ބޮލީވުޑް

"ސާހޯ" ކުޅެން ޕަރްބާސް އަށް ތިން ގުނަ ބޮޑު އަގެއް

Aug 16, 2017

"ބާހުބަލީ" އިން ވިދާލި މަޝްހޫރު އެކްޓަރު ޕްރަބާސް ލީޑްރޯލުން ފެނިގެންދާ ފިލްމު "ސާހޯ" ގެ ބަތަލާގެ ރޯލު ކުޅެން ޒުވާން ބަތަލާ ޝްރަދާ ކަޕޫރު ހަމަޖައްސައިފި އެވެ.

ފިލްމު ކުޅެދޭން ޝްރަދާ ކީ އަގު ބޮޑުވުމުން އޭނާ އާއި ފިލްމު އުފައްދާ ފަރާތަށް ބޮޑުވެގެން މަޝްވަރާކުރަމުން އަންނަތާ އެތަކެއް ދުވަސްފަހުން ޝްރަދާ އާ ދެމެދު އެއްބަސްވުމަކަށް އާދެވި ވަނީ އެންމެފަހުން އެ ފިލްމު ކުޅެން ސޮއިކޮށްފަ އެވެ.

ސުޖީތް ޑައިރެކްޓްކުރާ މި ފިލްމު ކުޅެން ޝްރަދާ ސޮއިކޮށްފައިވަނީ ނުވަ ކްރޯޑް ރުޕީޒް އަށެވެ.

ޝްރަދާ އާއެކު އެތަކެއް ދުވަހެއް ވަންދެން މަޝްވަރާތައް ކުރިއަށް ގެންދިއުމަށްފަހު އޭނާ މި ފިލްމު ކުޅެން އެއްބަސްވި އަގަކީ ޕްރަބާސް ފިލްމު ކުޅެން ސޮއިކުރި އަގަށްވުރެން ތިން ގުނަ ކުޑަ އަގެކެވެ. ޕްރަބާސް މި ފިލްމު ކުޅެން ސޮއިކޮށްފައިވަނީ 30 ކްރޯޑް ރުޕީޒް އަށެވެ.

ބަތަލުންނާއި ބަތަލާއިން ދެމެދުގައި އޮންނަ މުސާރައިގެ ފަރަގު ބޮޑު ކަމުގެ ވާހަކައަކީ ބޮލީވުޑްގަައި ބަތަލާއިން އެންމެ ގަދަޔަށް އަޑުއުފުލާއެއް އެއް ކަންތަކެވެ. ބަތަލާއިން ކިތަންމެ އަޑެއް އުފުލައި، ޝުއޫރު ފާޅުކުރި ނަމަވެސް މިހާތަނަށް ވެސް ދެ ޖިންސުގެ މުސާރައިގެ ފަރަގު ވަނީ ކުޑަނުކުރެވިފަ އެވެ.

"ސާހޯ" އަކީ 150 ކްރޯޑުގެ ބޮޑު ބަޖެޓަކުން އުފައްދާ އެކްޝަން ފިލްމެކެވެ.

އެންމެފުރަތަމަ ޝްރަދާ މި ފިލްމު ކުޅެން ކިޔާފައިވާ އަގަކީ 12 ކްރޮޑެވެ. ސަބަބެއް ކަމަށް އޭނާ ބުނެފައިވަނީ ފިލްުމު ތިން ބަހަކުން އުފެއްދުމެވެ. މި ފިލްމަކީ ބޮޑު ފިލްމަކަށްވެފައި، ތިން ބަހަކުން އުފައްދާތީ ފިލްމަކަށްވާތީ އެހެން ފިލްމެއްގެ މަސައްކަތް މި ފިލްމު ޝޫޓްކުރަމުން ނުކުރެވޭނެތީ އެވެ.

ޝްރަދާ އާންމުކޮށް ހިންދީ ފިލްމެއް ކުޅެދެނީ ހަތަރު ކްރޯދް ރުޕީޒް އަށެވެ. އޭނާ "ސާހޯ" ކުޅެދޭން 12 ކްރޯޑުގެ އަގެއް ކިޔާފައިވަނީ ތިން ބަހުން އުފައްދާތީ ކޮންމެ ބަހުރުވައެއްގެ ފިލްމަށް ތިން ކްރޯޑުގެ ގޮތުގަ އެވެ.

ޕްރަބާސް އަށް ދިން އަގަށްވުރެން ތިން ގުނަ ޝްރަދާގެ އަގު ކުޑައިރު، މި ފިލްމު ކުޅެދޭން ޝްރަދާ އެއްބަސްވީ އެތަކެއް ދުވަހެއްގެ މަޝްވަރާތަކަށް ފަހު މިދިޔަ ހަފްތާގެ ތެރޭގަ އެވެ.

އެންމެފުރަތަމަ މި ފިލްމުގެ ބަތަލާގެ ރޯލު ހުށަހަޅާފައިވަނީ ސައުތްގެ ބަތަލާ އަނުޝްކާ ޝެޓީ އަށެވެ. ނަމަވެސް ފިލްމު ޑައިރެކްޓަރު އޭނާ އަށް ދިން މުއްދަތުގެ ތެރޭގައި ނުހިކުމުން ވަނީ ދިޝާ ޕަޓާނީ އާއި ޝްރަދާ އަށް ހުށަހަޅާފަ އެވެ. މި ފިލްމު އުފައްދާ ފަރާތުން ބޭނުންވީ ފިލްމުގައި ކޮންމެހެން ވެސް ބޮލީވުޑްގެ ބަތަލާއެއް ހުށަހަޅާފަ އެވެ.

މުސްތަގުބަލްގައި ހިނގާފާނެ ކަންތައްތަކެއް ދައްކުދޭ އެކްޝަން އެޑްވެންޗާ މި ފިލްމުގައި ވިލަން އެއްގެ ރޯލުން ފެނިގެންދާނީ ނީލް ނިތިން މުކޭޝް އެވެ.

މި މަހުގެ ފަހުކޮޅު މި ފިލްމުގެ ޝޫޓިން ފަށާއިރު، ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ތެރޭގަ އެވެ.