ވިޔަފާރި

އުރީދޫއާ އެކު ހިއްސާގެ ބާޒާރުގެ އަގު 30 ބިލިއަން ރުފިޔާއަށް

ރާއްޖޭގެ މުވާސަލާތީ ދާއިރާގެ އެންމެ ބޮޑު އެއް ކުންފުނި، އުރީދޫ އިން ރާއްޖޭގެ ހިއްސާގެ ބާޒާރު، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި ލިސްޓްކޮށް ހިއްސާ ވިއްކަން ފެށުމުން ހިއްސާގެ ބާޒާރުގެ ޖުމްލަ އަގު 30 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.

އުރީދޫގެ ހިއްސާ ސެކަންޑްރީ މޭކެޓްގައި އާންމުކޮށް ވިއްކަން ހުޅުވާލުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، ސްޓޮކް އެކްސްޗޭންޖްގެ ސީއީއޯ އަލާއު އަލީ ވިދާޅުވީ އުރީދޫގެ ހިއްސާ ވިއްކަން ކުރިއަށް ގެންދިޔަ މުއާމަލާތަކީ ރާއްޖޭގެ ހިއްސާގެ ބާޒާރުގެ ތާރީހުގައި ވެސް މިހާތަނަށް ގެންދިޔަ އެންމެ އަގު ބޮޑު މުއާމަލާތް ކަމަށެވެ.

"މި ހަރަކާތުގެ ސަބަބުން (އުރީދޫ ހިއްސާ ވިއްކުމުގެ ސަބަބުން) މާކެޓް ކެޕިޓަލައިޒޭޝަން (ހިއްސާގެ ބާޒާރުގެ ޖުމްލަ އަގު) 30 ބިލިއަން ރުފިޔާއަށް ވަނީ އުފުލިފައި. މިއީ ރާއްޖޭގެ ކެޕިޓަލް މާކެޓަށް ލިބުނު ބޮޑު ކުރިއެރުމެއް. މި އައިޕީއޯގައި ރާއްޖޭގެ ގިނަ ހިއްސާދާރުން ތަކެއްގެ ބައިވެރިވުން ލިބުނު،" އަލާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އުރީދޫގެ ހިއްސާ، 8257 ފަރާތުން ގަތްއިރު މީގެ ތެރެއިން 6،000 މީހުންއަކީ ހިއްސާގެ ބާޒާރަށް މުޅިން އަލަށް ބައިވެރިވި ފަރާތްތަކެވެ.

އަލާއު ވިދާޅުވީ މިއަދުން ފެށިގެން ހިއްސާގެ ބާޒާރުގައި އުރީދޫގެ ހިއްސާ ގަނެ ވިއްކޭނެ ކަމަށާއި އެ މުއާމަލާތްތަކުން ފައިދާ ހޯދުމުގެ ފުރުސަތު އެންމެންނަށް ވެސް އޮންނާނެ ކަމަށެވެ.

އުރީދޫގެ ހިއްސާ ވިއްކަން ކުރިއަށް ގެންދިޔަ އައިޕީއޯއިން 14 މިލިއަން ހިއްސާ ވަނީ ވިކިފަ އެވެ. މިއީ 421 މިލިއަން ރުފިޔާގެ ހިއްސާ އެވެ. އުރީދޫ އިން ދޫކުރި ހިއްސާގެ 9.5 ޕަސެންޓް ވަނީ ވިކިފަ އެވެ.