ބޮލީވުޑް

ކާޖޮލްގެ ދަރިފުޅު ނައިސާ ބޭނުންވަނީ ޝެފަކަށް ވާން

Aug 14, 2017

އަންނަ އަހަރަކީ ބޮލީވުޑްގެ މަޝްހޫރު ގިނަ ތަރިންތަކެއްގެ ދަރިން ބޮލީވުޑަށް ނިކުންނާނެ އަހަރެކެވެ. މި އަހަރުގެ ތެރޭގައި އޭގެ ތެރެއިން ބައެއް ކުދިންގެ ފިލްމުގެ މަސައްކަތައް ފަށާނެ އެވެ. އޭގެ ތެރޭގައި ސައިފް އަލީ ޚާން އާއި އަމްރިތާ ސިންގް ދޮށީ ދަރިފުޅު ސާރާ އަލީ ޚާން އާއި ސްރީދޭވީގެ ދަރިފުޅު ޖާންވީ ކަޕޫރު އަދި ޗަންކީ ޕާންޑޭގެ ދަރިފުޅު އަނަންޔާ ޕާންޑޭ އަކީ މީގެ ތެރެއިން ފާހަގަކޮށްލެވޭ ކުދިންނެވެ.

މަޝްހޫރު ތަރިންގެ ދަރިންގެ ބޮލީވުޑަށް ނިކުންނާނެ އިރަކަށް ބެލުންތެރިން ބޮޑެތި އިންތިޒާރުތައް ކުރާއިރު، އެ ތަރިންގެ ދަރިންގެ ތެރެއިން ބައެއް ކުދިންނަކީ އެމީހުންގެ މައިންބަފައިންގެ ފިޔަވަޅު މަތިން ކުރިއަށް ދިއުމުގެ ވިސްނުން ގެންގުޅޭ ކުދިންނެއް ނޫނެވެ.

އޭގެ ތެރޭގައި މަޝްހޫރު ދެތަރިން ކަމަށްވާ ކާޖޮލް އާއި އަޖޭ ދޭވްގަންގެ ދޮށީ ދަރިފުޅު ނައިސާ ހިމެނެ އެވެ.

ނައިސާ އާ ބެހޭގޮތުން ވާހަކަދައްކަމުން ނޫހަކަށް ދިން އިންޓަވިއުއެއްގައި ކާޖޮލް ވަނީ އޭނާ ގޮތަށް އެކްޓްކުރަން ދަރިފުޅު ނައިސާ ބޭނުންނުވާ ކަމަށް ބުނެފަ އެވެ.

"މި ދުވަސްކޮޅު ނައިސާ މުޅިން ވެސް އުޅޭނީ ކެއްކުމުގައި، ކައްކަން އޭނާ ވަރަށް ޝައުގުވެރިވޭ،" ކާޖޮލް ބުންޏެވެ.

އުމުރުން ސާދަ އަހަރުގެ ނައިސާ ކެއްކުމަށް ހުންނަ ފޯރި ހިއްސާކުރަމުން ކާޖޮލް ވަނީ ވަރަށް މީރުކޮށް އޭނާގެ ދަރިފުޅު ބްރައުނީ ހަދާ ކަމަށް ބުނެފަ އެވެ.

މަންމަހާ ކުޅަދާނަ ބަތަލާ އަކަށް ނައިސާ ވާނެ ކަމަށް ގިނަ ބަޔަކު އުންމީދުކުރި ނަމަވެސް އަދި އޭނާގެ ކިބަޔަކުން އެފަދަ ޝައުގުވެރިކަމެއް އަދި ނުފެނެ އެވެ.

މި އަހަރުގެ މެއި މަހުގެ ތެރޭގައި އަޖޭ އާއި ކާޖޮލް ވަނީ އެ ދެމަފިރިންގެ ދަރިންނާއި އާއިލާގެ ބައެއް މެމްބަރުންނާއެކު ރާއްޖެ އަށް ޗުއްޓީ ހޭދަކުރުމަށް އައިސްފަ އެވެ.