ހަބަރު

މޫނު ބުރުގާ އެޅި ޓީޗަރުން ވަޒީފާއިން ވަކިކުރާތީ "ސަލަފް" ރުޅިގަދަވެއްޖެ

Aug 15, 2017
25

ދީނުގައި އަންގަވާފަވާ ގޮތާ ހިލާފަށް ފޭރާން އަޅައިގެން ކިޔަވައިދިނުމުގެ ފުރުސަތު ތަނަވަސްކޮށްފައިވާއިރު އިސްލާމްދީނާ އެއްގޮތަށް ހެދުންއެޅުމުން ސިވިލްސާވިސްގެ ވަޒީފާއިން ވަކިކުރުމަކީ ދީނީ ގޮތުންނާއި ގާނޫނީ ގޮތުން ހިންގާ ވަރަށް ބޮޑު ޖަރީމާއެއް ކަމަށް ޖަމިއްޔަތުލްސަލަފުން ބުނެފި އެވެ.

މޫނު ބުރުގާ އެޅި އަންހެނުން ވަޒީފާއިން ވަކިކުރުމުގެ ސިޔާސަތާ ދެކޮޅަށް ސަލަފުން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ ސިވިލްސާވިސްގެ މުވައްޒަފުންގެ ހެދުން އެޅުމާއި ބެހޭ ގަވާއިދަށް ރިއާޔަތްކޮށް "ކާކުކަން ނޭނގޭނތީ" އޭ ބުނެ މޫނު ބުރުގާ އެޅި ޓީޗަރުންތަކެއް ވަޒީފާއިން ވަކިކޮށް އަނެއްބަޔަކު ވަޒީފާއިން އެކަހެރިކޮށް ދަތިކުރުމަކީ އިސްލާމްދީނުގެ މައްޗަށް ކުރެވޭ ބޮޑު އަނިޔާއެއް ކަމަށެވެ. އަދި ރާއްޖޭގެ ކަމާބެހޭ އެންމެހާ މުއައްސަސާތަކުން މިކަމާއިމެދު ވިސްނައި ގާނޫނުތަކާ ގަވާއިދުތައް އިސްލާމީފޭރާމާ އަދާވާތްތެރިނޫން ބީދަޔަކުން އިސްލާހުކުރަން މަސައްކަތްފަށަން ޖެހޭ ކަމަށް ސަލަފުން ބުންޏެވެ.

ސަލަފުން ބުނީ އިސްލާމީ އުސޫލުތަކާ ހިލާފަށް ދެޖިންސުގެ މީހުން އެއްވެ މަސްހުނިނުވާނެ ގޮތަށް އަބުރުވެރިކަމާއި އިއްފަތްތެރިކަމާއި އެކު ދިވެހިރާއްޖޭގެ އެންމެހާ ވަޒީފާތަކެއް އަދާކުރެވޭނެފަދަ "ވަޒީފާގެ އިސްލާމީ ވެއްޓެއް" ގާއިމުކޮށްދެއްވުމަށް މަސައްކަތްކުރަށަން ދައުލަތުގެ ވެރިންނަށް ޖެހޭ ކަމަށެވެ. އަދި މޫނުބުރުގާ އެޅުމުގެ ސަބަބުން ވަޒީފާއަށް އެއްވެސް ހުރަހެއް އޮވެގެންނުވާނެ ކަމަށާއި އިސްލާމީ އަގީދާގެ ސަބަބުން ވަކިބަޔެއް ތަފާތުކޮށް ހައްގުތަކުން މަހުރޫމްކުރުމީ ގާނޫނުއަސާސީ އާ ޚިލާފުކަމެއްކަމަށް ސަލަފުން ބުންޏެވެ.

"މި އަހަރުގެ ޖެނުއަރީ މަހުގެ ފަހުކޮޅުން ފެށިގެން ރާއްޖޭގެ ބައެއް ސުކޫލުތަކުގައި މަސައްކަތްކުރާ އަންހެން ޓީޗަރުން މޫނުބުރުގާ އަޅާތީ ވަޒީފާއިން ވަކިކުރަމުން ދާދިއުމާ މެދު އިންކާރުކުރަން، އެކަމަކީ އިސްލާމް ދީނުގައި މާތް ﷲ ބާވައިލައްވާފައިވާ ފުރިހަމަ ޝަރީއަތަށް ނަފްރަތުކުރާ ބައެއްގެ ލާދީނީ އަމަލެއް" ސަލަފުން ބުންޏެވެ. "ދީނުގައި އަންގަވާފަވާ ގޮތާ ކަނޑައެޅިގެން ހިލާފުވާގޮތަށް ފޭރާން އަޅައިގެން ކިޔަވައިދިނުމުގެ ފުރުސަތު ތަނަވަސްކޮށްފައިވާއިރު އިސްލާމްދީނާ އެއްގޮތަށް ހެދުންއެޅުމުން ވަޒީފާއިން ވަކިކުރުމަކީ ދީނީ ގޮތުންނާއި ގާނޫނީ ގޮތުން ވަރަށްބޮޑު ޖަރީމާއެއް، ބޭއިންސާފެއް، ލާއިންސާނީ އަނިޔާއެއް، އިސްލާމް ދީނުގެ އެއްވެސް އަސްލަކާ ހިލާފަށް ގާނޫނެއް އަދި ގަވާއިދެއް ނުހެދޭނެކަމަށް ސާފު އިބާރާތުން ބަޔާންކޮށްފައިވާ ދުސްތޫރަކުން ބާރުލިބިގެންވާ ދައުލަތެއްގެ މުއައްސަސާތަކަކުން ހިންގަމުން އެދާ "ޣައިރު ޤާނޫނީ" އަމަލު ވަގުތުން ވަގުތަށް ހުއްޓާލަން ޖެހޭ"

ސަލަފުން ބުނީ މޫނުބުރުގާ އަޅައިގެން ވަޒީފާއިން ވަކިކޮށް ނިކަމެތިކޮއްފާވާ ބައެއް އަންހެން ކަނބަލުންނަކީ އެކަނބަލުންގެ ކިޔަވައިދިނުމާއި، ދަރިވަރުންގެ ފެންވަރުމަތިކުރުމުގައި ފާހަގަ ކުރެވޭފަދަ ރަނގަޅު ނަތީޖާ ދައްކާފައިވާ ޓީޗަރުން ކަމަށެވެ. އަދި މިއަދުގެ ތައުލީމީ ވަޒީރަކީ އަންހެންބޭކަނބަލަކަށްވެފައިމެ، އަންހެންކަނަބަލުންގެ ކުރިއެރުމަށް މަސައްކޮށްދެއްވުމުގެ ބަދަލުގައި، އެކަނބަލުންގެ ވަޒީފާއަށް ހުރަސް އަޅައި، މަސައްކަތު ދާއިރާއިން އެކަނބަލުން އެކަހެރިކުރާތަން މިފެންނަނީ އަންހެނަކުގެ އިސްލާމީ ފިކުރުގެ ސަބަބުން ކަމަށް ސަލަފުން ބުންޏެވެ.

ެ"ސައިންސާއި ޓެކްނޮލޮޖީގައި ކުރިއަރާފައިވާ މިފަދަ ޒަމާނެއްގައި މޫނު ފަރުދާކޮށްގެން ހުންނަ މީހާއަކީ އިދާރީބޭނުމަށްޓަކައި ކާކުކަން ދެނެގަނެވޭނެ އެތައް އާލާތްތަކެއްވަނީ އީޖާދުކުރެވި ބޭނުންކުރެވެންފަށާފަ، މޫނުބުރުގާ އަޅައިގެން ކިޔަވައިނުދެވޭނެކަމާއި ދަރިވަރުންގެ ކިޔެވުމަށް އޭގެ ނޭދެވޭ އަސަރުކުރާނެކަމަށް ބުނުމަކީ މީލާދީން 15 ވަނަ ގަރުނުގައި ޔޫރަޕްގެ ގައުމުތަކުން ހޯދަމުންދިޔަ އިލްމީ ދިރާސާ ތައް ވަޅުލައި އެފަދަކަންތައްތަކަށް ޖާގަނުދޭން ކްރިސްޓިއަން ފައްޅިތަކުގެ ނޫފޫޒުގައި ގޮވައިލާފައިވާ ފިކުރުފަދަ ނާތަހުޒީބު ބުނުމެއް،" ސަލަފުން ބުންޏެވެ. "މޫނުބުރުގާ އާއި ފިރިހެނުންގެ ތުނބުޅިއާއި އެނޫންވެސް އިސްލާމީ ޝިއާރުތަކާއެކު ރާއްޖޭގައި ކޮންމެ މީހަކަށްވެސް ވަޒީފާ އަދާކުރެވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އަދަބުވެރިކަމާއެކު ރާއްޖޭގެރައީސުލްޖުމްހުރިއްޔާއަށް އިލްތިމާސްކުރަން،"