ރާއްޖެ ކުޅިވަރު

އެލައިޑް ބަލިކޮށް އެސްޓީއޯ އިން ޗެމްޕިއަންކަން ދިފާއުކޮށްފި

ކްލަބް މޯލްޑިވްްސް ފުޓްސަލް ކަޕްގެ ފައިނަލްގައި މިއަދު ހަވީރު އެލައިޑް އިންޝުއަރެންސް އަތުން ޕެނަލްޓީ ޖަހައިގެން 5-4 އިން މޮޅުވެ، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ޖެހިޖެހިގެން ދެވަނަ ފަހަރަށް މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ. މިއީ އެސްޓީއޯ މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ހަތަރު ވަނަ ފަހަރެވެ.

މާފަންނު ސްޓޭޑިއަމްގައި ކުރިއަށް ދިޔަ މުބާރާތުގެ ފައިނަލް މެޗުގެ ފުރިަހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އޮތީ 2-2 އިން އެއްވަރުވެފަ އެވެ. މެޗުގެ 10 ވަނަ މިނިޓުގައި އެސްޓީއޯ އަށް ލިބުނު ޕެނަލްޓީއަކުން އެ ޓީމަށް ލީޑު ހޯދައިދިނީ އެ ޓީމުގެ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) އެވެ. އެކަމަކު ފުރަަތަމަ ހާފު ނިމެން ކައިރިވެފައިވަނިކޮށް، އެލައިޑްގެ މުހައްމަދު ރިއްފަތު ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

އެލައިޑް އިން ލީޑު ނެގީ މެޗުގެ 35 ވަނަ މިނިޓުގައި އަބްދުﷲ މުއާޒް (އޮޓޯ) ޖެހި ލަނޑުންނެވެ. އެކަމަކު އެސްޓީއޯގެ އިންމި ވަނީ މެޗު ނިމެން ކައިރިވެފައި ވަނިކޮށް ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި އެލައިޑްގެ ކެޕްޓަން އިސްމާއިލް ޝަފީއު (ވަކަ އިއްސޭ) ޖެހި ޕެނަލްޓީ އެސްޓީއޯގެ ގޯލްކީޕަރު މޫސާ ފަތުހީ ވަނީ ދިފާއުކޮށްފަ އެވެ. އެލައިޑްގެ ތިން ޕެނަލްޓީގެ ތެރެއިން ކާމިޔާބުވީ ހުސެއިން ޝަވީލް ޖެހި ޕެނަލްޓީ އާއި ހުސެއިން ރަޝީދު (ކާއްޓޭ) ޖެހި ޕެނަލްޓީ އެވެ. އެސްޓީއޯގެ އިންމި އާއި އަލީ ނާސިހު އަދި މުހައްމަދު ޔަފާއު ވަނީ އެސްޓީއޯގެ ތިން ޕެނަލްޓީ ވެސް ކާމިޔާބުކޮށްފަ އެވެ.

މި މުބާރާތުގެ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމާއި މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމު އަދި ފައިނަލް މެޗުގެ "ސަޅި ގޯލު" ޖެހި ކުޅުންތެރިއާގެ މަގާމު ލިބުނީ އިންމިއަށެވެ. މި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ އިންމި އާއި އެސްޓީއޯގެ ގޯލްކީޕަރު މޫސާ އާއި އެލައިޑްގެ އިބްރާހިމް މުބީން އާއި ރިއްފަތު އަދި އެއާޕޯޓްސް ކޮމްޕެނީގެ އަލީ ހައިޝަމް އެވެ.

މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއާގެ މަގާމު ލިބުނީ އެމްއާރްޑީސީގެ އިސްމާއިލް އީސާ (މެސީ) އާއި އެއާޕޯޓްސް ކޮމްޕެނީގެ ހައިޝަމްއަށެވެ. މެސީ އާއި ހައިޝަމް، ކޮންމެ ކުޅުންތެރިއެއް ވަނީ މުބާރާތުގައި 11 ލަނޑު ޖަހައިފަ އެވެ.

މި މުބާރާތުގެ އަންހެނުންގެ ބައި ނުވަތަ މައިލޯ 18/30 ވިމެންސް ފުޓްސަލް ފިއެސްޓާގެ ފައިނަލްގައި ޕޮލިސް ކްލަބް އަތުން މޮޅުވެ، އިމިގްރޭޝާން ވަނީ އިއްޔެ ޗެމްޕިއަންކަން ހޯދައިފަ އެވެ.