ދިވެހި ޕްރިމިއާ ލީގްގައި ވާދަ ކުރާ އަތޮޅުތަކުގެ ހަތަރު ޓީމަށް، ޖުމުލަ ހަ މިލިއަން ރުފިޔާ ދޭން، އެ ޓީމުތަކާއެކު، ސަރުކާރު ހިއްސާވާ ހަ ކުންފުންޏަކުން ސޮއި ކޮށްފި އެވެ.
އެފްއޭއެމް މެދުވެރިވެގެން ހެދި މި އެއްބަސްވުމާއެކު، ކޮންމެ ޓީމަކަށް 1.5 މިލިއަން ރުފިޔާ ލިބޭނެ އެވެ.
ދ. ކުޑަހުވަދޫއަށް ފައިސާ ދޭން، އެއްބަސްވުން ހަދާފައި ވަނީ، އެމްޓީސީސީ އާއެކު އެވެ. އއ. މާޅޮސްއިން އެއްބަސްވުން ހަދާފައި ވަނީ ތިލަފުށީ ކޯޕަރޭޝަން އާއެކު އެވެ. ގދ. ތިނަދޫއިން އެއްބަސްވުން ގާއިމު ކޮށްފައި ވަނީ މިފްކޯއާއެކު އެވެ. ށ. މިލަންދޫއިން އެއްބަސްވުން ހަދާފައި ވަނީ ފެނަކަ ކޯޕަރޭޝަންއާ އެކު އެވެ.
ދިވެހި ޕްރިމިއާ ލީގްގައި ވާދަ ކުރާ ޓީމުތަކުގެ ސަބްސިޑީއަށް، މިއަހަރު 10 މިލިއަން ރުފިޔާ ކުންފުނިތައް މެދުވެރިވެގެން ލިބިގެންދާނެ އެވެ. ދިވެހި ލީގްގައި ވާދަ ކުރާ ފުރަތަމަ ޑިވިޝަންގެ ކުލަބު ތަކަށް ހަތަރު މިލިއަން ރުފިޔާ ލިބޭނެ އެވެ. އެއީ ކޮންމެ ކުލަބަކަށް އެއް މިލިއަން ރުފިޔާގެ މަގުން ނެވެ. އެ ޓީމުތަކާއެކު، ކުންފުނިތަކާ ދެމެދު، މިއަހަރުގެ މެއި މަހު ވަނީ އެއްބަސްވުން ހަދައި ތިން މިލިއަން ރުފިޔާ ދޭން ސޮއި ކޮށްފަ އެވެ. އޭގެ ތެރެއިން ދެ މިލިއަން ރުފިޔާ، ވަނީ މާލޭ ލީގްގެ ކުލަބު ތަކަށް ދޫކޮށްފަ އެވެ.
ފުރަތަމަ ޑިވިޝަންގެ ކުލަބު ތަކުގެ ތެރެއިން، ދިވެހި ޕްރިމިއާ ލީގުން ޖާގަ ނުލިބޭ ކުލަބުތަކަށް، މި ބުރުގައި ފައިސާ ދޫނުކުރާނެ އެވެ.
މިއަހަރު، ދެ ވަނަ ޑިވީޝަންގެ ދިހަ ޓީމަށް ވަނީ، ފަސް މިލިއަން ރުފިޔާ ދޭން، އެމްޕީއެލް އާއި ޕޯސްޓް ލިމިޓެޑާއެކު ވަނީ އެއްބަސްވުން ހެދިފަ އެވެ. އެއީ އެ ޑީވިޝަންގެ ކޮންމެ ކުލަބަކަށް 500،000 ރުފިޔާގެ މަގުން ނެވެ. އަދި މިއަހަރު ތިން ވަނަ ޑިވިޝަންގެ ގަދަ ފަސް ޓީމަށް 500،000 ރުފިޔާ ދޫކުރާނެ އެވެ. އެއީ ކޮންމެ ކުލަބަކަށް 100،000 ރުފިޔާގެ މަގުން ނެވެ.
މާލޭ ލީގްގައި ވާދަ ކުރި އަށް ކުލަބަށް 16 މިލިއަން ރުފިޔާ ވަނީ ދީފަ އެވެ. އެއީ ކޮންމެ ކުލަބަކަށް ދެ މިލިއަން ރުފިޔަގެ މަގުން ނެވެ. -- ފޮޓޯ: އެފްއޭއެމް