ބޭރު ކުޅިވަރު

ޓީސީއަކީ ތޯތޯ ޓީމެއް ނޫންކަން ސާބިތު ކޮށްދޭން ބޭނުން: ނިޒާމް

Aug 12, 2017

ދިވެހި ޕްރިމިއާ ލީގްގައި، ޓީސީއަކީ ތޯތޯ ޓީމެއް ނޫންކަން އެހެން ޓީމުތަކަށް ސާބިތު ކޮށްދޭން ބޭނުންވާ ކަމަށް، އެ ޓީމުގެ ކޯޗް މުހައްމަދު ނިޒާމް ބުނެފި އެވެ.

މިދިޔަ ދެ އަހަރު، ދިވެހި ޕްރިމިއާ ލީގްގެ ދެ ވަނަ ޓީސީ އަށް ހޯދައިދިން ކޯޗް ބުނީ، މި އަހަރު ޓީސީގެ އަމާޒަކީ ލީގް ކާމިޔާބު ކުރުން ކަމަށެވެ. އޭނާ ބުނީ ލީގް ކާމިޔާބު ކުރާ ވާހަކަ ދެއްކުމުން، ބައެއް މީހުންނަށް "އެހެން ކަހަލަ އިހްސާސްތަކެއް ކުރެވިދާނެ" ނުވަތަ އެކަމާ ސުވާލު އުފައްދާފާނެ ކަމަށެވެ.

"އެއީ މީގައި އެބަތިއްބޭ ވަރަށް ބޮޑެތި ކުޅުންތެރިން ލައިގެން ވަރަށް ބޮޑެތި ހަރަދުތައް ކޮށްފައި ތިބި ކުލަބު ތައް، އަޅުގަނޑު ދަންނަވާނީ މިއެއް ނޫނޭނޭ މީގެ ކަމަކީ، ކުޅުންތެރިން ދަނޑު މަތީގައި ކުރާ މަސައްކަތޭ، ކޯޗެއްގެ ހައިސިއްޔަތުން ހަމަގައިމުވެސް، ކޮމްޕީޓް [ވާދަ] ކުރަން މި ނިކުންނަނީ އެކުޅުންތެރިންނާ އެ ޓީމު ތަކާ، އެހެން ވެއްޖެ ކަމަށް ވާނަމަ ލީގް ކާމިޔާބު ކުރަން ނިކުންނާނީ، ޓީސީގެ އިތުރުން ހާއްސަކޮށް އަޅުގަނޑުގެ އަމާޒަކީ މިފަހަރުގެ ލީގް ކާމިޔާބު ކުރުން."

އޭނާ ބުނީ، ބަނގުލަދޭޝްގައި، މި އަހަަރު ބޭއްވި ޝައިހް ކަމާލް އިންޓަނޭޝަނަލް ކުލަބު ކަޕް، ޓީސީ ކާމިޔާބު ކުރުމުންވެސް ފާޑު ކިޔުން އަމާޒުވި ކަމަށާއި މާލޭ ލީގްގްގެ ހަތަރު ވަނައިގައި، ދިވެހި ޕްރިމިއާ ލީގުން ޖަގަ ހޯދުމުންވެސް، ފާޑު ކިޔުން އަމާޒުވި ކަމަށެވެ. އެހެން ކަމުން، ދިވެހި ޕްރިމިއާ ލީގްގައި ޓީސީގެ ކުޅުންތެރިންގެ ވަރަށް ބޮޑު އެހެން އަޒުމެއް އެބައޮތް ކަމަށެވެ.

"މި ސީޒަންގައި ބައިނަލްއަގްވާމީ މުބާރާތެއް ކާމިޔާބު ކުރުމުން ބައެއް މީހުން ޖޯކަކަށް ނެގި، ޖޯކަކަށް ނެގުމަކީ އާންމު ކަމެއް، އެއީ އެނެއްހެން ހާސްވަން ޖެހޭ ކަމެއް ވެސް ނޫން. ދެން ކިޔަމުން އައީ ބޭރުގެ އާދައިގެ މުބާރާތެއް ނެގި ވާހަކަ، ދެން އައީ [މާލޭ ލީގް ގެ] ގަދަ ހަތަރަކަށް ނުވަންނާނެ ވާހަކަ، ގަދަ ހަތަރަކަށް ވަދެވުނީމަ އެވެސް މިހާރު ކިޔަމުން ދަނީ ކިރިކިރިޔާ އޭ،" ނިޒާމް ބުންޏެވެ. "އެހެންވީމަ ޓީސީގެ ކުޅުންތެރިން ތިބީ ކިރިކިރިޔާ ނޫން ކަން ސާބިތު ކޮށްދޭން، ޓީސީ ނިކުންނާނީ އެ އަޒުމުގައި ލީގްގައި ދެން ހުރި ޓީމުތަކަށް ޓީސީއަކީ ތޯތޯ ޓީމެއް ނޫން ކަން ދެއްކުމަށް ޓީސީ ނިކުންނާނީ."

ލީގްގައި މިރޭ ޓީސީ ނިކުންނާނީ، މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ދ. ކުޑަހުވަދޫއާ ދެކޮޅަށެވެ. ނިޒާމް ބުނީ އަތޮޅު ޓީމުތަކާ ދެކޮޅަށް ކުޅޭ މެޗުތަކަކީ ވަކިގޮތަކަށް ޖަޖަު ކުރަން ނެގޭނެ މެޗުތަކެއް ކަމަށާއި އެ މެޗުތަކާ މެދު މާބޮޑަށް ސީރިއަސް ވާނެ ޖެހޭނެ ކަމަށެވެ.

އޭނާ ބުނީ، މާލޭގެ ޓީމުތަކަކީ އެއް ޓީމު އަނެއް ޓީމަށް ދެނެގަންނަން އެނގޭ ޓީމުތައް ކަމަށާއި އެ ޓީމުތައް ކުޅޭނެ ގޮތްވެސް އެއް ޓީމު އަނެއް ޓީމު ރަނގަޅަށް އެނގޭނެ ކަމަށެވެ.

"މީ އަސްލު ކްރިޓިކަލް މެޗުތަކަކަށް ވާނީ، މާލޭގައި މިއޮތް ޓީމުތަކަކީ އެއްބަޔަކު އަނެއް ބަޔަކަށް ކުޅެ އެއްބަޔަކު އަނެއް ބަޔަކަށް ފަރިތަ، ކުޅުންތެރިންވެސް ފުދޭ ވަރަކަށް އެނގޭ ޓީމުތައް،" މިރޭ މެޗުގެ ކުރިން ނިޒާމް ބުންޏެވެ. "އަތޮޅު ތެރެއިން އައި ޓީމުތަކުގެ ތެރެއިން ހާއްސަކޮށް ކުޑަހުވަދޫ އާއި މިލަންދޫ އާއި މާޅޮސްއާ މި ތިން ތީމަށް ބަލާއިރު، ތިން ޓީމުގައިވެސް ރަށު ކުޅުންތެރިން ގިނަ ކަން ފާހަގަ ކުރެވޭ، އެހެންވީމަ އެހާ ފަސޭހަ އެއް ނުވާނެ މި ކުޅުންތެރިން ޖަޖު ކުރާކަށް ވެސް، މި ކުޅުންތެރިން ކުޅޭ ސްޓައިލް މިވެނި ގޮތެކޭ ބުނާކަށްވެސް ނޭންގޭނެ، ޓީސީގެ ކުޅުންތެރިންނަށް ވިސްނައިދީފައި ވަނީ ފަސޭހަކޮށް ނަގަން ޖެހޭ މެޗެއް ނޫން ކަމަށް، މީ ކަން ސީރިއަސް ވާން ޖެހޭ މެޗު ތަކަކީ ފަސޭހަ ކޮށް ނަގައިގެން ސީރިއަސްވާން ހަދައިގެން މި މެޗުތަކުގައި ނުކުޅެވޭނެ ކަން."

އޭނާ ބުނީ، މާލޭގެ ޓީމުތަކާ ދެކޮޅަށް ކުޅޭ ސްޓައިލަށް ވުރެ، އަތޮޅު ތެރެއިން އައިސްތިބި ޓީމުތަކާ ދެކޮޅަށް ކުޅޭ ކުޅޭ ސްޓައިލް ތަފާތު ވާނެ ކަމަށެވެ. ކުރަން ޖެހޭ މަސައްކަތްވެސް ތަފާތު ކަމަށެވެ.

"ނޭންގެ އެހެން ޓީމުތައް އެހެން ކޯޗުން ކިހިނެއް ކަމެއް ދެކެނީ، ހަމަގައިމުވެސް މީ އަޅުގަނޑަށް ޗެލެންޖެއް." ނިޒާމް ބުންޏެވެ.

ފުރަތަމ،ަ މެޗުގައި، ދ. ކުޑަހުވަދޫ އާ ދެކޮޅަށް ނިކުތް މާޒިޔާ އަށްވެސް އެ މެޗު ނެގުނީ ފަސޭހަ ކޮށެވެ. ނަމަވެސް މެޗަށް ފަހު މާޒިޔާގެ ކޯޗް މަރުޔަން ސެކްލޮސްކީ ބުނީ މެޗު ފަސޭހަކޮށް ނުނަގާ ކަމަށެވެ. އެހެން ޓީސީއަށް ނުވެދާނެތޯ ސުވާލު ކުރުމުން ނިޒާމް ބުނީ މިހެން ނެވެ.

"ވަރަށް ގަބޫލު ނުކުރެވޭ ޓީސީގެ ކުޅުންތެރިން ފަސޭހަ ކޮށް ނަގާފާނެ ކަމަކަށް، ސަބަބަކީ ފަސޭހަކޮށް މިކަހަލަ މެޗެއް ޓީސީ ނަގާފަ އެއް ނެތް، އިރާދަ ކުރެއްވިއްޔާ ޓީސީ މިކަހަލަ މެޗެއްގައި ރިޒަލްޓް ގޯސްވެފައެއް ވެސް ނެތް، އޭގެ މާނައަކީ ޓީސީގެ ކުޅުންތެރިން މިކަހަލަ މެޗުތަކަށް ވަރަށް ބޮޑަށް އެލާޓް ވެޔޭ ތަން ކޮޅެއް ބޮޑަށް ވިސްނެޔޭ އެހެންވީމަ ގަބޫލު ކުރަނީ (މިރޭ) ގެ މެޗުވެސް ކުޅުންތެރިން ނަގާނީ އެގޮތަށް ކަމަށް."