ޒުވާން ބަތަލާ ޝްރަދާ ކަޕޫރާއި މަޝްހޫރު އެކްޓަރު ފަރްހާން އަހްތަރުގެ ދެމެދުގައި ވަރުގަދަ ލޯތްބެއް ފައްކާވަމުން އަންނަ ކަމުގެ ވާހަކަތައް ދެކެވިފައިވަނީ މިދިޔަ އަހަރު ނިކުތް މި ދެތަރިންގެ "ރޮކް އޮން 2" ގެ ޝޫޓިންގެ ތެރެއިންނެވެ.
ސޯޅަ އަހަރު ވަންދެން ފަރްހާން އިނދެގެން އުޅުނު އަންހެނުން އަދޫނާ ބަބާނީ މިދިޔަ އަހަރު ކުއްލި އަކަށް ވަރިކުރަން ނިންމީ ވެސް ޝްރަދާއާ ދެމެދު ގާތްގުޅުމެއް އުފެދުމުން ކަމަށް އަޑުތައް ވަނީ އަރާފަ އެވެ.
"ރޮކް އޮން 2" ގެ އަޑު ބޮކްސް އޮފީހުގައި ގަދަ ނުވި ނަމަވެސް ފަރްހާން އާއި ޝްރަދާގެ ޖޯޑުގެ އަޑު އަދިވެސް ވަރަށް ބާރަށް ދެކެވެ އެވެ. އެ ފިލްމު ރިލީޒްވި ފަހުން މި ދެތަރިން އެކުގައި ބޭރުތެރެއިން ފެންނަލެއް ވެސް ގިނަ އެވެ. ޝްރަދާ އާއި ފަރްހާންގެ ގުޅުމަށް އޭނާގެ އާއިލާއިން ވަރަށް ދެކޮޅެވެ. ނަމަވެސް މި ދެތަރިންގެ ގުޅުން އަދިވެސް ކުރިއެކޭ އެއްގޮތަށް ވަރަށް ބަދަހިކޮށް ކުރިއަށްދާ ކަމަށްވެ އެވެ.
ޝްރަދާގެ ދެން އެންމެ އަވަހަށް ރިލީޒްވާ ފިލްމު، "ހަސީނާ" އަކީ އޭނާގެ ފިލްމީ ކެރިއަރުގައި މިހާތަނަށް ކުޅުނު އެންމެ ތަފާތު ފިލްމެވެ. މި ފިލްމުގައި ޝްރަދާ ހަތަރު ކުދިންގެ މަންމަގެ ރޯލުން ފެނިގެން ދިއުމުގެ އިތުުރުން ކުޅެފައިވަނީ އިންޑިއާގެ އެންމެ ނުރައްކާތެރި ކުށްވެރިޔާ ދާއޫދް އިބްރާހީމްގެ ކޮއްކޮ، އަދި ކުށުގެ ދުނިޔޭގެ ރާނީގެ ގޮތުގައި ގިނަ ބަޔަކު ޤަބޫލުކުރާ ހަސީނާ ޕާކަރްގެ ރޯލެވެ.
އަންނަ މަހުގެ 15 ދުވަހު ރިލީޒްކުރާ ގޮތަށް ފަސްުކުރި މި ފިލްމު ފިލްމީ ދާއިރާގެ ގާތް ފަރާތްތަކާއި އާއިލާ އަށް ދެއްކުމުގެ ކުރިން ޝްރަދާ ދައްކާލަން ބޭނުންވަނީ ލޯބިވެރިޔާ ފަރްހާނަށެވެ.
އެހެން ފަރާތްތަކަށް މި ފިލްމު ދައްކާލުމުގެ ކުރިން ފަރްހާނަށް ފިލްމު ދައްކާލަން ހާއްސަ ސްކްރީނިން ބާއްވަން ޝްރަދާ ނިންމާފައިވާ ކަމަށް އޭނާގެ ގާތްފަރާތަކުން ވަނީ ބުނެފަ އެވެ.
ދަ އޭޝިއަން އޭޖް އަށް ޝްރަދާގެ ގާތް ފަރާތަކުން ބުނެފައިވާ ގޮތުގައި އެންމެ ކުރިން މި ފިލްމު ފަރްހާނަށް ދައްކަން ބޭނުންވަނީ އޭނާގެ ހިޔާލު ޝްރަދާގެ އެކްޓިންގެ އިތުރުން ފިލްމާ ބެހޭގޮތުން ހޯދާށެވެ.
ޝްރަދާ ގަބޫލުކުރާ ގޮތުގައި ރިލީޒްކުރުން ލަސްކޮށްފައިވާ މި ފިލްމުގައި އޭނާ ދައްކުވާފައިވާ އެކްޓިންއާ ބެހޭގޮތުން އެންމެ ފުރިހަމަ އަށް ފާޑުކިޔާނެ ފަރާތަކީ ފަރްހާނެވެ. ސަބަބަކީ ފަރްހާނަކީ މޮޅު އެކްޓަރެއްގެ އިތުުރުން މޮޅު ޑައިރެކްޓަރަކަށް ވެސް ވުމެވެ.
އަޕޫރްވަ ލާކިޔާ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި ޝްރަދާ ފެނިގެންދާނީ އޭނާގެ ކެރިއަރުގައި ފުރަތަމަ ފަހަރަށް ކުޅެފައިވާ ނުބައިބައި ރޯލުންނެވެ. އޭނާ އާއެކު މި ފިލްމުގައި ދާއޫދު އިބްރާހީމްގެ ރޯލުން ފެނިގެންދާނީ އެއްބަނޑު އެއްބަފާ ބޭބެ ސިދާންތް ކަޕޫރެވެ.