ބޮލީވުޑް

އަނިޔާ އާއެކު ވެސް އަމީތާބް ޝޫޓިން ކުރިއަށް ގެންދިޔަ

Aug 12, 2017

އުމުރުން ހަތްދިހަ ހަތަރު އަހަރުގައި ވެސް މެގަސްޓާ އަމީތާބް ބައްޗަން ފެންނަނީ ވަރަށް ހަރަކާތްތެރިކޮށެވެ. އަހަރަކު މަދުވެގެން އޭނާގެ ދެ ފިލްމު ރިލީޒްވާއިރު، ދެ ފިލްމުގެ ޝޫޓިން ވެސް ނިންމަ އެވެ.

އަމީތާބް މިހާރު އާމިރް ޚާނާ އެކު "ތަގްސް އޮފް ހިންދުސްތާން" ޝޫޓްކުރަމުން އަންނައިރު، "102 އެންޑް ނޮޓް އައުޓް" ގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.

ޔާޝް ރާޖް ފިލްމްސްއިން އުފައްދައި، ވިޖޭ ކްރިޝްނަ އަޗާރިޔާ ޑައިރެކްޓްކުރާ "ތަގްސް އޮފް ހިންދުސްތާން" ގެ ޝޫޓިންގައި އެކްޝަން މަންޒަރުތަކެއް ނެގުމުގެ ތެރޭގައި އަމީތާބްގެ މޭކަށިގަނޑަށް އަނިޔާވެ ބައެއް ކަށިތަކުގައި ވަނީ ރެނދުލާފަ އެވެ.

ކަނޑުފޭރޭ ބައެއްގެ ވާހަކަތައް ފެނިގެންދާ މި ފިލްމުގައި ގިނަ އަދަދެއްގެ އެކްޝަން މަންޒަރުތައް ހިމެނެ އެވެ. މި ފިލްމުގެ ބޮޑުބައެއްގެ ޝޫޓިން މޯލްޓާގައި ނެގުމަށްފަހު ފިލްމުގެ ޓީމު އެނބުރި އިންޑިއާ އަށް ވަނީ މި މަހުގެ ކުރީކޮޅު އައިސްފަ އެވެ. އަމީތާބަށް އަނިޔާވެފައިވަނީ ޝޫޓިން މޯލްޓާގައި ކުރިއަށް ދަނިކޮށެވެ.

ވައަތު މޭކަށިގަނޑުގައި ރެނދުލައި، މޭކަށިގަނޑަށާއި ބުރަކައްޓަށް ވަރަށް ބޮޑަށް ތަދުވާތީ އުޅުނު ނަމަވެސް އަމީތާބް ވަނީ ފިލްމުގެ ޝޫޓިން ފަސްނުކޮށް ކުރިއަށް ގެންގޮސްފަ އެވެ. އަނިޔާ އާއެކު އަމީތާބް ފިލްމުގެ ޝޫޓިން ކުރިއަށް ގެންގޮސްފައިވާތީ އޭނާގެ ހިތްވަރާއި މަސައްކަތަށް ބަހައްޓާ ސަަމާލުކަމަށް ވަނީ ތައުރީފުކޮށްފަ އެވެ.

"އަމީތާބަށް އަނިޔާވުމުން އަހަރުމެން ނިންމީ ޝޫޓިން އެހެން ދުވަހެއްގައި ނަގަން ފަސްކުރަން. އެކަމަކު އެކަމާ ދެކޮޅު ހަދައި އަމީތާބް ވަނީ ވޭނާ އެކު ވެސް ޝޫޓިން ކުރިއަށް ގެންގޮސްފައި،" ޑައިރެކްޓަރު ވިޖޭ ބުނެފައިވެ އެވެ.

ވިޖޭ ވަނީ އަނިޔާ އަށް ފަހު ވެސް ހިތްވަރާއެކު އަމީތާބް ޝޫޓިން ކުރިއަށް ގެންގޮސްފައިވާތީ އޭނާގެ ޑެޑިކޭޝަނާއި މަސައްކަތްތުގައި އަމަލުކުރާ ގޮތް ޕްރޮފެޝަނަލް ވުމަކީ ޒުވާން އެކްޓަރުން ލިބިގަންނަން ޖެހޭ ކަމެއް ކަމަށް ބުނެފަ އެވެ.

ލިބުނު އަނިޔާ އަށް އަމީތާބް ފަރުވާ ހޯދާފައިވަނީ އިންޑިއާ އަށް އެނބުރި އައުމަށްފަހު އެވެ. އެގޮތުން އެމްއާރްއައި އެއް ހެދުމުން ވަނީ ބުރަކަށްޓާއި މޭކަށިގަނޑަށް ވާ ތަދަކީ މޭކަށިގަނޑުގައި ރެނދުލުމުގެ ސަބަބުން ދިމާވި ކަމެއްކަން ޔަގީންވެފަ އެވެ.

މޯލްޓާގައި ނެގި މަންޒަރުތަކުގެ ތެރެއިން ބައެއް އެކްޝަން މަންޒަރުތަކާ މެދު ފިލްމުގެ ޕްރޮޑިއުސަރު އަދިތްޔަ ޗޯޕްޅާ ހިތްހަމަނުޖެހިގެން ވަނީ އަލުން އެ މަންޒަރުތައް ޔާޝް ރާޖް ފިލްމްސްގެ ސްޓޫޑިއޯގައި ހާއްސަ ސެޓެއް ހެދުމަށްފަހު ނެގުމަށް ނިންމާފަ އެވެ.

"ތަގްސް އޮފް ހިންދުސްތާން" ގެ ޝޫޓިން ނިންމުމަށްފަހު އަމީތާބް އަލުން "102 އެންޑް ނޮޓް އައުޓް" ގެ ބާކީ ހުރި މަންޒަރުތައް ނަގަން ފަށާނެ އެވެ. އަދި އެއަށްފަހު އޭނާ ހޯސްޓްކުރާ ޓީވީ ޝޯ ކޯންބަނޭގާ ކްރޯޑް ޕަތީގެ ޝޫޓިން ވެސް ފަށާނެ އެވެ.