ބޮލީވުޑް

ސިދާތާއި އާލިއާ މިފަހަރު ހަގީގަތުގައި ވެސް "ބްރޭކަޕް" ވެއްޖެ

Aug 16, 2017
1

ލޯބީގެ ގުޅުންތައް ނިމުމަކަށް އައުމާއި އާ ގުޅުންތައް ފައްކާވުމަކީ ބޮލީވުޑްގައި ފިލްމުތަކުގެ ވާހަކަތަކަށްފަހު އެންމެ ގަދަޔަށް ދެކެވޭ ވާހަކަތަކެވެ. ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް އިއުތިރާފްވާ ތަރިން ވަރަށް މަދުއިރު، މީގެތެރޭގައި ގިނައީ ޖޯޑުތަކަކީ "އަހަރެމެން މީ ބެސްޓް ފްރެންޑްސް" ކަމަށް ބުނާ ތަރިންނެވެ. މިހާތަނަށް ބޮލީވުޑްގައި ވަނީ ލޯބީގެ ގޮތުން ގުޅިގެން އުޅެ، އެކަމާ އެއްބަސްނުވެ ތިބި އެތަކެއް ތަރިންގެ ކައިވެނި ވެސް ކޮށްފަ އެވެ.

އޭގެތެރެއިން އެއް ޖޯޑަކީ އެކުގައި ބޮލީވުޑަށް ތައާރަފުވި ޒުވާން ދެ ތަރިން ކަމަށްވާ ސިދާތް މަލްހޯތުރާ އާއި އާލިއާ ބަޓް އެވެ. ދެހާސް ބާރަ ވަނަ އަހަރު ރިލީޒްކުރި ފިލްމު، "ސްޓޫޑަންޓް އޮފް ދަ އިޔާ" އިން އެކުގައި ފިލްމީ ދާއިރާ އަށް ނުކުތް މި ދެތަރިންގެ ދެމެދުގައި ވަރަށް ހާއްސަ ގުޅުމެއް އޮންނަތާ އަހަރުތަކެއް ވެއްޖެ އެވެ.

އެކުގައި ދެ ފިލްމެއް ކުޅެފައިވާ އާލިއާ އާއި ސިދާތް ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ ވާހަކަތައް ދެކެވެން ފެށީ ދެ ތަރިން އެކުގައި ޗުއްޓީ ހޭދަކުރަން ބޭރު ގައުމުތަކަށް ދާން ފެށުމުންނާއި އެކުގައި ރެސްޓޯރަންޓްތަކުންނާއި އެކަކު އަނެކަކުގެ ގެއަށް ޒިޔާރަތް ކުރާތަން ޕަޕަރާޒީންގެ ލޯތަކަށް ފެންނަން ފެށިފަހުންނެވެ.

ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ސިދާތާއި އާލިއާ ހަވާލުނުވި ނަމަވެސް މި ދެތަރިންގެ ދެމެދުގައި ވަރަށް ހާއްސަ ގުޅުމެއް އޮންނަކަން އެއީ ޔަގީންވާ ކަމެވެ. މިދ ދެތަރިންގެ ދެމެދުގައި މައްސަލަޖެހި ރުޅިފަށަށް އަރާފައިވާ ކަމުގެ ވާހަކަތައް ތުންތުންމަތިން ދެކެވެމުން އަންނަތާ ލައްކަ ދުވަސްވެއްޖެ އެވެ.

ބޮލީވުޑްގެ އެ ތެރޭގައި ހަބަރުތައް ބުނާގޮތުން ގިނަ މައްސަލަތަކެއް ދެމީހުންގެ ދެމެދުގައި ޖެހި ހައްލުނުވެ މި ފަހުން ވަނީ ބްރޭކަށްވެފަ އެވެ.

އާލިއާ އާއި ދެމީހުންގެ ދެމެދުގައި މައްސަލަޖެހެން މެދުވެރިވި ސަބަބަކީ ސިދާތް އާއި ބަތަލާ ޖެކްއަލީން ފާނެންޑޭޒްއާ ދެމެދު ގާތްގުޅުމެއް ބަދަހިވުމުން ކަމަށްވެ އެވެ. "އަ ޖެންޓްލްމަން" ގެ ޝޫޓިންގައި ދެތަރިންގެ ގައިގޯޅި މަންޒަރުތަކެއް ހިމެނުމުން އާލިއާ އެކަމާ ސިދާތް ދެކެ ވަރަށް ބޮޑަށް ހިތްހަމަނުޖެހުނު ކަމަށްވެ އެވެ.

މި ދެތަރިންގެ ދެމެދުގައި ޖެހުނު މައްސަލަތައް ހައްލުނުވެ، އެތަކެއް މަސްތަކެއް ފާއިތުވެގެން ގޮސް އެންމެފަހުން މިހާރު ހަގީގަތުގައި ވެސް ރުޅިވެފަ އެވެ.

މިދެތަރިންގެ ގާތްފަރާތަކާއި ހަވާލާދީ ހަބަރުތައް ބުނާގޮތުގައި މި ފަހަރު އާލިއާ އާއި ސިދާތް ވަނީ ރުޅިވެފަ އެވެ. މި ދެތަރިންގެ ދެމެދުގައި އޮތް ގުޅުން ގޯސްވެފައިވާކަން އެނގޭ މިންވަރަކީ އަލުން ދެން ދުވަހަކު ވެސް ނުގުޅޭނެ ކަމަށް ވަނީ ބުނެފަ އެވެ.

"އެދެމީހުން ވާހަކަވެސް ނުދައްކާތާ ވަރަށް ދުވަސްވެއްޖެ. މިފަހުން ވަރަށް ގިނަ ޒުވާބުތަކެއް ވެސް ކުރި. އެއްވެސް ކަމެއް ރަނގަޅަށް ނުދިއުމުން ރުޅިވުން ކަމަށް ދެމީހުންނަށް ވެސް އެންމެ ރަނގަޅު ގޮތުގައި ފެނުނީ" ސިދާތާއި އާލިއާގެ ގާތް ފަރާތަކުން ބުނެފައިވެ އެވެ.

އާލިއާ އާއި ސިދާތަކީ ކުރިން އެކުގައި ބޮލީވުޑްގެ އެކި ހަފްލާތަކަށް ގޮސްހަދަ އެވެ. ނަމަވެސް އެމީހުން އެކުގައި އެއްވެސް ހަފްލާއަކުން ނުވަތަ ޕާޓީއަކުން ވެސް ނުފެންނަތާ ވަރަށް ދުވަސްވެއްޖެ އެވެ.

މިފަހަރުގެ ކުރީ ފަހަރެއްގައި ވެސް މި ދެތަރިންގެ ދެމެދުގައި މައްސަލަޖެހި، ރުޅިވި ކަމުގެ އަޑުތަކެއް އެރި އެވެ. ނަމަވެސް އޭގެ ދުވަސްތަކެއް ފަހުން އަނެއްކާ ވެސް އަލުން އެދެމީހުން އެކުގައި ފެނިގެން ގޮސްފައިވެ އެވެ.