ހަބަރު

އަމިއްލަ މެންބަރުންނަށް ވެސް ސުޕްރީމް ކޯޓްގެ ހުކުމް ހިނގާނެ: ދައުލަތް

ރައްޔިތުން މަޖިލީހުގެ މެންބަރުން ތިބި ޕާޓީ ފިޔަވައި އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ، އެ މެންބަރުން ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމް އަމިއްލަ ގޮތުން މަޖިލީހަށް އިންތިހާބުވެފައިވާ މެންބަރުންގެ މައްޗަށް ވެސް ހިނގާނެ ކަމަށް ދައުލަތުން މިއަދު ސުޕްރީމް ކޯޓްގައި ބުނެފި އެވެ.

ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް އިން ނިންމާފައިވާ ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފްގެ މައްސަލައިގެ ޝަރީއަތުގައި މިއަދު ސުޕްރީމް ކޯޓްގައި ބޭއްވި އަޑުއެހުމުގައި ދައުލަތް ތަމްސީލް ކުރައްވާ ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލުން ވިދާޅުވީ އަބްދުއްލަތީފް އަމިއްލަ ގޮތުން ރައްޔިތުން މަޖިލީހަށް އިންތިހާބުވެ ވަޑައިގަތް ނަމަވެސް، ސުޕްރީމް ކޯޓުން ގޮނޑި ގެއްލޭނެ ކަމަށް ހުކުމް އިއްވި އިރު އޭނާ އަކީ ޕީޕީއެމްގެ މެންބަރެއް ކަމަށެވެ. އެހެން ކަމުން އެ މެންބަރުގެ މައްޗަށް ވެސް އެ ހުކުމް ހިނގާނެ ކަމަށް ދައުލަތުގެ ވަކީލުން ވިދާޅުވި އެވެ.

އެހެން ނަމަވެސް، ލަތީފްގެ ވަކީލް ހިސާން ހުސެއިން ވިދާޅުވީ އަމިއްލަ ގޮތުން މަޖިލީހަށް ހޮވިފައި ތިބޭ މެންބަރުން އެހެން ޕާޓީއަކާ ގުޅުނަސް އަދި ވަކިކުރި ނަމަވެސް އެ މެންބަރުންނާ މެދު އަމަލު ކުރާނެ ގޮތެއް ސުޕްރީމް ކޯޓްގެ ހުކުމުގައި އެނގެން ނެތް ކަމަށެވެ. އެހެން ކަމުން އަމިއްލަ ގޮތުން މަޖިލީހަށް ހޮވިފައި ތިބޭ މެންބަރުންގެ މައްޗަށް އެ ހުކުމް ނުހިގާނެ ކަމަށް ވަކީލް ހިސާން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ސުޕްރީމް ކޯޓްގެ ހުކުމް ހިނގާނީ ސިޔާސީ ޕާޓީގެ ޓިކެޓްގައި ވާދަކުރާ ފަރާތްތަކަށް އެކަނި ކަމަށެވެ.

ލަތީފްގެ ފަރާތުން މިއަދު ކޯޓްގައި ފާހަގަ ކުރި ނުގުތާތަކުގެ ތެރޭގައި، ލަތީފް ޕީޕީއެމް އިން ވަކިވުމަށް 19 ޖޫންގައި ސިޓީ ފޮނުވި ނަމަވެސް އޭނާ ޕާޓީގެ ދަފްތަރުން ވަކިކޮށްދީފައި ނުވާތީ، ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ ގޮތަށް، 14 ދުވަސް ފަހުން އެކަން އިލެކްޝަންސްގެ ސަމާލުކަމަށް ގެނެސް ޕާޓީ ވަކިކޮށްދޭން 11 ޖުލައިގައި އީސީއަށް ފޯމް ހުށަހެޅި ކަމަށެވެ. އަދި އެކަން އެގޮތަށް ހިނގާފައިވޭތޯ ސާފު ކުރުމަށް 12 ޖުލައިގައި އީސީ އިން ޕީޕީއެމްއަށް ސިޓީއެއް ފޮނުވި ނަމަވެސް އެޕާޓީ އިން އެ ސިޓީއަށް ޖަވާބެއް ނުދޭ ކަމަށް ވަކީލުން ފާހަގަ ކުރެއްވި އެވެ. ވަކީލް ހިސާން ވިދާޅުވީ، ޕާޓީ އިން ވަކިވުމަށް މެންބަރަކު ސިޓީ ފޮނުވާ ހިސާބުން އެ މެންބަރަކު ޕީޕީއެމްއިން ވަކިވީ ކަމަށް އެ ޕާޓީގެ އަސާސީ ގަވާއިދުގައި ސާފުކޮށް ލިޔެފައިވާ ކަމަށެވެ. އެހެން ކަމުން 19 ޖޫންގައި ލަތީފް ޕީޕީއެމްއިން ވަކިވީ ކަމަށް ބެލެވޭނެ ކަމަށް ވެސް ހިސާން ވިދާޅުވި އެވެ.

އެހެން ކަމުން، މަޖިލީހުގެ ރައީސް މަސީހާ ދެކޮޅަށް ވައްދާފައިވާ މައްސަލައިގައި ލަތީފް ކުރި ސޮއި ނަގަން 3 ޖުލައިގައި ޕީޕީއެމްއިން އޭނާއަށް ނޭނގޭނެ ކަމަށް ވެސް ހިސާން ވިދާޅުވި އެވެ. އަދި އޭނާ މެންބަރަކަށް ނުވާ އިރު އެ މައްސަލަ ސުލޫކީ ކޮމިޓީ އިން ބަލައި 17 ޖުލައިގައި ލަތީފް ޕީޕީއެމް އިން ވަކި ކުރެވޭނީ ކޮން ހަމަޔަކުންތޯ ހިސާން ސުވާލު އުފެއްދެވި އެވެ. އޭނާ ވިދާޅުވީ ޕާޓީގެ މެންބަރަކަށް ނުވާ މީހަކަށް ޕާޓީގެ އެންގުމެއް ނޭނގޭނެ ކަމަށެވެ. އަދި ޕަޓީއިން އެފަދަ މީހެއްގެ މައްޗަށް މައްސަލައެއް ބަލައި ފިޔަވަޅުވެސް ނޭޅޭނެ ކަމަށް ހިސާން ވިދާޅުވި އެވެ.