ބޮލީވުޑް

ރިތިކް މިފަހަރު ފެންނާނީ ހިސާބު އިލްމްވެރިއެއްގެ ގޮތުގައި

Aug 16, 2017

ސުޕަސްޓާ ރިތިކް ރޯޝަން ކުޅޭ ފުރަތަމަ ބައޮޕިކް، "ސުޕާ 30" އަށް ތައްޔާރުވާން ފަށައިފި އެވެ. މެތަމެޓީޝިއަން އާނަންދް ކުމާރުގެ ހަޔާތުގެ މައްޗަށް އުފައްދާ އެ ފިލްމަށް ތައްޔާރުވާން ފެށުމުގެ ގޮތުން ރިތިކް ވަނީ އާނަންދް އާ ބައްދަލުކޮށްފަ އެވެ.

އާނަންދް އާއި ރިތިކް ބައްދަލުކޮށްފައިވަނީ މުމްބައިގައި ހުންނަ ރިތިކްގެ ގޭގަ އެވެ. ރިތިކާ ބައްދަލުވީތީ އުފަލުން ހުރި އާނަންދް ފޭސްބުކްގައި ލިޔެފައިވާ ޕޯސްޓެއްގައި ވަނީ އޭނާގެ އިހްސާސްތައް ބަންޑުންކޮށްލާފަ އެވެ.

ރިތިކާ އެކު ކުރިއަށްދިޔަ ބައްދަލުވުމަށްފަހު ފޭސްބުކްގައި ލިޔެފައިވާ ޕޯސްޓުގައި އާނަންފް ވަނީ ރިތިކާ ބައްދަލުވި ދުވަސް މަތިން ދުވަހަކު ވެސް ހަންދާން ނުނެތޭނެ ކަމަށާއި އޭނާގެ ގެއަށް ދައުވަތުދިނުމުން ސާބޮތުވެގެން ދިޔައީ މަޝްހޫރު އެކްޓަރަކަށް ވުމުގެ އިތުރުން ރިތިކަކީ ހިތްތިރި އަދި ވަރަށް ރަނގަޅު މީހެއް ކަން ކަމަށެވެ.

ވިކާސް ބަލް ޑައިރެކްޓްކުރާ މި ފިލްމު "ސުޕާ 30" އަށް ނަން ދީފައިވަނީ ޕަޓްނާގައި އާނަންދް ހިންގަމުން އަންނަ ކޯޗިން ސެންޓަރަށް ނިސްބަތްކޮށެވެ.

އާނަންދް އަކީ އިންޑިއާގެ ޕަޓްނާ އަށް ނިސްބަތްވާ މެތަމެޓިކްސް ޕްރޮފެސަރެެކެވެ. މި ފިލްމުގައި ފެނިގެންދާނީ މެތަމެޓިކްސް ޓީޗަރެއްގެ މަސައްކަތް ކުރަމުން އައި އަނަންދް ވަނީ އައިޓީ ދާއިރާއިން ކުރިއަށްދާން ޝައުގުވެރިވާ ކުދިންގެ ތެރެއިން މާލީ ހާލަތު ތަން ނުދޭތީ ނުކިޔެ ތިބި ކުދިންނަށް އޭނާ އުފެއްދި ޕްރޮގްރާމެކެވެ.

ޕަޓްނާގައި އޭނާ ފެށި މި ޕްރޮގްރާމް މެދުވެރިކޮށް އަނަންދް ކޮންމެ އަހަރަކު އިގްތިސާދީ ދާއިރާއިން ކިޔަވަން ބޭނުންވެ، އެކަމަކު ނަތީޖާ ދަށް ތިރީސް ކުއްޖަކު ހޮވައި އޭނާ އާއި އިންޑިއަން އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ ގުޅިގެން ދޭ އިމްތިހާނަކަށް އެ ކުދިން ތައްޔާރުކުރެ އެވެ.

ބުނެވޭ ގޮތުގައި ރިތިކް، އާނަންދާ ބައްދަލުކުރީ މި ފިލްމަށް ތައްޔާރުވުމުގެ ގޮތުން އާނަންދް ބައެއް ކަންކަން އޮޅުންފިލުވުމަށެވެ.

އަދި މި ފިލްމުގައި ޝޫޓިން ފަށާނެ ދުވަހެއް ހާމަކޮށްފައެއްނުވެ އެވެ.