ރައްޔިތުން މަޖިލީހުގެ އިދާރާއިން 2014 ވަނަ އަހަރު ރަސްމީ ދަތުރުތައް ކުރުމަށް ފައިސާ ދައްކާފައިވާ ޓިކެޓް ތަކުގެ ތެރެއިން ކެންސަލް ކޮށްފައިވާ ދަތުރުތަކުގެ ތެރެއިން ރިފަންޑްގެ ގޮތުގައި ލިބެންޖެހޭ 1.9 މިލިއަން ރުފިޔާ މަޖިލީހަށް ލިބިފައިނުވާ ކަމަށް 2015 ވަނަ އަހަރުގެ ރައްޔިތުން މަޖިލީހުގެ އޮޑީޓް ރިޕޯޓުން ހާމަ ވެއްޖެ އެވެ.
މިދިޔަ ހޯމަ ދުވަހު ނެރުނު އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ، 2014 ވަނަ އަހަރު ރައްޔިތުން މަޖިލީހުގެ ރަސްމީދަތުރުތައް ކުރުމަށް ޓިކެޓަށް ފައިސާ ދައްކާފައިވާ ޓިކެޓްތަކުގެ ތެރެއިން ކެންސަލް ކޮށްފައިވާ ޓިކެޓް ތަކުގެ ރީފަންޑްގެ ގޮތުގައި 2016 ވަނަ އަހަރު ފެބްރުއަރީ ތިން ވަނަ ދުވަހުގެ ނިޔަލަށް 1.9 މިލިއަން ރުފިޔާ މަޖިލީހަށް ލިބިފައި ނުވާ ކަމަށެވެ. އަދި އެ ފައިސާ ހޯދަން މަޖިލީހުގެ އިދާރާއިން އެދެވޭ މަސައްކަތްތަކެއް ކޮށްފައިނުވާ ކަމަށްވެސް ރިޕޯޓްގައި ވެއެވެ.
މަޖިލީހުގެ އިދާރާގެ ބެލުމުގެ ދަށުގައިހުރި ދައުލަތުގެ ހަރު މުދަލާއި ދައުލަތުގެ ހިސާބު ކިތާބު މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް ބަލަހައްޓާފައި ނުވާ ކަމަށްވެސް އޮޑިޓް ރިޕޯޓްގައި ބަޔާން ކޮށްފައި ވެއެވެ.
"މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ދައުލަތުގެ ތަނަކަށް ލިބެންވާ ފައިސާ އެއް އެއްމަސް ދުވަަހުގެ ތެރޭގައި ނުލިބިއްޖެ ނަމަ ފިޔަވަޅު އަޅަން ޖެހޭނެ، ނަމަވެސް ރިފަންޑްގެ ގޮތުގައި ލިބެންޖެހޭ ފައިސާ ހޯދުމަށް މިޖިލީހުގެ އިދާރާއިން އެކަށީގެންވާ ގޮތެއްގައި ފިޔަވަޅު އަޅާފައެއް ނުވޭ" އޮޑީޓް ރިޕޯޓްގައި ވެއެވެ.
މީގެ އިތުރުން ދެން ފާހަގަ ކުރި މައްސަލަ އަކީ، ރައްޔިތުން މަޖިލީހުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ވަޒީފާދީފައިވާ 24 އޮފިސަރުންނަށް، އެމީހުން ލައްވާ މަސައްކަތެއް ނުކޮށް 13.5 މިލިއަން ރުފިޔާ 2014 އިން 2017ގައި ނިޔަލަށް ދީފައިވުމެވެ. ނަމަވެސް އެ 24 ސެކިއުރިޓީ އޮފިސަރުން މަޖިލީހުގެ ސަލާމަތީކަންކަން ބަލަހައްޓާފައިވަނީ 2015 ވަނަ އަހަރުގެ ނިޔަލަށް ކަމަށް ރިޕޯޓްގައިވެ އެވެ. ނަމަވެސް ވަޒީފާއިން ވަކި ކުރުމުގެ ދެމަސް ދުވަހުގެ ކުރިން ދޭން ޖެހޭ ނޯޓިސް ދީފައިވަނީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހު ކަމުން އެ މުއްދަތުގެ ތެރޭގައި ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް ވެސް އޮޑިޓް ރިޕޯޓްގައި ވެއެވެ.
ރިޕޯޓްގައިވާ ގޮތުން، 2015 ވަނަ އަހަރު ރައްޔިތުން މަޖިލީހުގެ ހަރަދުތަށް ކޮށްފައިވަނީ ގާނޫނާ އެއްގޮތަށް ކަމަށާއި އަދި އެ ހަރަދުތައް ކޮށްފައިވަނީ މަޖިލީހުން ކަނޑައަޅާފައިވާ ނަޖެޓްގެ ތެރެއިން ކަމަށްވެސް އޮޑިޓް ރިޕޯޓްގައި ވެއެވެ.