ހަބަރު

ވަގު ފައިސާގެ މައްސަލަ އޭސީސީ އާއި ފުލުހަށް ހުށަހަޅައިފި

ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅު، ދޫވެއްސަށް ހަލާލު ނޫން ފައިސާ ވަދެފައިވާ ކަމަށް އެމަނިކުފާނު އަމިއްލަފުޅަށް އިއުތިރާފުވި މައްސަލަ އިދިކޮޅު ޕާޓީތަކުން ފުލުހުންނަށާއި އެންޓި ކޮރޮޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.

"ރުމާލު 2" ޖަގަހަ ހުޅުމަށް މިދިޔަ ހޯމަ ދުވަހު ބޭއްވި ހަފްލާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ކުރީގައި ވަރަށް އަރިސް އަހުމަދު އަދީބު ގެންގުޅުއްވީ ހަލާލު ނޫން ފައިސާކަން މިހާރު އެނގިވަޑައިގަންނަވާ ކަމަށާއި އެހެންކަމުން އެމަނިކުފާނުގެ ގެކޮޅު ދޫވެއްސަށް ވެއްދި ފައިސާ ވެސް ވާނީ ހަލާލު ނޫން ފައިސާއަށް ކަމަށެވެ.

އެކަމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ބުނެފައި ވަނީ ޝަރީއަތަށް ސާބިތުވެފައިވާ އެމްއެމްޕީއާރްސީގެ ކޮރަޕްޝަންއާ ގުޅޭ ފައިސާތަކެއް އަމިއްލަފުޅު ގެއަށް ވަދެފައިވާ ކަމަށް ރައީސް އިއުތިރާފްވެފައިވާތީ، އެ މައްސަލަތައް އަލުން މުއައްސަސާތަކަށް ހުށަހަޅާފައިވާ ކަމަށެވެ.

މީގެކުރިން ވެސް އެމްއެމްޕީއާރްސީގެ ކޮރަޕްޝަނާ ގުޅިގެން ރައީސް ޔާމީނަށް އަމާޒުވާ ތުހުމަތުތަކާ ގުޅިގެން މައްސަލަތައް އޭސީސީއަށާއި ފުލުހަށް ހުށަހަޅާފައިވާނެ ކަމަށާއި ނަމަވެސް އެ މައްސަލަތައް ބެލުމަށް އެ މުއައްސަސާތަކުން ސަމާލުކަން ނުދޭ ކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފަ އެވެ. އެކަން ނުބަަލައި ލަސްކުރާ މައްސަލަ މާދަމާ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް ވެސް ހުށަހެޅުމަށް ވެސް އިދިކޮޅު ފަރާތްތަކުން ވަނީ ނިންމާފަ އެވެ.