ހަބަރު

އިންޑިއާއާއެކު އޮންނަ ގުޅުން ބަދަހިވާނެ ކަމަށް އުއްމީދުކުރަން: ރައީސް

އަވަށްޓެރި އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ކުރިއަށް ތަނުގައި ބަދަހިވެގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވެފައިވަނީ، އިންޑިއާގެ މިނިވަން ދުވަހާ ގުޅިގެން އެ ގައުމުގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އާއި ރައީސް ރާމް ނާތު ކޯވިންދަށް ފޮނުއްވި މެސެޖްގަ އެވެ. އެ މެސެޖްގައި ދުވަހުގެ ތަހުނިއްޔާ ރައީސް ވަނީ ދަންނަވާފަ އެވެ.

"ރާއްޖެއާއި، އިންޑިޔާއާ ދެ ގައުމުގެ ދޭތެރޭ އޮތް ގާތް އަހުވަންތަ ގުޅުން ކުރިއަށް އޮތް ތާނގައި އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދު ކުރަން، އިންޑިޔާގެ ރައްޔިތުންނަށް ފާގަތި، އުފާވެރި މުސްތަގްބަލަކަށް އެދެން،" ރައީސްގެ މެސެޖްގައިވެ އެވެ.

މިނިވަން ދުވަހާ ގުޅިގެން ރައީސް މިހެން ވިދާޅުވިއިރު ޗައިނާ އާއި ރާއްޖެއާ ގުޅުން ވަރަށް ބޮޑަށް ބަދަހިވަމުންދާތީ، އިންޑިއާއާއެކު އޮތް ގުޅުން ހީނަރުވަމުން އަންނަ ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ. އަދި ރާއްޖެއަށް އަތްގަދަކޮށް އިންޑިއާ ކަނޑުގައި ޗައިނާއިން ބާރުވެރިވާން މަސައްކަތް ކުރަމުންދާ ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.

ރައީސް ޔާމީން ރަސްމީ ދެ ދަތުރުފުޅެއް އިންޑިއާއަށް ކުރައްވައި ބޮޑު ވަޒީރު މޯދީއާ ބައްދަލުކުރައްވާފައިވާއިރު މޯދީ މިހާތަނަށް ރާއްޖެ ވަޑައިގަންނަވާފައެއް ނުވެ އެވެ. ރާއްޖެ ވަޑައިގަތުމަށް ދަތުރުފުޅު ހަމަޖައްސަވާފަ ވެސް ވަނީ ކެންސަލް ކުރައްވާފަ އެވެ.

މިއަދަކީ އިނގިރޭސިވިލާތް އަތުން އިންޑިއާ މިނިވަންވިތާ 70 އަހަރު ފުރޭ ދުވަހެވެ.