ވިޔަފާރި

ނައިޓް މާކެޓު ނޮވެމްބަރު މަހު، ސިނާއީ އަަވަށުގައި!

  • ނައިޓް މާކެޓު އޮތީ ނޮވެމްބަރު 15 ގައި
  • މޭޒު ވިއްކާގެ އަގުތައް ހާމަ ކުރާނެ
  • މޭޒު ބުކް ކުރަން ހުޅުވާލައިިފި

ނައިޓް މާކެޓު މި އަހަރުގެ ނޮވެމްބަރު މަހު، މާލެ އިންޑަސްޓްރިއަލް ވިލެޖު [ސިނާއީ އަވަށު] ގައި ބާއްވަން ދިވެހި ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާ އިން ނިންމައިފި އެވެ.

ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާއިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ނައިޓް މާކެޓާ ބެހޭ ގޮތުން އެ ޖަމިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ބޯޑު މެންބަރު އަބްދުލް މާނިއު ވިދާޅުވީ ނޮވެމްބަރު 15 ވަނަ ދުވަހު ނައިޓް މާކެޓު ބޭއްވުމަށް ވާން ޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށެވެ.

"މޭޒު ބުކްކުރަން ބޭނުންވާ ފަރާތްތަކަށް މިހާރު އެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައި. މިހާރުވެސް ގިނަ ބަޔަކު ދަނީ ބުކް ކުރަމުން،" މާނިއު ވިދާޅުވި އެވެ.

"އަވަސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މާނިއު ވިދާޅުވީ މި އަހަރުގެ މާކެޓުގައި މޭޒު ދޫކުރާނެ އަގުތައް ފަހުން ހާމަކުރާނެ ކަމަށެވެ.

"މާކެޓު ރޭޓުތަކަށް ވެސް ބަލާފައި އަގުތައް ހުންނާނީ. ވިޔަފާރިވެރިންނަށް ދަތިވާ އަގުތަކެއް ނުހުންނާނެ ކަމުގެ ޔަގީންކަން ދެން،" މާނިއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާލެ އިންޑަސްޓްރިއަލް ވިލެޖުގައި ނައިޓް މާކެޓު ބޭއްވުމުގެ ގޮތުން އެތަން ސާވޭ ކުރަމުންދާ ކަމަށެވެ.

"މިއީ ވަރަށް ބޮޑު ސަރަހައްދެއް. އެހެންވެ އެތަން [މާލެ އިންޑަސްޓްރިއަލް ވިލެޖު] ސާވޭ ކުރުމަށްފަހު ފްލޯ ޕްލޭން އާއްމު ކުރުމުން އެނގޭނީ ބަހައްޓާނެ މޭޒުގެ އަދަދު،" މާނިއު ވިދާޅުވި އެވެ.

ވިޔަފާރިވެރިން "ދުވަސްވެފައި ހުންނަ" މުދާ ވިއްކަން ޗާންދަނީ މަގުގައި އެންމެ ފުރަތަމަ ބޭއްވި ނައިޓް މާކެޓު ތަރައްގީވެ، މިހާތަނަށް ބާއްވަމުން އައީ ބޮޑުތަކުރުފާނު މަގުގަ އެވެ. މިބާޒާރު ބޭއްވުމުގެ މަސައްކަތް ސަރުކާރުން ގޯމީޑިޔާ ކިޔާ ކުންފުންޏަކާވެސް ކުރިން ހަވާލު ކުރި އެވެ. މި ބާޒާރު ވެގެން ދަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް ލިބޭ ރަނުގެ ފުރުސަތަކަށެވެ.