ބޮލީވުޑް

ބޮކްސް އޮފީސް ފަޅުފިލުވައިދިނީ "ޓޮއިލެޓް"

Aug 16, 2017

މި އަހަރުގެ މިހާތަނަށް ރިލީޒްކުރި ބޮޑެތި ބަޖެޓުގެ ގިނަ ފިލްމުތަކެއް ބޮކްސް އޮފީހުގައި ފްލޮޕްވެ، ފިލްމުތަކުގެ ވިޔަފާރި އޮތީ ވަޅުޖެހިފަ އެވެ. މީގެތެރެއިން ގިނައީ ބޮޑެތި ތަރިންގެ ފިލްމުތަކެވެ. ސަލްމާން ޚާން އާއި ޝާހްރުކް ޚާން ފަދަ ތަރިންގެ ފިލްމުތަކަށް ބޮޑެތި ނާކާމިޔާބީތައް ލިބުނުއިރު، ފާއިތުވި ހަތް މަސްދުވަހު ރިލީޒްކުރި ފިލްމުތަކުގެ ތެރެއިން ބޮޑު ކާމިޔާބީއެއް ލިބިގެން ގޮސްފައިވަނީ ކުޑަ ތަރިންގެ ފިލްމުތަކަށޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ.

ބޮޑެތި ފިލްމުތައް ފްލޮޕްވެ، ފިލްމު ޕްރޮޑިއުސަރުންނަށް ބޮޑު މާޔޫސްކަމެއް ލިބިގެން ގޮސްފައިވާއިރު ކައިރި ކައިރީގައި "ހަޑި" ފިލްމުތަކެއް ރިލީޒްވުމުން ބެލުންތެރިން ވެސް ތިބީ މާޔޫސްވެފަ އެވެ.

ބެލުންތެރިންގެ މާޔޫސްކަމާއި ޕްރޮޑިއުސަރުންގެ ބޮލުގެ ރިހުން ބޮޑުވެފައި އޮތް ދަނޑިވަޅުގައި ބޮކްސް އޮފީސް ފަޅުފިލުވައިދިނީ އަކްޝޭ ކުމާރާއި ބޫމީ ޕަޑްނޭރްކަރްގެ "ޓޮއިލެޓް" އެވެ.

އިންޑިއާ އަށް ދިމާވެފައިވާ އެންމެ ބޮޑު އިޖްތިމާއީ އެއް މައްސަލަ ކަމަށްވާ ފާހާނާ ކުރުމުގެ ދަތިކަމުގެ މައްސަލައިގެ މައްޗަށް އުފެއްދި މި ފިލްމު ރިލީޒްކުރިތާ ފަސް ދުވަހުގެ ތެރޭގައި ބޮޑު ކާމިޔާބީއެއް ލިބުމުގެ އެންމެ ބޮޑު އެއް ސިއްރަކީ ފިލްމުގެ ކޮންޓެންޓް މޮޅުވުމެވެ. އިންޑިއާގެ ރައްޔިތުންނާ ގުޅޭ ބޮޑު މައްސަލައެއްގެ މައްޗަށް އުފައްދާފައިވާ މި ފިލްމަށް ފަސް ދުވަހުގެ ތެރޭގައި ވަނީ 82.45 ކްރޯޑް (824 މިލިއަން) ރުޕީޒް ލިބިފަ އެވެ. މި ފިލްމު މިހާރު ވަނީ ފުރަތަމަ ހަފްތާ ބަންދުގައި އެންމެ ވިޔަފާރި ރަނގަޅު ފިލްމުތަކުގެ ހަތަރު ވަނަ އިން ޖާގަ ހޯދާފަ އެވެ.

މި ފިލްމު ރިލީޒްކުރުމުގެ ހަފްތާއެއް ރިން ޝާހްރުކްގެ 'ޖަބް ހެރީ މެޓް ސޭޖަލް" ރިލީޒްކުރި ނަމަވެސް އެ ފިލްމާއި ޝާހްރުކް ހިޔަނި މި ފިލްމަށް އެޅިފައި ނުވެ އެވެ.

ދުވަހެއް ދުވަހަކަށް ފިލްމަށް ލިބެމުން އަންނަ ތަރުހީބު ބޮޑުވެ، އާމްދަނީ ވެސް އިތުރުވަމުން އަންނައިރު، މި ފިލްމު އުފެއްދުމަށާއި ޕްރޮމޯޝަންގެ ހަރަކާތްތަކަށް ހޭދަވެފައިވަނީ 40 ކްރޯޑެވެ. ފިލްމު ޕްރޮމޯޓްކުރުމުގެ ހަރަކާތްތައް ވެސް ކުޑަކޮށް ގެންގޮސްފައިވާއިރު، ފިލްމުގެ ސެޓްލައިޓް ރައިޓްސް ވިއްކައިގެން ވަނީ 67 ކްރޯޑް ލިބިފަ އެވެ.

ފާއިތުވި ދެތިން އަހަރުން ފެށިގެން އަކްޝޭގެ ފިލްމުތަކަށް އަންނަނީ ބޮޑެތި ކާމިޔާބީތަކެއް ލިބެމުންނެވެ. އޭނާ އަށް ވުރެން ބޮޑެތި ތަރިންނަށްވުރެ އޭނާގެ ފިލްމުތައް ބޮކްސް އޮފީހުގައި ހިނގާލެއް ގަދަ އެވެ. ސަބަބެއް ކަމަށް ޓްރޭޑް އެކްސްޕާޓުން ލަފާކުރަނީ އޭނާގެ ފިލްމުތަކަށް ހުރިހާ ގޮތަކުން ލިބޭ ތަރުހީބު ބޮޑުވުމެވެ. ގިނަ މީހުން ބުނާ ގޮތުގައި އޭނާގެ ފިލްމުތަކުގެ ހިމެނޭ ކޮންޓެންޓްތައް ފުރިހަމަވެފައި ކޮލިޓީ އެވެ.

މި ފިލްމަކީ އިންޑިއާގެ ސާފުތާހިރުކަން އިތުރުކުރުމަށް އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ފައްޓަވާފައިވާ ކެމްޕެއިނާ ގުޅުވައިގެން ޝްރީ ނާރަޔަން ސިންގް އުފައްދާފައިވާ ފިލްމެކެވެ.

ފަހަކަށް އައިސް އިންޑީއާގައި އަލަށް ކައިވެނިކޮށްގެން ފިރިމީހާގެ ގެޔަށްދާ ބައެއް އަންހެންކުދިން އޭ ގޭގައި ފާހާނާގެ ދަތިކަން ބޮޑުކަމުން އެނބުރި ގެއަށް ދާ ކަމަށް ވެ އެވެ. މި ފިލްމުގައި ދައްކާނީ މިފަދަ މައްސަލަތަކެއް ދިމާވެ، އަންހެނުން ގެއިން ނިކުމެގެން ދިއުމުން އޭނާ އަލުން އަނބުރާ ހޯދަން ބޯދާ ވިސްނުމާ ދެކޮޅަށް ގޭގައި ފާހާނާއެއް އިމާރާތްކުރަން ނިކުންނަ ޒުވާނެއްގެ ވާހަކަ އެވެ.