ.
"ޔާނާ! އަހަރެން ބިރުގަނޭ... އަހަންނަށް ލޫކަން ކަމުދާންފަށައިފި... އޭނާދެކެ ލޯބިވާކަށް އަހަރެން ބޭނުމެއްނޫން. އަހަރެން ލޯބިވާން ބޭނުންވަނީ ނިޔާނުދެކެ... ހަމައެކަނި ނިޔާނުދެކެ. މި އޮތް ދަރިފުޅުގެ ބައްޕަދެކެ. ލޫކަންދެކެ ލޯބިވެއްޖެނަމަ ނިޔާނުގެ މަތީން ހަނދާންނެތިދާނެ. މިންނު ފަދައިން ހިތުގައި އަޒާންގެ ލޯބި ފޮރުވާލިހެން އަހަރެންގެ ހިތުގައިވާ ނިޔާނުގެ ލޯބީގެ މައްޗަށް އެހެންމީހެއްގެ ލޯބި ގަދަވެގެންފާނެތީ ބިރުގަނޭ... އެ ހަނދާންތަކާ ވަކިވާކަށް ބޭނުމެއްނޫން..." ޔާނާގެ ގައިގާ ބައްދާލައިގެން އިނދެ އައިރާ ރޮމުން ވާހަކަދެއްކިއެވެ. އެވަގުތު ހުޅުވާފައި ހުރި ކޮޓަރީގެ ދޮރުމަތީ ހައިކަލް ހުރިކަން ޔާނާއަށް ފެނި އެއްޗެއް ބުނާން ދަތިވިއެވެ.
"އެއީ ބިރުގަންނާން ޖެހޭވަރު ކަމެއްނޫނޭ އައިރާ... ހިތަކީ ހީކުރާވަރަށްވުރެ ބޮޑު އެއްޗެއް. އެ ހިތުގައި ތިމާ ރައްކާކުރާ ލޯތްބަކީ ދުވަހަކު ވެސް ފުހެވިގެންދާނޭ އެއްޗެއްނޫން" އައިރާގެ ގާތުގައި އިށީނދެ އޭނާގެ ބޮލުގައި ފިރުމަމުން ހައިކަލް ވާހަކަދެއްކިއެވެ. ޔާނާއާ ދުރަށް ޖެހިލާ ހައިކަލްއަށް އައިރާ ބަލާލިއެވެ. އެހިނދު އޭނާގެ ކޯތާފަތް ހައިކަލް ފުހެލިއެވެ. އަދި އޯގާތެރިކަމާއެކު ގެނެސް މޭގައި ޖައްސާލަމުން ވާހަކަދެއްކިއެވެ.
"ދަރިފުޅާ! މީ ﷲގެ މިންވަރުފުޅުކަމުގައި ހީކުރަމާ. ހަޔާތަށް އައި އަޑިގަނޑުން އަރައިގަތުމަށް އައިރާގެ އަތުގައި ހިފީ ލޫކަން. އޭނާއަށް ހުރިހާ ހަޤީޤަތެއް އެނގޭ. އައިރާއަށް ނޭނގޭ ވަރަށް އޭނާއަށް އައިރާ އެނގޭ. ލޯބިވެވޭނީ އެއްފަހަރު... އެކަމަކު ދެވަނަ ފަހަރަށް އެފަދަ ލޯތްބެއް ވެވިއްޖެނަމަ އެ ފަދަ ލޯތްބެއްގެ އިހުސާސް ކުރެވިއްޖެނަމަ އެ ޖަޒުބާތު ހިތުގައި އުފެއްދި މީހާ ޔަގީނުން ވެސް ތިމާއަށް ނޭނގުނަސް އެވަނީ ޚާއްޞަވެފައި. ހިތުން އޭނާއަށް އެވަނީ ޖާގަދެވިފައި... ކޮންމެ ގޮތަކަށް މާނަ ކުރިކަމުގައި ވިޔަސް ޔަގީންވަނީ އެހިސާބުން އެ ވެވެނީ ލޯބިކަން... ދެން ހުއްޓާލާ... އައިޒަންއާ މެދު ވިސްނާފައި ގޮތެއް ނިންމުމަށްވުރެ މިއަދު އައިރާގެ އުފަލަށްޓަކައި އައިރާގެ އަމިއްލަ ހިތާއި ޟަމީރު ބުނާ ގޮތަކަށް ގޮތެއް ނިންމުން މުހިންމު... މި ބައްޕައަށް ޓަކައި ވިޔަސް" ހައިކަލްގެ މެޔާ އައިރާގެ ދެ ކޮނޑުގައި ހިފާ ދުރުކޮށްލަމުން ބަލާލިއެވެ.
"ޔާނާ... އައިރާ ގޮވައިގެން އާދޭ ތިރިއަށް. މިހާރު އައިރާއަކީ މިގޭ ކުއްޖެއް. ބައްޕަގެ ދަރިއެއް... އައިރާއަކީ އަޅާލާނޭ މީހަކުނެތް ކުއްޖެއްނޫން" ހައިކަލް ނުކުމެގެން ދިއުމުގެ ކުރީން ބުނެލި ބަސްތަކުން އައިރާގެ ނަފްސަށް ކުރީން ނުލިބޭ ޔަގީންކަމެއް ލިބިގެންދިޔައެވެ.
ހުކުރު ދުވަސްވީމާ ހެނދުނުގެ ނާސްތާ ނިންމާފައި އެންމެން ވެސް ތިބީ ބޮޑުކޮޓަރީގައި ވާހަކައިގައެވެ. އައިޒަން އުރާލައިގެން ޒޭން އިންއިރު މިންޙާ އޭނާގެ ގާތަށް ސޯފާއަށް އަރާ ހުއްޓެވެ. ތުއްތު އައިޒަންގެ ހަރަކާތްތަކަށް ބަލަމުން ޒޭންއާ އެކި ސުވާލު ކުރުމުގައެވެ. އޭރު އެތަނުގައި ތިބި ލޫކަންއާއި އައިރާއަށް އިރު އިރުކޮޅުން އެކަކު އަނެކަކަށް ބަލާލެވެއެވެ. ހީވަނީ ވާހަކައެއް ބުނާން ބޭނުންވެގެން އުޅެނީ ހެނެވެ.
"އައިރާ! ބައްޕައަށް ފެންތަށްޓެއް ގެނެސްދީބަލަ..." ހުރިހާކަމަކަށް ނަޒަރު ހިންގަމުން ދިޔަ ހައިކަލް ބުނެލިއެވެ. އެހިނދު ޔާނާ ބަލާލުމާއެކު ހައިކަލް އިޝާރާތްކޮށްލީ އޭނާ މަޑުކުރުމަށެވެ. އައިރާ އަވަހަށް ކާކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. ގިނައިރެއްނުވެ ލޫކަން ތެދުވެއްޖެއެވެ. ފެންބޮވައިގަނެގެން ކަމުގައި ބުނެއެވެ. ދެން ތިބި އެންމެނަށް ވެސް ލޫކަންއަށް ވީގޮތް އެނގެއެވެ. ލާނެތް ހިންޏެއް އައިސްފައި އެންމެން ތިބުމުން ލޫކަން ރަކިވާގޮތްވިއެވެ. އޭނާގެ ފަންދިގު އިސްތަށިގަނޑުގައި އަތްފުނާ އަޅާލަމުން ހަލުވިކޮށް ކާކޮޓަރިއާ ދިމާއަށް އައެވެ.
"އައިރާ! މަޑުކޮށްލެވިދާނެތަ؟..." ލޫކަން ކާކޮޓަރިއަށް ވަންއިރު ތަބަކެއްގައި ފެންފުޅިއަކާއި ތަށްޓެއް ބަހައްޓައިގެން އައިރާ ނުކުންނަނީއެވެ.
"ފެން..." އައިރާ ތަބަކަށް ބަލާލަމުން ބުންޏެވެ. އޭނާ ބުނާން އުޅުނު އެއްޗެއް ފުރިހަމަ ނުކުރި ނަމަވެސް ލޫކަން ދެނެގަތެވެ.
"އަހަރެން ވަރަށް ބޮޑު ވާހަކައެއް ދައްކާލަން ބޭނުން. އައިރާގެ މެސެޖަކަށް އަހަރެން އިންތިޒާރު ކުރާނަން. އެކަނިވެލާނޭ ވަގުތު ވީމާ އަހަންނާ ބައްދަލުކޮށްލަން އާދެވިދާނެތަ؟" ލޫކަން މިހެން ބުނުމުން އޭނާއަށް ބަލަން އިރުކޮޅަކު އައިރާ ހުއްޓެވެ. އަދި މަޑުމަޑުން ބޯޖަހާލި ގޮތުން ހީވީ ވަރަށް ވިސްނާފައި ބޯޖަހާލި ހެނެވެ.
"މެސެޖުކޮށްލީމާ ޓެރެސްއަށް އަހަރެން އަންނާނަން" ބައްދަލުކުރާންވީ ތަން ލޫކަން ބުންޏެވެ. ހާސްވެފައި ހުރި ފަދަ ގޮތަކަށް އައިރާ ކާކޮޓަރިން ނުކުމެގެން އައެވެ. ލޫކަން އައީ އޭގެ އިރުކޮޅެއް ފަހުންނެވެ.
ލޫކަން އައިސް ސޯފާގައި ހަމަޖެހިނުލެވެނީސް އޭނާއަށް ފޯނެއް އައެވެ. ބަލާލިއިރު ގުޅަނީ ޤައިސްއެވެ. އެންމެނާ އެއްފަރާތްވެލީ ޤައިސް ގުޅާކާން ބުނެފައެވެ.
"ލޫކް ގެއަށް އަންނާނީ ކޮން ދުވަހަކުންތަ؟ ވަރަށް ހަނދާންވާތީ މިގުޅާލީ... ދަރިފުޅު ހީވަނީ މިހާރު ބައްޕަގެ މަތީން ހަނދާން ވެސް ނެތުނީހެން" ޝަކުވާކުރާ ރާގެއްގައި ޤައިސް ބުންޏެވެ. އެއާއެކު ލޫކަން ހީނލިއެވެ.
"ދެތިން ދުވަސްތެރޭ ދާނަން. އަޅުގަނޑު އައިކަންތައް ވެސް ނިމިއްޖެ. ގެއަށް ދެވުނީމަ ބައްޕައަށް ބޮޑު ސަޕްރައިޒެއް ވެސް ދޭނަން. އަޅުގަނޑު ބުނީމެއްނު ވަގުތު ޖެހުނީމާ ހުރިހާ ވާހަކައެއް ބައްޕައަށް ކިޔައިދޭނަމޭ. އެނބުރި ގގެއަށް ދިއުމުން ހުރިހާ ކަމެއް ވެސް އޮޅުންފިލާނެ..." ނިކަން ހަމަޖެހިލާފައި ހުރެ ލޫކަން ބުންޏެވެ. (ނުނިމޭ)