ކުޅިވަރު

ޕްރިމިއާ ލީގް: ނާސިރުގެ ކޯޗިން ކެރިއާގެ ތަފާތު ތަޖުރިބާއެއް

Aug 16, 2017
3

ށ. މިލަންދޫގެ ކޯޗް މުހައްމަދު ނާސިރު، ފާހަގަ ވަނީ ކިހިނެއް ހެއްޔެވެ. ދެހާސް ތިން ވަނަ އަހަރު، އޭރު ދުނިޔޭގެ ހަތަރު ވަނަ، ވަރުގަދަ ދެކުނު ކޮރެއާއާ ދެކޮޅަށް އެއްވަރު ކުރި ދިވެހި ގައުމީ ޓީމުގެ ފަހަތުގެ މައި ތަނބުގެ ގޮތުގައި ހެއްޔެވެ. ނުވަތަ 2005 ވަނަ އަހަރު، ނިއު ރޭޑިއަންޓުން، އޭއެފްސީ ކަޕްގެ ސެމީ ފައިނަލަށް ދަތުރު ކުރި ޓީމުގެ ސީނިއާ ޑިފެންޑަރުގެ ގޮތުގައި ހެއްޔެވެ. މިއިން ކޮންމެ ގޮތަކަށް ނާސިރު ފާހަގަ ކުރި ނަަމަވެސް، އޭނާ އަކީ ދިވެހި ފުޓްބޯޅައިގެ ބަތަލެކެވެ.

ދަނޑުން ފައިބައި، ސިޔާސީ ދަނޑަށް، އަރައި ދުއްވައިގަންނަން އުޅުނު ނަމަވެސް، އެކަމުގެ ތެރޭގައި، މާގިނަ ދުވަހު އުޅުމުގެ ޝައުގުވެރިކަމެއް، ނާސިރުގެ ހިތުގައި ނުއުފެދުނެވެ. ދެހާސް ނުވަ ވަނަ އަހަރު، ބޭއްވި ފުރަތަމަ ކައުންސިލު އިންތިހާބުގައި، އަމިއްލަ ރަށް، ހދ. ހަނިމާދޫ ކައުންސިލުގެ ގޮޑިއެއް ކާމިޔާބު ކުރުމަށްފަހު، ދައުރު ހަމަ ކޮށް، އޭނާ ސިޔާސީ ދަނޑުން ވަކި ވެއްޖެ އެވެ.

އަނެއްކާވެސް އޭނާ އައީ ފުޓްބޯޅަ ދަނޑަށެވެ. ކޯޗެއްގެ ގޮތުގައި ނިކުމެ، ރަށު ޓީމަށް ކޯޗް ކޮށްދިނެވެ. ދެހާސް ފަނަރަ ވަނަ އަހަރު ބޭއްވި މިނިވަން 50 ފުޓްބޯޅަ މުބާރާތް، ވީ ނާސިރުގެ ކޯޗިން ކެރިއާގެ އެންމެ މުހިންމު މުބާރާތަށެވެ. މިނިވަން ޗެމްޕިއަންޝިޕްގެ ދޮރުން، ވަދެ، ނާސިރު މިހާރު ހުރީ ރާއްޖޭގެ އެންމެ ބޮޑު މުބާރާތް، ދިވެހި ޕްރިމިއާ ލީގްގައެވެ. ށ. މިލަދޫ ގޮވައިގެން، ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ ވަރުގަދަ ޓީމުތަކާ ވާދަ ކުރަން ނިކުމެ އެވެ.

"މިއީ ވަރަށް ބޮޑު ޗެލެންޖެއް، ނަމަވެސް މިއީ އަޅުގަނޑު ކުރަން ބޭނުންވެފައި އިން އަޅުގަނޑުގެ ވަރަށް ބޮޑު ޑްރީމެއް ފަސްޓް ޑިވިޝަން ޓީމަކައިގެން ގަލޮޅު ދަނޑުގައި މަސައްކަތް ކުރުން،" ރާއްޖޭގެ އެންމެ ބޮޑު ލީގްގައި އޭނާގެ ތަޖުރިބާ ހިއްސާ ކުރަމުން ނާސިރު ބުންޏެވެ. "އެކަން ހާސިލު ވަމުން މިދަނީ، ކުރިއަށް އޮތްތަނުގައި އިރާދަ ކުރެއްވިއްޔާ އަޅުގަނޑުގެ އުންމިދަކީ މިއަށްވުރެ މަތީ ލެވަލް ޓީމަކުން ފެނުން، އެކަމަށް މަސައްކަތްވެސް ކުރާނަން."

ދިވެހި، ޕްރިމިއާ ލީގަށް، މިލަންދޫއާއެކު އޭނާ ނިކުތީ، މުބާރާތުގައި ވާދަ ކުރާނެ އެންމެ ޒުވާން އަދި ތަޖުރިބާ މަދު ޓީމާއެކު ކަމަށް ނާސިރު ދެކެއެވެ. އެ ޓީމުގައި ބިދޭސީ އެއްވެސް ކުޅުންތެރިޔެއް ނެތެވެ. ފުރަތަމަ ޑިވިޝަންގައި ކުޅެފައިވާ ތިން ކުޅުންތެރިން ފިޔަވައި، ދެންތިބީ މުޅިން އާ ކުޅުންތެރިން ނެވެ. ނަމަވެސް ނާސިރު ހުރީ، އޭނާގެ ކުޅުމުގެ ތަޖުރިބާ އާއި ވިސްނުން އެ ޓީމަށް ފޯރު ކޮށްދީގެން، ބޮޑެތި ޓީމުތަކާ ދެކޮޅަށްވެސް ވަރުގަދަ ފައިޓެއް ދޭށެވެ.

ޓީމު ޒުވާން ވެފަ، ތަޖުރިބާ މަދުވިޔަސް، ނާސިރުގެ ސިކުނޑި ދިވެހި ފުޓްބޯޅައަށް އަލެއް ނޫނެވެ. ފުރަތަމަ މެޗުގައިވެސް، އޭނާ ވަނީ، ތަޖުރިބަ ކާރު ގިނަ ކުޅުންތެރިންތަކަކާއެކު، ނިކުތް ގްރީން ސްޓްރީޓަށް، އުނދަގޫ ކުރިމަތި ކޮށްފަ އެވެ. މިލަންދޫ ޓީމު އަތުން، ގްރީން ސަލަމަތްވީ ހަމަ ކިރިޔާ އެވެ. މާލޭ ލީގްގެ ދެ ވަނަ ހޯދި ޓީމާ ދެކޮޅަށް، ނާސިރުގެ އިރުޝާދުގެ ދަށުން ކުޅުނު މިލަންދޫ ޓީމު ދެއްކި ކުޅުމުން، ނާސިރަށް ބޮޑު ހިތްވަރެއް ލިބިގެން ދިޔަ އެވެ.

"ދިވެހި ޕްރިމިއާ ލީގްގައި ކުޅޭނީ ހަމަ އެންމެ ވަރުގަދަ ޓީމުތައް، އެހެންވީމަ އަޅުގަނޑުމެންވެސް އީޒީއެއް ނުކުރާނަން އެއްވެސް މެޗެއް، އަޅުގަނޑުމެންވެސް މި ނިކުންނަނީ މުބާރާތުގައި ވަކި ޓާގެޓްތަކެއް އޮވެގެން، އަޅުގަނޑުމެންނަށްވެސް ދެވެން އޮތް އެންމެ މައްޗަކަށް ދިއުމަށްޓަކައި." ނާސިރު ބުންޏެވެ. އޭނާ ބުނީ، މާޒިޔާ އާއި ނިއު ރޭޑިއަންޓް އަދި ފުރަތަމަ ޑިވިޝަން ޓީމުތަކާ ދެކޮޅަށް ނިކުތުމަކީ އޭނާއަށްވެސް ލިބޭ ވަރަށް އިތުރު ތަޖުރިބާއެއް ކަމަށެވެ.

މިވަގުތު، ކޯޗިން އެޑިއުކޭޝަންގައި، 'ސީ ލައިސެންސް' އޮތް ނާސިރުގެ އަމާޒަކީ، ރާއްޖެއިން ބޭރުންވެސް ކޯޗިންގެ ތަމްރީން ހޯދުމެވެ. "އަޅުގަނޑުގެ އަމާޒެއް އަންނަ އަހަރު، ބޭރަށް ގޮސް ކޯޗިން ކޯސް ހެދުން." ނާސިރު ބުންޏެވެ.