ވިޔަފާރި

މީރާ ކުޑަކުދިންގެ ހަވީރު މާދަމާ ހުޅުމާލޭގައި

މީރާ ކުޑަކުދިންގެ ހަވީރު 80 އެކްޓިވީޓީއާއެކު މާދަމާ ހަވީރު ހުޅުމާލޭގައި އޮންނާނެ އެވެ.

މީރާގެ އަހަރީ ދުވަހާ ގުޅިގެން ކޮންމެ އަހަރަކު ފާހަގަ ކުރާ "ޓެކްސް ވީކް" ނިންމުމުގެ ގޮތުން ބާއްވާ ކުޑަކުދިންގެ ހަވީރުގައި ކޮންމެ އަހަރަކުވެސް ގިނަ ހަރަކާތްތަކެއް ހިންގާނެ އެވެ.

މީރާގެ އޮފިޝަލަކު ވިދާޅުވީ މީރާ ކުޑަކުދިންގެ ހަވީރުގައި މީރާގެ މުވައްޒަފުންގެ އިތުރުން ދައުލަތުގެ އެހެން މުވައްސަސާތަކުންވެސް ބައިވެރިވާނެ ކަމަށެވެ.

"ދަންމާނު ބޮޑު ބެރު ގްރޫޕުގެ ހުށަހެޅުންތަކެއް ވެސް އޮންނާނެ. މި އިވެންޓުގައި ކުޑަކުދިންނަށް ހާއްސަ ގިނަ ހަރަކާތްތަކެއް ކުރި އަށް ދާނެ،" އޮފިޝަލް ވިދާޅުވި އެވެ.

މީރާގެ ކުޑަކުދިންގެ ހަވީރު ބާއްވަން ނިންމާފައިވަނީ މާދަމާ ހަވީރު ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ.

މީރާގެ ހިދުމަތަށް ހަތް އަހަރު ފުރުމާ ގުޅިގެން ކުރިއަށް ގެންދިޔަ "ޓެކްސް ވީކް" ގައި ޓެކްސް ދައްކާ ފަރާތްތަކާ އާންމުންނަށް އަމާޒުކޮށް ޓެކުހަށް ހޭލުންތެރިކުރުމުގެ ގިނަ ހަރަކާތްތަކެއް ގެންދިޔަ އެވެ، އޭގެ ތެރޭގައި ޓެކުހާގުޅޭ މައުލޫމާތު ދިނުމުގެ ހާއްސަ ހަރަކާތްތަކެއް މާލެއާ އަތޮޅުތެރޭގައި ބޭއްވުމުގެ އިތުރުން ސްކޫލްތަކުގެ ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ހަރަކާތްތަކެއް ސްކޫލްތަކުގައި ބޭއްވުމަށް ވެސް ހިމެނެ އެވެ.