ހޮލީވުޑް

ޕްރިޔަންކާގެ އޮމާން ހަމުގެ ސިއްރު އެނގޭތަ؟

Aug 17, 2017
1

މަޝްހޫރު ތަރިންނަކީ ރީތިކޮށް ތިބެން އަބަދުވެސް މަޖުބޫރު ބައެކެވެ. އެމީހުންގެ ކޮންމެ ހަރަކާތެއް ނުހަނު ގާތުން ބަލައި ފާރަވެރިވާ ބަޔަކު ތިބޭތީވެ އަބަދުވެސް ރީތިކޮށް ހެދުން އަޅައި ރީތިކޮށް ތިބުމަށް އެމީހުން ވަރަށް ފަރުވާތެރިވެ އެވެ.

ތަރިންގެ ތެރެއިން ރީތިވުމަށް އެންމެބޮޑު އިސްކަމެއް ހަމަ ޔަގީނުން ވެސް ދޭނެ ބަޔަކީ ބަތަލާއިންނެވެ. ގަވާއިދުން ސެލޫންތަކަށް ގޮސް ތަފާތު ސްޓައިލް ތަކަށް ބޯ ހެދުމާއި ފޭޝިއަލް ފަދަ ތަކެތި ހަދައިގެން މޫނުގެ ހަން އޮމާންކޮށް ރީތިކޮށް ބަހައްޓަން ހާއްސަ ސަމާލުކަމެއް އަންހެން ތަރިން ދެ އެވެ. މީގެއިތުރުން ވެސް ލޫޅަފަތިކޮށް ތިބުމަށް ޖަވާއިދުން ޖިމް ޖެއްސުމަކީ ވެސް ތަރިންނަށް މަޖުބޫރު ކަމެކެވެ.

ބެލުންތެރިންގެ މެދުގައި މަގުބޫލު މޫނަކަށް ވުމަށް ފަހު އެމީހެއްގެ ހުރިހާ ކަމެއް ޕަޕަރާޒީންގެ ލޯތަކަށް އަރާއިރު، މީހެއްގެ ސިފަޔަށް އަންނަ ބަދަލަކީ އެމީހުން އެންމެ ފޯރިއާ އެކު ފަތުރާ ވާހަކަތަކެވެ. އާންމުކޮށް ބަތަލާއިން ޕްލާސްޓިކް ސާޖަރީ ހަދައިގެން މޫނުގެ ބައްޓަން ރީތިކޮށް ނުވަތަ ގައިގެ ހަން ދޮންކުރަން ފަރުވާ ހޯދާ ވާހަކައަކީ ބޮލީވުޑާއި ހޮލީވުޑްގައި ވެސް އާންމު ވާހަކަ އެެކެވެ.

ގިނަ މީހުންނަށް ހީވެފައި އޮންނަނީ މަޝްހޫރު ތަރިންގެ އޮމާން ރީތި ހަމުގެ ސިއްރަކީ އަގުބޮޑު ސެލޫންތަކުން ހޯދާ އަގުބޮޑު ހިދުމަތުގެ ނަތީޖާ ކަމަށެވެ.

އެތައް ބައެއްގެ ހިތުން ޖާގަ ހޯދާއިވާ ބަތަލާ ޕްރިޔަންކާ ޗޯޕްޅާ އަކީ މިއަދު މުޅި ދުނިޔޭގައި ވެސް މަޝްހޫރު މޫނެކެވެ. ހޮލީވުޑްގައި ފިޔަ ޖަހަމުން އަންނަ ޕްރިޔަންކާ ވަނީ ބައިނަލް އަގްވާމީ ގިނަ މެގަޒިންތަކެއްގެ ކަވަރުގައި ފެނިގެން ގޮސްފަ އެވެ.

ބުރަކޮށް އުޅެމުން ވެސް ޕްރިޔަންކާގެ މޫނު އެހާ އޮމާންކޮށް އަދި އެހާމެ ރީތިކޮށް ހުންނަ ސިއްރު އެނގެން ބޭނުން ހެއްޔެވެ؟

އެއީ އެއްވެސް ގޮތަކަށް އޭނާ ސެލޫނަކުން ނުވަތަ ސްކިން ކްލިނިކަކުން ހޯދާ ފަރުވާ އަކުން ނުވަތަ ހާއްސަ ވައްތަރެއްގެ ފޭޝިއަލް އަކުން ވާ ކަމެއް ނޫނެވެ. އެ އޮމާން ރީތި ހަމުގެ ސިއްރަކީ ގޭގެ ބަދިގެއިން ވަރަށް ފަސޭހައިން ލިބޭ އެއްޗެކެވެ. އޮމާންކޮށް އަދި ސަޅިކޮށް މޫނު ބަހައްޓަން ޕްރިޔަންކާ މޫނުގައި އުނގުޅަނީ ޔޯގަޓެވެ.

ޝޫޓިންތަކުގައި ބުރަކޮށް ގިނަ ވަގުތު ނުނިދާ އުޅެން ޖެހުމާއި ޝޫޓިން އަށް އެކި ގައުމުތަކަށް ދަތުރުކުރަން ޖެހުމުން ވެސް ވަރުބަލިވުމުގެ އެއްވެސް އަސަރެއް ޕްރިޔަންކާގެ މޫނުމަތިން ނުފެންނަނީ ގަވައިދުން މޫނުގައި ޔޯގަޓް ފޭސް މާސްކެއް އަޅާތީވެ އެވެ.

ޕްރިޔަންކާ ވަނީ މިއީ އޭނާގެ މާމާ އޭނާ އަށް ކިޔައިދިން ބިއުޓީ ޓިޕެއް ކަމަށް ބުނެފަ އެވެ. ބައެއް ފަހަރު އަމިއްލަ އަށް ގޭގައި ހަދާ ބައެއް ހޯމް ރެމިޑީ ފޭޝިއަލް ޕެކްތަކަށް ވެސް ޔޯގަޓް އަޅައިގެން ބޭނުންކުރާ ކަމަށް ޕްރިޔަންކާ ބުނެ އެވެ.

ހަފްތާ އަކު ކޮންމެވެސް އެއް ދުވަހެއްގައި ގަވައިދުން ޕްރިޔަންކާ ބޭނުންކުރާ ގޭގައި ތައްޔާރުކުރާ ފޭސްޕެކެއް އޮވެ އެވެ. ތިރީގައި މިވަނީ އެ ޕޭސްޕެކް ހަދާނެ ގޮތެވެ.

ބޭނުންވާނެ ތަކެތި:
1/4 ބޭސަން (ގްރާމް ފްލާ)
1 މޭޒުމަތީ ސަމުސާ ސޭނަޑަލްވުޑް ޕައުޑާ
1 މޭޒުމަތީ ސަމުސާ ވީޓް ގާމް
1 ސައިސަމުސާ ރީނދޫ
1 ސައި ސަމުސާ ރޯ ޔޯގަޓް
1 ސައި ސަމުސާ ރޯ ކިރު
1 ސައި ސަމުސާ ރޯޒްވޯޓާ
1/2 ލުނބޯގެ ހުތް

ފޭސްޕެކް ތައްޔާރުކުރާނެ ގޮތް:
1. ހުރިހާ އެއްޗެއް މަތީގައިވާ މިނަށް ބޯތައްޓަކަށް އަޅާށެވެ.
2. ހުރިހާ އެއްޗެއް އެއްކޮށް އެއްވަންދެން މިކްސް ކޮށް ޕޭސްޓެއް ހަދާށެވެ.
3. އެއަށްފަހު ތައްޔާރުކުރި ޕޭސްޓް މާ ބޮޑަށް ހިކިނަމަ، ކިރުކޮޅެއް އަޅައިގެން އޮލަ ކުރެވިދާނެ އެވެ. މާބޮޑަށް ދިޔާވެއްޖެ ނަމަ ގްރާމް ފްލާ ކޮޅެއް އަޅައިގެން އޮލަކުރެވިދާނެ އެވެ.
4. ޕޭސްޓް ތައްޔާރުކޮށް ނިމުމުން މޫނު ރީތިކޮށް ދޮވެ، ޕޭސްޓް އުނގުޅާލާށެވެ. އަދި މޫނުގައި އުނގުޅާލި ޕޭސްޓް ހިކެންދެން 10 މިނިޓް ވަންދެން ބަހައްޓާށެވެ.
5. ޕޭސްޓް އެއްކޮށް ހިކުމުން ފެނުން މޫނުގައި ހުރި ޕޭސްޓް ތެތްކޮށް، އިނގިލިތަކުން ވައްބުރު ޖެހޭ ގޮތަށް އިރުކޮޅަކު މަސާޖްކުރުމަށްފަހު މޫނު ދޮވެލާށެވެ.